އެހެންކަމުން، މައްސަލަ ހުށަހަޅާ ފަރާތްތަކަށް މަދުވެގެން ދެ ހަފްތާއިން އެއް ފަހަރު މައްސަލަތަކުގެ އަޕްޑޭޓް ލިބޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ވާނުވާ، އެ މައްސަލަ ހުށަހަޅާ ފަރާތްތަކަށް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މައްސަލަތައް ހުށަހަޅާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މައްސަލައަށް ވާނުވާ ނޭންގުން ކަމަށެވެ.
މީގެ ދެ އަހަރު ކުރިން މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ހެދުނު ސާވޭއެއްގައި އެންމެ ބޮޑަށް ފާހަގަކުރީ މި ކަންބޮޑުވުންކަން ޝުޖާއި ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ތެރޭގައި ރައްޓެހި ފުހުލުހެއް ނެތްނަމަ އެ މައުލޫމާތު ހޯދަން އާންމުންނަށް ދަތިތަކަކާ ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، މައްސަލަ ހުށަހަޅާ ފަރާތްތަކަށް މަދުވެގެން ދެ ހަފްތާއިން އެއް ފަހަރު މައްސަލަތަކުގެ އަޕްޑޭޓް ލިބޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން މެކޭނިޒަމެއް ހަދާނަން ފުލުހުންގެ އިދާރާއަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް، މަދުވެގެން ދެ ހަފްތާއިން އެއް ފަހަރު، އެ ހުށަހަޅާ ބޭފުޅުން ފުލުހުންގެ އިދާރާއަށް ގުޅުމުގެ ބަދަލުގައި އެ މައްސަލަ ބަލާ އައިއޯއެއް [ތަހުގީގު ކުރާ އޮފިސަރެއް] އެ ބޭފުޅަކަށް ގުޅާ އެ މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާދު ދިނުމަށް،" ޝުޖާއު ވިދާޅުވި އެވެ.
މައްސަލަތަކުގެ ވާނުވާ ހޯދަން މީހުން މިހާރު ގުޅަމުން ދަނީ ފުލުހުންގެ އިދާރާއަށެވެ. ހުށަހަޅާ ފަރާތްތަކަށް މައްސަލަތަކުގެ އަޕްޑޭޓް ނުލިބޭ ވާހަކަ އަބަދުވެސް ދެކެވެ އެވެ.