ލުބުނާނުގެ ދެކުނުގައި އޮންނަ ހިޒްބުاللهގެ އަމާޒުތަކަށް އިސްރާއީލު ސިފައިން ސިލްސިލާ ހަމަލާތަކެއްދިނުމާއި ގުޅިގެން ދެ ފަރާތުގެ ހަމަލާތައް ދަނީ ވަރުގަދަވަމުން ނެވެ.
ލުބުނާނަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އީރާނުން އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދީފި އެވެ. އިރާނުން ބުނެފައި ވަނީ ލުބުނާނާއި ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފަށައިފިނަމަ އިސްރާއީލް ފޮހެލާ ނެތި ކޮށްލާނެ ކަމަށެވެ.
ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި އީރާނާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާއަތްތަކަށް އިޝާރާތްކޮށް އިރާނުން ބުނީ އެންމެން ތިބީ އެކުގައި އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި ލުބުނާނުގައި ހިޒްބުالله އަށް ހަމަލާ ދޭން އިސްރާއީލުން ދިން އިންޒާރުތަކަކީ ނަސްލީ ހަނގުރާމައާއި ޕްރޮޕެގެންޑާ ކަމަށް އިރާނުން ވަނީ ސިފަ ކޮށްފަ އެވެ. މިހެން ބުނެފައި ވަނީ އިސްލާމިކް ރިޕަބްލިކްގެ ޔޫއެން މިޝަން އިން ހުކުރު ދުވަހު ކުރި އެކްސް ޕޯސްޓެއްގަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށުނު ފަހުން ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް އިސްރާއީލު ސިފައިންނާއި ހިޒްބުالله އާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލު ކުރެ އެވެ. ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ވަރަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމާ ގުޅިގެން މި މަހުގެ ތެރޭގައި ވަރުގަދަ ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނުގައިވާ ހިޒްބުاللهގެ އަމާޒުތަކަށް ސިލްސިލާ ހަމަލާތަކެއް ދީފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ހޮނިހިރު ދުވަހުގެ ފަތިހު ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހިޒްބުاللهގެ ބައެއް އަމާޒުތަކަށް ހަމަލާ ދީފައިވާއިރު އޭގެ ތެރޭގައި ޒަބްކިން ސަރަހައްދުގައި އެ ޖަމިއްޔާއަށް ހާއްސަ އަސްކަރީ ސައިޓަކާއި، ކިއާމް ސަރަހައްދުގައި ހިންގާ އިންފްރާސްޓްރަކްޗާގެ ދެ ސައިޓާއި އަލް އަދީސާ އޮޑައިސެހް ސަރަހައްދުގައި ހުންނަ ހިޒްބުالله އިމާރާތެއް ހިމެނެ އެވެ.
ލުބުނާނާ ދެކޮޅަށް އިސްރާއީލުން ބޮޑު ހަމަލާއެއް ދީފިނަމަ އެއްވެސް ހިފެހެއްޓުމެއް ނެތި އަދި އެއްވެސް އުސޫލެއް އަދި ސީލިންއެއް ނެތް ހަނގުރާމައެއް ކުރާނެ ކަމުގެ އިންޒާރު ހިޒްބުاللهގެ ވެރިޔާ ހަސަން ނަސްރުالله ވަނީ ދެއްވާފަ އެވެ.
ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ޖަރުމަނުވިލާތް، ކެނެޑާ، ނެދަލޭންޑްސް އަދި އެމެރިކާ ފަދަ ގިނަ ގައުމުތަކުން ވަނީ އެ ގައުމުގެ ރައްޔިތުން ލުބްނާނަށް ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.