ސޮނާކްޝީގެ ބައްޕަ ބަލި ހަބަރު ލިބިފައި މިވަނީ ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް ކައިވެނި ކުރިތާ ހަފުތާއެއް ފަހުންނެވެ.
ސޮނާކްޝީގެ ބައްޕަ، ބޮލީވުޑްގެ މަޝްހޫރު ކުރީގެ އެކްޓަރު އަދި ސިޔާސީ ޝަހްސިއްޔަތެއް ކަމަށްވާ ޝަތުރުގަން ސިންހާ މުމްބާއީގެ ކޮކިލާބެން އަމްބާނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
ޝަތުރުގަން ސިންހާގެ ދަރިފުޅު ލަވް ސިންހާ ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ޝަތުރުގަން ސިންހާގެ ހާލަތާ ބެހޭ ގޮތުން ސުވާލު ކުރުމުން ލަވް ސިންހާ އިންޑިއަން އެކްސްޕްރެސް އަށް ބުނީ ފާއިތުވި ދެ ދުވަހު ބައްޕަ ހުން އައިސް ގައިގައި ވަރު ނުހުންނާތީ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ނިންމީ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ އެޑްމިޓްކުރީ ހޯމަ ދުވަހު އެވެ.
ސޮނާކްޝީގެ ބައްޕަ ބަލި ހަބަރު ލިބިފައި މިވަނީ ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް ކައިވެނި ކުރިތާ ހަފުތާއެއް ފަހުންނެވެ. ހާއްސަ ކައިވެނީގެ ގާނޫނުގެ ދަށުން ސޮނާކްޝީ އޭނާގެ ކައިވެނި ރަޖިސްޓްރީ ކުރީ މިދިޔަ އާދީއްތަ ދުވަހު އޭނާގެ ބަންދްރާ އެޕާޓްމަންޓުގަ އެވެ. ޝަތުރުގަން ސިންހާ އާއި އަންހެނުން ޕޫނަމް ސިންހާ ވަނީ ރަޖިސްޓްރީ ހަފްލާގެ އިތުރުން ރިސެޕްޝަން ޕާޓީގައި ވެސް ބައިވެރިވެފަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސަތުރުގަން ސިންހާ ވަނީ އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނީގެ ހަފްލާތަކުގެ ފޮޓޯތަކާއި ވީޑިއޯތަކެއް އެކްސް (ކުރީގެ ޓްވިޓާ) ގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރަމުން އޭނާ އެކްސްގައި ލިޔެފައި ވަނީ މި ހާއްސަ ދުވަހު އެ އާއިލާގެ އުފަލުގައި ބައިވެރިވި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.