ސަމޯއާ އެގްރީމެންޓު ތަންފީޒުކުރާނީ ގާނޫނާ ފުށުނާރާ ގޮތަށް: ޒަމީރު

ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާ އެކު އިސްލާމް ދީން ހުއްދަ ނުކުރާ ގިނަ ކަންތައްތަކެއް ރާއްޖޭގައި ހުއްދަ ވާނެ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ރާއްޖެއިން އިއްޔެ ސޮއިކުރި އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ "ސަމޯއާ އެގްރީމަންޓް"ގައިވާ ކަންކަން ތަންފީޒުކުރާނީ ރާއްޖޭގެ ގާނޫނު އަސާސީއާ ފުށޫނާރާގޮތަށް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. 

ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ސޮއިކުރުމާއި ގުޅިގެން އެކްސްގައި ޕޯސްޓުކުރައްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ސަމޯއާ އެގްރީމެންޓުގައި ހިމެނޭ ކަންކަން ތަންފީޒުކުރާނީ، ރާއްޖޭގެ ގާނޫނު އަސާސީއާ ފުށޫނާރާ ގޮތަށް ކަމަށެވެ. 

"...މި އެއްބަސްވުމުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީއާއި، އިންސާނީ ހައްގުތައް އަދި ދުނިޔޭގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ. މި އެއްބަސްވުމުގައިވާ ކަންކަން އަޅުގަނޑުމެން ތަންފީޒުކުރާނީ ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ނުވާގޮތަށް" މިނިސްޓަރު ޒަމީރު އެކްސްގައި ވިދާޅުވި އެވެ. 

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށްޓަކައި ދުރުވިސްނަވައި ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ. 

މި އެގްރީމެންޓަކީ ދިވެހިރާއްޖޭން ޔޫރަޕިއަން ޔޫނިއަން އާއެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިގްތިސާދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ސަމޯއާ އެގްރީމެންޓަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަން އާއި އޯއޭސީޕީއެސް އާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ. މި މައިގަނޑު 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ. މި އެއްބަސްވުމަކީ އޯއޭސީޕީއެސް ގެ 79 ޤައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ގައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.

އޯއޭސީޕީއެސް އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށްވެފައިވަނީ  ޑިސެމްބަރު 9، 2022 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.