ހަރަދު ކުޑަކުރުމަށް ކޮންމެ ގުރުބާނީއެއް ވާން ތައްޔާރު: ގާސިމް

ގާސިމް ވިދާޅުވީ ފިޔަވަޅުތައް ނާޅައިފި ނަމަ ގައުމުގެ ހާލަތު ގޯސްވެ، ސަބްސިޑީތަކާއި ބަލިމީހުންނަށް ދައުލަތުން ދެމުން އަންނަ އެހީތައް ކަނޑާލާ ހިސާބަށް ދިއުމުގެ ބިރު އޮތް ކަމަށެވެ.

މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް؛ --

ހަރަދު ކުޑަކުރުމަށް ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުންނެވި ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. 

ސަރުކާރުން ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލުގެ ބަހުސްގައި ގާސިމް ވިދާޅުވީ، ގައުމު މިހާރު އޮތް ހާލަތުން އިތުރަށް ގޯސްވިޔަ ނުދީ، ހަރަދު ކުޑަކުރުމަށް ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުންނެވިކަމަށާއި، މަޖިލީހުގެ އެހެން މެންބަރުން ވެސް ވިސްނުން ހުންނާނީ އެގޮތަށް ކަމަށް ގަބޫލުކުރައްވާކަމަށެވެ. 

"އަޅުގަނޑަށް ކަށަވަރު މި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު މި ގައުމު ސަލާމަތްކުރުމަށްޓަކާ އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން، ކޮންމެ ހިތި ބޭހެއް ވެސް ބޯން މިތިބީ ތައްޔާރަށްކަން. އަޅުގަނޑުމެން މިތިބީ ސާބިތުކަމާ އެކުގައި." ގާސިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ އިގްތިސާދު ރަނގަޅުކޮށް މާލީ ހާލަތު ރަނގަޅުކުރުމަށް ދައުލަތުން އިސްލާހުކުރަންޖެހޭ ކަންކަމާ، ފިޔަވަޅު އަޅަންޖެހޭ ކުންފުނިތަކާ، ޒިންމާއެއް ނެތް ގޮތަށް ދީފައިހުރި ވަޒީފާތަކާ މެދުވެސް ފުންކޮށް ވިސްނުމަށް ފަހު ރަނގަޅު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. 

ރާއްޖެ އެއްކޮށް ބަނގުރޫޓުވުމުގެ ކުރިން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އެހެން ނޫންނަމަ ރާއްޖެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ޕްރޮގްރާމަށް ވަންނަން ޖެހޭ މިންވަރަށް ހާލަތު ގޯސްވުން ކައިރި ކަމަށެވެ. 

"އެހެންކަމަށް ވެއްޖެޔާ ރައީސުލްޖުމްހޫރިއްޔާއެއް ނުވަތަ އެހެން ވެސް މީހެއް ހުންނާކަށް ނުޖެހޭނެ، އިތުރަށް ދަންނަވަންތޯ، އެންމެ ޒަރޫރީ ހާލަތަށްޓަކައި އޮންނަ ސަބްސިޑީ ވެސް ޖެހޭނީ ކަނޑާލަން. ހުރިހާ ސަބްސިޑީތައް ޖެހޭނީ ކަނޑާލަން. އަޅުގަނޑު މިހެން މި ދަންނަވަނީ މިހުރިހާ މައުލޫމާތެއް ލިބިހުރި މީހެއްގެ ހައިސިއްޔަތުން،" ގާސިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ ވައުދުތައް ފުއްދުމަށް ވުރެވެސް މިވަގުތު މުހިންމީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުން ކަމަށެެވެ. ކޮންމެ ވެރިކަމެއްގައި ހާލަތްތަކާ ގުޅިގެން ނުފުއްދޭ ވައުދުތައް ވެސް ހުންނާނެ ކަމަށާއި، އެއީ "މައްސަލައެއް ނޫން" ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.