ދަރިފުޅު ގޮވައިގެން ފިރިމީހާއާ ދުރުގައި އަހަރަކަށް ވުރެ ގިނަ ދުވަހު ހުރި ކަމަށާއި އަދި ވަރަށް ގިނަ އުނދަގޫ ތަކާއި ކުރިމަތިލި ކަމަށް ޕާޔަލް ބުނެ އެވެ.
މިހާރު ބިގްބޮސް އޯޓީޓީ 3 ގައި ބައިވެރި ވެގެން އުޅޭ އަރްމާން މާލިކްގެ ދޮށީ އަނބި ޕާޔަލް މާލިކް އޭނާގެ ފިރިމީހާ ދެވަނަ ކައިވެނި ކުރުމުން އަހަރަކަށް ވުރެ ގިނަ ދުވަހު ދުރުގައި ހުރި ކަމަށް އޭނާ ބުނެފި އެވެ.
މިހާރު ދައްކަމުންދާ ބިގްބޮސް އޯޓީޓީ 3 ގައި އަރްމާން މާލިކާއެކު ދެ އަނބިން ބައިވެރި ވެފައި ވެއެވެ. ނަމަވެސް ފާއިތުވި ހަފްތާގައި ޕާޔަލް ވަނީ ޝޯއިން އެލިމިނޭޓް ވެފަ އެވެ.
ޕާޔަލް އިތުރަށް ބުނެފައި ވަނީ އަރްމާން އޭނާގެ ބެސްޓް ފްރެންޑާ ކައިވެނި ކުރުމުން ވަރަށް ދެރަވި ކަމަށެވެ. އަދި އެއްވެސް ފިރިހެނަކު އަންހެނަކާމެދު އެހެން ކަންތައް ކުރުމަށްވުރެ ހިތްދަތިކަމެއް ނުދެވޭނެ ކަމަށާއި ގެއަށް އެހެން އަންހެނެއް ގެނައުމުން އަނބިމީހާ އަށް ކެތް ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އަރްމާންއާ ވަކިން ނޫޅެވޭނެ ކަމަށާއި އަދި އަރްމާން އަށް ދެ އަނބިން ކުރެން އެއްވެސް މީހަކު ދޫކޮށް ނުލެވޭނެ ކަމަށެވެ. އޭނާގެ ދަރިފުޅު ގޮވައިގެން އެކަނި އުޅުނު އެއް އަހަރު ދުވަހުގެ ހަނދާން އާ ކުރަމުން އޭނާ ބުނެފައި ވަނީ އެއީ ހިތްދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ނަމަވެސް ފަހުން އެނބުރި ގެއަށް ގޮސް މައްސަލަތައް ހައްލުކޮށް އަރްމާން އާ އޭނާގެ ހަގު އަނބި ކަރްތިކާ އާއެކު އުޅެން ނިންމީ ކަމަށާއި މިހާރު އެމީހުންނަކީ ވަރަށް ސުލްހަވެރިކަމާއެކު އުޅޭ ފުރިހަމަ އާއިލާއެއް ކަމަށް އޭނާ ބުނެފައި ވެއެވެ.
ނިމިދިޔަ ހަފްތާގައި ޕާޔަލް ބިގްބޮސް ޝޯއިން ބޭރުކޮށްފައިވަނީ ޝޯގެ އެހެން ބައިވެރިން އޭނާގެ ނަން ނޮމިނޭޓް ކޮށްގެން ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ވަނީ އެލިމިނޭޝަންއަށް ފަހު އިންސްޓަގްރާމްގައި ފޭނުންނަށް ޝުކުރު އަދާކޮށް ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. އަދި އޭނާ ޝޯއިން ވަކިވާން ޖެހުނީ ވޯޓް ނުލިބިގެން ނޫންކަމަށް އޭނާ ބުންޏެވެ.
ޔޫޓިއުބާ އަރްމާން މާލިކް ދެ އަނބިންނާއެކު ބިގްބޮސް އޯޓީޓީ3 ގައި ބައިވެރިވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.