ސޮވްރިން ޑިވްލޮޕްމަންޓު ފަންޑުގެ ބިލަށް އާއްމުންގެ ހިޔާލު ދިނުމުގެ ފުރުސަތު

ސަރުކާރުން ވަނީ އެސްޑީއެފް ފަންޑަށް ނަގުދު ފައިސާއިން ޑޮލަރު ޖަމާކޮށް ފަންޑު ބޮޑު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ސޮވްރިން ޑިވްލޮޕްމަންޓު ފަންޑު (އެސްޑީއެފް) ބިލަށް އާއްމުންގެ ހިޔާލު ދިނުމުގެ ފުރުސަތު ރައްޔިތުންގެ ހުޅުވާލައިފި އެވެ.  

ރައްޔިތުން މަޖިލީހުން ބުނީ ސޮވްރިން ޑިވްލޮޕްމަންޓު ފަންޑުގެ ބިލަށް ހިޔާލު ދިނުމުގެ ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ހިޔާލުތައް ފޮނުވަން ޖެހެނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެއިލްއަށެވެ. 

ސަރުކާރުން ވަނީ ފަހަށް ރައްކާކުރަން ފައިސާ ޖަމާކުރާ އެސްޑީއެފް ގާނޫނީ ބާރުވެރިކަން ދިނުމުގެ ގޮތުން ގާނޫނެއް ހެދުމުގެ މަސައްކަތް ފަށާފަ އެވެ. އަދި މި ފަންޑަށް ނަގުދު ފައިސާއިން ޑޮލަރު ޖަމާކުރަން ވަނީ ފަށާފަ އެވެ. މިހާރު މި ފަންޑުގައި 54 މިލިއަން ޑޮލަރު ޖަމާކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ ސަރުކާރު ނިމުނުއިރު މި ފަންޑުގައި ހުރީ ނަގުދު ފައިސާއިން ދެ މިލިއަން ޑޮލަރެވެ. މިހާރު މި ފަންޑުގައި ބޭންކް އާއި ޓީބިލަށް އިންވެސްޓްކޮށްފައި ހުރި ޖުމްލަ އަދަދު ވަނީ ހަތަރު ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. 

އެސްޑީއެފަށް ގާނޫނީ ގޮތުން ރައްކާތެރިކަން ދޭން ބިލެއް މިދިޔަ ދައުރުގައި ވެސް މަޖިލީހަށް ސަރުކާރުން ފޮނުވި އެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެ ބިލް ބޭރު ކޮށްލީ އެވެ. އެސްޑީއެފް ފަންޑުގެ ބިލްގައިވާ ގޮތުން މި ފަންޑު އުފައްދަނީ ދައުލަތުގެ ދަރަނި ކުޑަކޮށް، ދައުލަތުގެ މުއްސަނދިކަން އަންނަ އޮތް ޖީލުތަކަށް ފޯރު ކޮށް ދިނުމަށެވެ. މި ފަންޑު ބަލަހައްޓާނީ އެމްއެމްއޭއިންނެވެ. އެ ފަންޑު ބޭނުން ކުރެވޭނެ ކަންކަމާއި ފަންޑު ހިންގައި މެނޭޖު ކުރުމުގައި ބަލަހައްޓާނެ ކަންކަން ބިލްގައި ބަޔާން ކޮށްފައި ވެ އެވެ. އެ ފަންޑުގެ ކަންކަން ބެލެހެއްޓުމަށް ގަވަނިން ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެ ކައުންސިލަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސެވެ. ކައުންސިލްގެ ރިޔާސަތު ބަހަލައްޓަވާނީ ފިނޭންސް މިނިސްޓަރެވެ. ދޭންޖެހޭ އުޖޫރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

ގާނޫނު ފާސް ވުމުން ޖަމާ އިތުރުވާނެ

  •  އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބޭ ފައިސާ
  •  ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބޭ އާމްދަނީގެ 10 ޕަސެންޓް
  •  ސޮވަރިން ގެރެންޓީ ފީ
  •  ގަވަނިން ކައުންސިލްގެ ލަފާގެ މަތިން ފަންޑަށް ޖަމާ ކުރަން ރައީސް ކަނޑައަޅާ ފައިސާ

މި ފަންޑަކީ ގައުމުގެ މުސްތަގުބަލާ ގުޅުންހުރި ފަންޑެކެވެ. އެހެންވެ މި އަށް ފައިސާ ޖަމާ ކުރުން އިތުރު ކުރަން ޖެހެ އެވެ. ކޮންމެ ފަހަރު ލޯނެއް ކައިރިވުމުން ގައުމުތަކުގެ ފައިބުޑަށް ވެއްޓި ލޯނު ރޯލްއައުޓް ކުރަން އެދުން މިއީ ހައްލެއް ނޫނެވެ. ގައުމެއް ވިއްޔާ އަމިއްލަވަންތަކަމެއްވެސް ހުންނަން ޖެހެ އެވެ. ލޯނު ފަސްކޮށް ދިނުމަކީ އެ ލޯނު ދައްކަން ނުޖެހުމެއް ނޫނެވެ. އެ ލޯނު ދައްކަން ޖެހެ އެވެ. އަދި ލޯނެއް ފަސްކޮށްދޭ ކޮންމެ ފަހަރަކު ޑިމާންޑު ތަކެއް ވެސް އަންނާނެ އެވެ. އެހެންވެ މި ފަންޑު ބޮޑުކޮށް އޮވެއްޖެނަމަ ލޯނު ދައްކަން އިތުރުވިސްނުމަކަށް ދާކަން ނުޖެހޭނެ އެވެ. ނުރައްކާ ވަގުތު ބޭނުން ކުރެވޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.