އިސްރާއީލުގެ އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުންދާއިރު، ހަމާސް އިން ބުނީ ހަނގުރާމައިގެ އެއްބަސްވުމާ ބެހޭ އެއްވެސް ހަބަރެއް ނެތް ކަމަށެވެ.
ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ހަމާސް އިން ބުނެފި އެވެ. އަދި ބުނީ ޓެލްއަވީވްގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ، ސަރުކާރުން ހައްޔަރު ކޮށްފައިވާ މީހުން ސަލާމަތްކޮށް އެއްބަސްވުމެއް ހެދުމަށް ގޮވާލަމުން ގެންދާ ކަމަށެވެ.
ލުބްނާނުގައި ހުންނަވާ ހަމާސް ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ އުސާމާ ހަމްދާން ހޮނިހިރު ދުވަހު ވިދާޅުވީ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ވެފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ހަނގުރާމައިގެ ކޮންމެ ހުށަހެޅުމަކާ މެދު މަޝްވަރާ ކުރަން ފަލަސްތީނުގެ ހަމާސް ޖަމާއަތް އަދިވެސް އޮތީ ތައްޔާރަށް ކަމަށެވެ.
ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމްދާން ވިދާޅުވީ، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމާއި، ސީރިއަސް ސްވޮޕް އެއްބަސްވުމެއް ގާއިމުކުރާ ކޮންމެ ހުށަހެޅުމަކާ މެދު ހަމާސް އިން ތިބީ ހެޔޮ ގޮތުގައި އަމަލު ކުރަން ތައްޔާރަށް ކަމަށެވެ.
އިސްރާއީލުގެ ތެލްއަވީވްގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް އިންތިޒާމްކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ 130،000 މީހުން ޑައުންޓައުންއަށް ޖަމާވެފައި ވެއެވެ. އެމީހުން ވަނީ ހަމާސްއިން ރަހީނުކޮށް ހިފަހައްޓާފައިވާ އެ ގައުމުގެ މީހުން ދޫކޮށްލުމަށާއި ވަގުތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށެވެ.
އެމެރިކާގެ އެހީތެރިކަމާއެކު އަރަބި މެދުވެރިން ކުރި މަސައްކަތްތަކަށް މިހާތަނަށް ހަނގުރާމަ ހުއްޓާލުމުގެ ނިމުމެއް އައިސްފައި ނުވާއިރު، ދެ ފަރާތުން ވެސް ވަނީ މި ހަމަނުޖެހުންތަކުގެ ޒިންމާ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވާފައެވެ. ހަމާސް އިން ބުނަނީ ކޮންމެ އެއްބަސްވުމެއްގައި ވެސް ހަނގުރާމަ ނިމުމަކަށް ގެނެސް ޣައްޒާއިން އިސްރާއީލު މީހުން އެއްކޮށް ފައިބަން ޖެހޭނެ ކަމަށެވެ. އިސްރާއީލުން ބުނީ 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތް ނައްތާލެވެންދެން ހަނގުރާމަކުރުން ހުއްޓާނުލާނެ ކަމަށެވެ.
ހަމްދާން ވަނީ އިސްރާއީލުގެ ޝަރުތުތައް ބަލައިގަތުމަށް ހަމާސް އަށް އެމެރިކާއިން ޕްރެޝަރު ކުރާ ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ. ބައިޑަން ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ހޮނިހިރު ދުވަހު އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީން ބުނެފައި ވަނީ އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތަކަށް އެމެރިކާއިން މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ މިސްރާއި ގަތަރަށް އާ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، ރިވައިޒްކޮށްފައިވާ ލިޔުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން އެކުލަވާލެއްވި ތިން ފިޔަވަހީގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި އިސްރާއީލާއި ހަމާސްއާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ މައްޗަށެވެ.
ފުރަތަމަ ފިޔަވަހީގައި ގޮވާލާފައި ވަނީ އެއްކޮށް ހަނގުރާމަ ހުއްޓާލުމާއި ޣައްޒާގެ އާބާދީ ބޮޑު ހުރިހާ ސަރަހައްދަކުން އިސްރާއީލު ސިފައިން ފޭބުމަށާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒަހަމްވި މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ގައިދީން ދޫކޮށްލުމަށެވެ.
ލުބްނާނަށް ހަނގުރާމަ ފުޅާވުމުގެ ބިރު ބޮޑުވެފައިވާ މިވަގުތަކީ ހަނގުރާމަ ހުއްޓާލުމަށް ސަރަހައްދީ އަދި ދުނިޔޭގެ ލީޑަރުންނަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެކެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ހަމާސް ޖަމާއަތަށް ވާގިވެރިވާ ހިޒްބުالله އާއި އިސްރާއީލުގެ އޮފިޝަލުން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.