ގާނޫނާ ފުށުއަރާތީ ސަމޯއާ އެގްރީމެންޓުގެ 12 ކަމެއް ބަލައިނުގަންނަން: ސަރުކާރު

މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ރާއްޖެއިން ބޭނުންވާ ކަންކަމަށް އުނި އިތުރު ކުރުމަށް ފަހު އެވެ.

ސިޑްސްގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުއިއްޒާއި ޚާރިޖީވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން އިއްޔެ ސޮއިކުރި އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ ސަމޯއާ އެގްރީމަންޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން 12 ކަމެއް ގާނޫނާ ފުށޫއަރާތީ ގަބޫލު ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވި ގޮތުގައި ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ސޮއިކުރީ ގާނޫނު އަސާސީއާ ފުށު އަރާ މާއްދާތަކަށް "ޑެކްލަރޭޝަން އެންޑް ރެޒަވޭޝަން" ހުށަހެޅުމަށް ފަހު އެވެ. މިގޮތުން ގާނޫނާ ފުށު އަރާތީ ޖުމްލަ 12 މާއްދާއެއް ބަލައިގެންފައި ނުވާ ކަމަށް ހީނާ ވިދާޅުވި އެވެ. 

ހީނާ ވިދާޅުވި ގޮތުގައި ރާއްޖެއިން މީގެ ކުރިން ވެސް މުއާހަދާތަކުގައި ސޮއިކުރަމުން އައީ ދިވެހި ގާނޫނުއަސާސީއާ ބީރައްޓެހި މާއްދާތައް ނުހިމެނޭހެނެވެ. 

ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ސޮއިކުރުމަށް މަޖިލީހުން ރުހުން ދިން ހިސާބުން ފެށިގެން ސޯޝަލް މީޑިއާގައި އެކި މީހުން އަންނަނީ، އެ އެގްރީމެންޓަކީ އިސްލާމް ދީނާއި ދިވެހި ގާނޫނާ ހިލާފު، ދީނީ މިނިވަންކަމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ޝަހްސު އޮޅުވާލުން ފަދަ ކަންކަމަށް ފުރުސަތު ލިބޭ ގޮތަށް އޮންނަ އެއްބަސްވުމެއް ކަމަށް ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފަ އެވެ. 

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރާއްޖެއިން ބޭނުންވާ ކަންކަމަށް އުނިއިތުރު ކުރުމަށް ފަހު އެވެ. 

އެގޮތުން ސަމޯއާ އެގްރީމަންޓްގެ ނުވަވަނަ މާއްދާގައި "ފްރީޑަމް އޮފް ތޯޓް، ރިލިޖަން އެންޑް ބިލީފް" ހިމެނޭ ގޮތަށް ހުރިހާ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށާއި، އެ ހައްގުތައް ފުރިހަމައަށް އަދި ހަމަހަމަ ގޮތެއްގައި ލިބިގެންދާނެކަން ކަށަވަރުކުރުމަށް، ހައްޤުތައް ލިއްބައިދިނުމުގައި ރިލިޖަން އަދި ބިލީފް ގެ މައްޗަށް ބިނާކޮށް ތަފާތުނުކުރުމަށް ސޮއިކުރާ ގައުމުތަކުން އެއްބަސްވާން ޖެހޭނެކަން ފާހަގަ ކޮށްފައި އޮންނަ މާއްދާއަށް ބަދަލު ގެނައެވެ. 

ދިވެހިރާއްޖެއިން ސަމޯއާ އެގްރީމަންޓް ގައި ސޮއިކުރިއިރު، ވަނީ މި މާއްދާއަށް ވެސް ރެޒަވޭޝަނެއް ހުށަހަޅާފަ އެވެ. އެ ރެޒަވޭޝަނުގައި ބުނަނީ: 

"...ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހައްގުތަކާއި މިނިވަންކަން އޭގެ އެންމެ ފުރިހަމަގޮތުގައި ލިބޭނެކަން ކަށަވަރުކުރަމެވެ. އެހެން ނަމަވެސް އާޓިކަލް ނުވައެއްގައި ހިމެނޭ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ދިވެހިރާއްޖެއިން އަމަލުކުރާނީ ގާނޫނާ ފުށޫނާރާނެ ގޮތަށެވެ،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.