ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކުރިން މި ސަރުކާރުން ވައުދުވީ ހާމަނުކުރާނެ އެއްވެސް ކަމެއް ނުބާއްވާނެ ކަމަށް ކަމަށާއި، މިއަދު ސިޔާސީ މަގާމުތައް ހާމަކުރަން އެމްޑީޕީއިން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ ވައުދާ ހިލާފަށް ކަމަށެވެ.
މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައަށް ހޭދަވާ މިންވަރު ހާމަކުރުމަށް ލާޒިމްވާގޮތަށް މިއަދު އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ ރިޔާސީ އިންތިހާބުގެ ކުރިން ވީ ވައުދާ ހިލާފަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން، ފައްޔާޒު އެކްސްގައި ވިދާޅުވީ، ކުއްލި މައްސަލަ ބޭރުކޮށްލީ ހާމަ ނުކުރާނެ އެއްވެސް ކަމެއް ނުބާއްވާނެ ކަމަށް އޭރު ޕީއެންސީއިން ވީ ވައުދާ ހިލާފަށް ކަމަށެވެ.
"...ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ އިގްތިސާދު މެނޭޖުކުރަން މިސަރުކާރަށް ނޭނގި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގުހެދުމުގެ ސަބަބުން ކުރިމަތިވާ ކަމެއް." އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އެކްސްގައި ޕޯސްޓުކުރެއްވި އެވެ.
މިއަދު ކުއްލި މައްސަލައެއްގެ ގޮތުގައި މީކާއީލް ހުށަހެޅުއްވެވި ގަރާރު ބަލައިގަތުމަށް މިއަދު ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ބަލައިގަތުމާ ދެކޮޅަށް 56 މެންބަރަކު ވޯޓު ދެއްވި އެވެ.
މި ގަރާރު ބޭރުކޮށްލުމުން މިއަދު މަޖިލީހުގައި ކުރިއަށްދާ ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރެއްވުމުގެ ފުރުސަތު ހޯއްދަވައިގެން މެންބަރު މީކާއީލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ޕީއެންސީގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ދިމާވެފައި އޮތް ހާލަތަކީ ދިވެހި ރައްޔިތުން މުސާރަ ދޭ މީހުންގެ އަދަދު ވެސް ދިވެހި ރައްޔިތުންނަށް އެނގުން މަނާ، ސިއްރު. މިއީ ސިއްރު މައުލޫމާތުގެ ގޮތުގައި ޕީއެންސީގެ ސަރުކާރުގައި މި މައުލޫމާތާމެދު އަމަލު ކުރެވެމުންދަނީ." މީކާއީލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ ބަޔަކު އައްޔަންކޮށްފައިވީ ނަމަވެސް އެ އަދަދުތައް ރަނގަޅަށް ސާފު ކޮށްދީފައެއް ނުވެ އެވެ.