އިސްތިއުނާފީ މަރުހަލާ ނިމެންދެން ކަފާލާތު ދެވޭ ގޮތް ހަދަނީ

އެގޮތުން، އޭނާގެ މައްޗަށް ސާބިތުވި ކުށުގެ ކުޑަބޮޑުމިން ބަލަންވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އެގޮތުން، މީހުން މެރުމާއި، ޓެރަރިޒަމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނަށް ކަފާލާތެއް ނުލިބޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖިނާއީ މައްސަލަތައް ސާބިތުވެ ހުކުމްކޮށްފައިވާ މީހުން، އިސްތިއުނާފީ މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލެވޭ ގޮތަށް ޖިނާއީ އިޖުރާއަތު ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ކަފާލާތަކީ ބަންދުކޮށްފައިވާ މީހަކު ކޯޓަށް ހާޒިރުވާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެކަށީގެންވާ މިންވަރެއްގެ ފައިސާ ކޯޓުގައި ބަހެއްޓުމަށްފަހު ނުވަތަ މީހަކު ޖާމިނުކޮށް، ނޫނީ ވަކި ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކޯޓުގައި އެދޭ މީހުން ދޫކުރާ އުސޫލެކެވެ.

މިިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލުގައި، ގާނޫނުގައި މިހާރު އޮތް ކަފާލާތުގެ އުސޫލުތަކާއި، ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާ ގުޅޭ އުސޫލުތަކަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. ކަފާލާތުގެ ދަށުން ދޫކުރުމުގެ އުސޫލު ހަރުދަނާ ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކެވެ.

މިހާރު ގާނޫނު އޮތް ގޮތުން، ކަފާލާތުގެ ދަށުން މީހަކު ދޫކުރެވޭނީ ހަމައެކަނި ކުށެއްގެ ތުހުމަތުގައި ބަންދު ކުރާ މީހުން އެކަންޏެވެ. ހުށަހަޅާފައިވާ ބިލުގައި ވަނީ، ވަކި ހާލަތްތަކެއްގައި ޖިނާއީ ކުށެއް ސާބިތުވާ މީހުން އިސްތިއުނާފީ މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލެވި ދާނެ ކަމަށެވެ.

އެގޮތުން، އޭނާގެ މައްޗަށް ސާބިތުވި ކުށުގެ ކުޑަ ބޮޑުމިން ބަލަން ވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އެގޮތުން، މީހުން މެރުމާއި، ޓެރަރިޒަމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނަށް ކަފާލާތެއް ނުލިބޭނެ އެވެ.

އޭގެ އިތުރުން، ކަފާލާތުގެ ދަށުން ދޫކޮށްލާ މީހާ ހުށަހަޅާފައިވާ އިސްތިއުނާފަކީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ، ކާމިޔާބު ކުރެވޭނެ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް އިސްތިއުނާފަކަށް ވެސް ވާން ޖެހެ އެވެ. އަދި، އެ މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ ކުޑަ ބޮޑު މިނާއި، އޭނާ ފިލައިފާނެ ކަމަށް ބެލެވޭ މިންވަރަށް ބަލަން ވާނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ދަށު ކޯޓުން މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ހުކުމް ކުރުމުގެ ކުރިން ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެ ހާލަތްތަކެއް ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން، މީހެއްގެ މައްޗަށް ކުށް ސާބިތުވުމަށްފަހު ވަކި މަޖިލީހެއްގައި އަދަބު ކަނޑައަޅާނަމަ، އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ އަދުލު އިންސާފު ގާއިމްކުރުމަށް މުހިންމު ކަމެއް ކަމަށް މަދަނީ މިންގަނޑުން އޭނާ ސާބިތު ކޮށްދީފިނަމަ މި އުސޫލުގެ ދަށުން ދޫކޮށްލެވޭނެ ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރު ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ ބަޔަކު ދޫކޮށްލާފައި ވަނީ ސެޕްޓެމްބަރު 30، 2018 ގައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށްލައި، ކުށް ސާބިތުވި ސިޔާސީ ތިން ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ނަމަވެސް ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި ނެތުމުން ހައިކޯޓުން ވަނީ އެގޮތަށް ކަފާލާތު ނުދެވޭނެ ކަމަށް ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.