މޫސަގެ މަރު: ސައްމާހު ބަންދު ނުކުރަން ސުޕްރީމް ކޯޓުން ވެސް ތާއީދު

ސުޕްރީމް ކޯޓުން މި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ، ހިނގަމުންދާ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ބަންދު ކުރަންޖެހޭ ސަބަބެއް އޮތްތޯ ކަނޑައެޅުމަކީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ލިބޭ އިހުތިޔާރެއް ކަމަށެވެ.

ވ. ކެޔޮދޫ ދޭލިއާގެ، މޫސާ އަހްމަދު މަރާލި ކަމުގެ ތުހުމަތު އޮތް އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ: އޭނާ ބަންދު ނުކުރަން ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދު ކޮށްފައި --

މީގެ ހަތް އަހަރު ކުރިން ވ. ކެޔޮދޫ ދޭލިއާގެ، މޫސާ އަހްމަދު މަރާލި މައްސަލައިގައި ދައުވާ އުފުލި އިބްރާހީމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވާތީ، އޭނާ އަކީ ތުހުމަތެއް އޮތް މީހެއް ނޫން ކަމަށާއި، އެހެންކަމުން އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާ ބަންދު ކުރެވެން ނެތް ކަމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފި އެވެ.

މޫސަ މަރާލި މައްސަލާގައި، ސައްމާހުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ހުކުމްކޮށްފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާ ބަންދު ކޮށްދިނުމަށް ވެސް ހައިކޯޓުގައި ދައުލަތުން އެދިފައިވެ އެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް ހައިކޯޓުން އެ އަމުރު ނެރެދީފައެއް ނުވެ އެވެ.

އެހެންވެ، ދައުލަތުން ވަނީ އިސްތިއުނާފް ނިމެންދެން ސައްމާހު ބަންދު ނުކުރަން ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ސުޕްރީމް ކޯޓުން މި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ، ހިނގަމުންދާ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ބަންދު ކުރަންޖެހޭ ސަބަބެއް އޮތްތޯ ކަނޑައެޅުމަކީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ލިބޭ އިހުތިޔާރެއް ކަމަށެވެ. އެހެންކަމުން އެ އިހުތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ހުކުމްކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.

މޫސަގެ މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެއީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަން އާއި ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށެވެ. މީގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މި މައްސަލައިގައި ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާފައިވާ ރިޔާޒާއި އިޖާދުގެ މައްސަލަ ވެސް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މޫސާ އަހްމަދު މަރާލާފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.