އިންޑިއާ އައުޓް ހަރަކާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތީ ހިތާ ދެކޮޅަށް، ވަތަނީ ކަމެއް ނެތް

"މިއަދު އޭނަ [ހުސެން] ލައްވާ ބުނުއްވައިފި މުއިއްޒު، މުއިއްޒު އިންޑިއާ އައުޓް ޓީޝާޓު ލައިގެން އުޅުމާ، އެއީ މުއިއްޒު ކުރެއްވި ކަމެއް ނޫނޭ. އެއީ ރައީސް ޔާމީނަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން ކުރެއްވި ކަމެކޭ،"

ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް ކެމްޕޭންގައި: ރައީސް ޑރ. މުހައްމަދު މުއިއްޒު މި ކެމްޕޭނުގައި އުޅުއްވީ ހިތާ ދެކޮޅަށް ކަމަށް ވަނީ ވިދާޅުވެފައި --

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީ އިން ވަރަށް ވަރުގަދަޔަށް ހިންގި "އިންޑިއާ އައުޓް" ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނު ރުއްސެވުމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތީ ހިތާ ރޫހުން، އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

އެ ވާހަކަތައް ދެއްކެވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ހުސެއިން އަކީ އޭރު މި ހަރަކާތުގައި ވަރަށް އިސްކޮށް އުޅުއްވި މީހެކެވެ.

"މިއަދު އޭނަ [ހުސެން] ލައްވާ ބުނުއްވައިފި މުއިއްޒު، މުއިއްޒު އިންޑިއާ އައުޓް ޓީޝާޓު ލައިގެން އުޅުމާ، އެއީ މުއިއްޒު ކުރެއްވި ކަމެއް ނޫނޭ. އެއީ ރައީސް ޔާމީނަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން ކުރެއްވި ކަމެކޭ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ހުވާ ކުރެއްވި ދުވަހު ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ އެހެންކަމުން "މިހިރަ ދިދަޔާ" އޭ ކިތަންމެ ވަރަކަށް ކިޔަސް، ރައީސް މުއިއްޒުގެ ހަށިކޮޅުގައި ވަތަނީ ސިފައެއް ނެތް ކަމަށެވެ.

"މުއިއްޒު މިދައްކަވާ ވާހަކަ، އެއީ އިންޑިއާ އައުޓް ކެމްޕޭނާ، މިހުރިހާ ކަމެއްގަ މުއިއްޒު ބައިވެރިވީ ރައީސް ޔާމީން ރުއްސާށޭ، ރައީސް ޔާމީނަށް އޮތް އިހުތިރާމެއްގެ ބޮޑުކަމުންނޭ، ތިމަންނަ އޮތް ގައުމީ ލޯތްބަކާ ހެދިއެއް ނޫނޭ. އެހެންވީމަ މުއިއްޒު އެހުންނެވީ އިންޑިއާގެ ޕްރެޝަރުގަ ކަމަށް ގަބޫލު ކުރެއްވޭތޯ؟ އެއީ އިންޑިއާ ކައިރިއަށް މިދަނީ ހުރިހާ ލާރިއެއް ހޯދާ ހުރިހާ ކަމެއް ކުރަން،" ރައީސަށް ތުހުމަތު ކުރައްވަމުން ޔާމީން ސުވާލު އުފެއްދެވި އެވެ.

ޔާމީން ވިދާޅުވީ ވެރިކަން ލިބިވަޑައިގެން ރައީސްގެ ފަރާތްޕުޅުން އަލްޖަޒީރާއަށް ފޮނުއްވާފަ އޮތް ބަސްދީގަތުމެއްގައި، އިންޑިއާ އައުޓް ހަރަކާތުގެ ޗެމްޕިއަނަކީ ތިމަންނައޭ ރައީސް ލިޔުއްވާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެމަނިކުފާނުގެ ރާގު ބަދަލުވެ، އެއީ ރައީސް ޔާމީން ކުރެއްވި ކަމެކޭ ވިދާޅުވަމުންދާ ކަމަށެވެ.

"ސަބަބުވެރި އިންސާނާ މިނެކިރާއިރު ގަބޫލު ކުރެވޭހޭ ރައީސަށް ނުފޫޒު ފޯރުވާ ބަޔަކީ އިންޑިއާއޭ ރައީސް ޔާމީން ވީއްލުނަ ނުދޭން، ކޯޓުތަކުގެ ތެރޭގަ މި މައްސަލަތައް ދަންމަން،" ރައީސަށް އިންޑިއާގެ ޕްރެޝަރު އަންނަކަން ފާހަގަކުރައްވައި، ކޯޓުތަކުގައި ހިނގާ އެމަނިކުފާނުގެ ޝަރީއަތްތަކާ ގުޅޭ ގޮތުން ޔާމީން ސުވާލު އުފެއްދެވި އެވެ.

ޔާމީން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ޝައުގުވެރިކަން ހުންނަ މައްސަލަތަކަށް އަބަދުވެސް އަތްބާނާ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަަމުގައި ވެސް އެކަން ތަޖުރިބާ ކުރެއްވި ކަމަށެވެ. ކުޑަކުޑަ ގައުމަކަށްވުމުން، އެމީހުން ގަބޫލު ނުކުރާ ޑިމޮކްރެސީގެ ކަންކަން ހިނގާނަމަ އެކަންކަމަށް އިންޑިއާއިން އަބަދުވެސް ގޮތް ކިޔާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީން މިއަދު ވެސް މިބުނަނީ، އުފަލާ ޝަރަފާ ފަހުރުވެރިކަމާއެކީ މިބުނަނީ އިންޑިއާ މިތަނުން ބޭރުވާން ޖެހެއޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވަނީ އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލާފަ އެވެ. ނަމަވެސް، އޭގެ ބަދަލުގައި އިންޑިއާގެ ސިވިލިއަނުން ވަނީ ގެނެސްފަ އެވެ. އެއީ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މީހުން ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ގެނެސްފައި ވަނީ ކޮންމެ ސިފައިނަކަށް މީހެކެވެ. 

ސަރުކާރުން ދަނީ އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތަށް ވެސް ވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.