ފިނޭންސް އިން މިހާރު ނިންމާފައި ވަނީ ގައުމީ އެއާލައިން ދަތުރު ނުކުރާ މަންޒިލެއްނަމަ ސީދާ އެެއާލައިންއާ ވާހަކަ ދައްކައިގެން އަގުހެޔޮކޮށް ޓިކެޓު ހޯދުމުގެ ފުރުސަތު އޮންނަ ގޮތަށެވެ.
ހަރަދު ކުޑަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުގެ އެކި އޮފީސްތަކާއި އިދާރާތަކުން ކުރާ ދަތުރުތަކުގައި ކުރިން ޓިކެޓު ނެގުމުގެ އުސޫލަށް ބަދަލެއް ގެނެސްފި އެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ މުއްސަސާތަކަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި ފޮނުވާފައިވާ ސާކިއުލާއެއްގައިވާ ގޮތުން ޖެނުއަރީ 2016 އިން ފެށިގެން ހަމަޖައްސާފައި އޮތް އުސޫލަކީ ރާއްޖެއާއި ރާއްޖޭން ބޭރަށް ސަރުކާރުން ކުރާ ހުރިހާ ދަތުރުތަކުގައި އައިލެންޑް އޭވިއޭޝަންގެ ޓްރެވަލް ޑިވިޝަން "މޯލްޑިވިއަން" ހޮލިޑޭސް އިން ހަމައެކަނި ޓިކެޓު ނެގޭ ގޮތަށެވެ. މިގޮތަށް އޮތުމުން މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލްތައް ނޫން މަންޒިލްތަކަށް މޯލްޑިވިއަން ހޮލިޑޭސްއިން ވިއްކާ ޓިކެޓުގެ އަގު ބޮޑުވެ އެވެ. އެހެންވެ ފިނޭންސް މިނިސްޓްރީން އިއްޔެއިން ފެށިގެން ވަނީ އެ އުސޫލުން ފިނޭންސުން އުވާލާފަ އެވެ.
އަލަށް އެކުލަވާލެއްވި އުސޫލުގައިވާ ގޮތުން މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލް ނޫން އެހެން މަންޒިލްތަކަށް ސަރުކާރުގެ އޮފީސްތަކުން ވައިގެ މަގުން ކުރާ ދަތުރުތަކަށް ސީދާ އެއާލައިންތަކުގެ އަގު ބެލުމަށްފަހު އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެން ހުރި އެއާލައިންއަކުން ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް ޓިކެޓު ހޯދުމުގެ ފުރުސަތު މިހާރު އޮންނާނެ އެވެ.
އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ބޭރަށް ދަތުރު ތަކެއް ކޮށްފައިވެ އެވެ. އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ސަރުކާރުން ދަތުރު ފަތުރަށް މިހާތަނަށް ވަނީ 108.1 މިލިއަން ހަރަދުކޮށްފަ އެވެ. މި ހަރަދު މިދިޔަ އަހަރު ހުރީ 120.6 މިލިއަން ރުފިޔާގަ އެވެ. ޓްރެވަލް އެކްސްޕެންސަސްއަށް މިއަހަރަށް 228.3 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ބިޒްނަސް ކްލާހުގައި ކުރާ ދަތުރުތަށް މަދުވެސް ކޮށްފަ އެވެ. އަދި ސަރުކާރުގެ ރަސްމީ ދަތުރުތައް ނިމުމަށްފަހު ކުރީގެ ސަރުކާރާ ހިލާފަށް ދަތުރު ހަރަދުތަށް ގަވައިދުން އާއްމުވެސް ކުރަމުންނެވެ.
ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ވިދާޅުވެފައިވާ ގޮތުގައި މިހާރު ކުރާ ދަތުރުތަކަކީ ކޮންމެހެން ދާން ޖެހޭ ދަތުރުތަކެވެ. މިގޮތުން މިހާރު ދަނީ ކޮންމެހެން ސަރުކާރުގެ ވަޒީރެއް ނުވަތަ ވެރިއެއްގެ ޕްރެސެންސް އެ ތަނުގައި ނެތުމުން އެކަމުގެ އަސަރު ރާއްޖެ އަށް ކޮށްފާނެތީ އެވެ. މިގޮތުން ބޮޑެތި ޕްރޮޖެކްޓްތަކާމެދު މަޝްވަރާ ކުރުމާއި ބޮޑެތި ކޮންފަރެންސްތަކަށް ދައުލަތުގެ ވެރިން ކުރާ ދަތުރުތައްވެސް ހިމެނެ އެވެ.
ސަރުކާރުން ވަނީ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފަށާފަ އެވެ. އިގްތިސޯދީ ރިފޯމްގެ ދަށުން މިމަހުން ފެށިގެން މި ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ އާމްދަނީ ލިބުނުނަމަވެސް ހަރަދު ދެކޮޅު ނުޖެހުން ފޫބެއްދުމެވެ.