ރާއްޖޭގެ ފިޗު ރޭޓިން ދަށްވީ 2022ގައި މާލީ އިސްލާހީ ފިޔަވަޅު ނޭޅުމުން

ފިނޭންސުން ބުނީ ބަޖެޓު ފޮތާއި ފިސްކަލް ރިޕޯޓްތައް އަދި މާލީ އިދާރާތަކުންވެސް ހަރަދު ކުޑަކުރަން ތަކުރާރުކޮށް އެނގިނަމަވެސް އެ ފިޔަވަޅުތައް އަޅާފައި ނުވުމަކީ ރާއްޖޭގެ ރޭޓިން ދަށްކުރި މައިގަނޑު ސަބަބެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރު ޝަފީގު

ފިޗުން އެންމެފަހުން ނެރުނު ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ އައިއެމްއެފް ފަދަ ބޭރުގެ މާލީ ވުޒާރާ ތަކުން 2022 ގައި އަޅަން ލަފާދިން، މާލީ އިސްލާހީ ފިޔަވަޅުތައް ނޭޅުމުން ކަމަށް ފިނޭންސުން ބުނެފި އެވެ. 

ރާއްޖޭގެ ދަރަނި މަތިވެގެން ގޮސްފައިވާތީ ރާއްޖޭގެ ފިޗު ރޭޓިން ތިން ސީ ޕްލަސް އަށް ދަށްކުރީ މި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ ދޯހަޅިކަމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނިކޮށް، ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ކޮވިޑަށްފަހު އެންމެ އަވަހަށް އިގްތިސޯދު އިޔާދަވި އެއް ގައުމު ކަމަށެވެ. ނަމަވެސް އޭގެފަހުން ދައުލަތުގެ މާލިއްޔާ އަށް ގޮންޖެހުން ހުރިކަން 2022-2023 ގައި ބަޖެޓު ފޮތާއި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު- ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންތިހާބުން ބަލިވެ- ނޮވެމްބަރު 17 ވަނަ ދުވަހާ ހަމަ އަށް ވެސް ފިސްކަލް ހިރާސް ކުޑަ ކުރަން ފިޔަވަޅު އަޅާފައި ނެތްކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. 

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ފާއިތުވެދިޔަ އަހަރުތަކުގައި ހަރަދު ކުޑަކުރަން ފިޔަވަޅު ނޭޅުމުގެ ނަތީޖާއަކީ ދައުލަތުގެ ހަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އުފުލިގެން ގޮސް މި ޑެފިސިޓް ފޫބައްދަން ކޮންމެ އަހަރުކު ވެސް ނަގަން ޖެހޭ ދަރަނި މަތިވެގެން ދިއުމުގެ ސަބަބެވެ. 

".. މިކަމުގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ހައި ރިސްކް އޮފް އޯވަރޯލް ޑެޓް ޑިސްޓްރެސް ނުވަތަ ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާ ގައުމެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ 2022 ވަނަ އަހަރުގެ އާޓިކަލް 4 ކޮންސަލްޓޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު މިކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ގޮސްފައިވުމަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފިޗް ރޭޓިން މައިގަނޑު ޑައުން ގްރޭޑްކުރި މައިގަނޑު ސަބަބެވެ،" ފިނޭންސުން ބުނެފައިވެ އެވެ. 

އެ މިނިސްޓްރީން ބުނީ މިދިޔަ އަހަރު ތައްޔާރުކުރި މި އަހަރުގެ ބަޖެޓު ފޮތުގައި ވެސް އަހަރުގެ މެދުތެރެއިން ފެށިގެން މާލި އިސްލާހުތައް ގެނެސްގެން ހަރަދު ކުޑަކުރާނެ ކަމަށް ބަޔާންކޮށް ކޮންސެޕްޗުއަލް ޕޭޕަރު ތައްޔާރުކޮށްފައި އޮންނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް ވެސް އެކަން ކުރާނެ ގޮތުގެ ތަފުސީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައި ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން މި ވަގުތު މަސައްކަތް ކުރަމުން ގެންދަނީ ހަރަދު ކުޑަ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންކަމަަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

"މިނިސްޓްރީ އޮފް ފިނޭންސުން މިހާރު ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތަކަކީ ދިވެހި އެންމެހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުސްތަގުބަލާ ގުޅޭ ކަންކަމަށްވާތީ މި މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަށް އެދި ދަންނަވަމެވެ،" ބަޔާން ނިންމާލަމުން އެ މިނިސްޓްރީން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.