ސަރުކާރު އިސްލާހުވެ ޓެކްސްތައް ރިވިއުކުރަން އެމްޑީޕީން ރުހޭ

އަމީރު ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލައަކީ ސަރުކާރުގެ ނާގާބިލްކަމުން އިގްތިސޯދު މެނޭޖު ނުކުރެވިގެން ކުރިމަތިވެގެން އުޅޭ މައްސަލައެއް ކަމަށެވެ.

ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ރައީސް އޮފީސް

މި ސަރުކާރުން ދާދި ފަހުން ވަނީ ބައެއް ޓެކްސްތައް "ރިވިއުކުރަން" ނިންމާފައިވާކަން ހާމަކޮށްފަ އެވެ. މިއާއެކު ބައެއް ފަރާތްތަކުން ބުނީ ސަރުކާރުން ޓެކްސް ބޮޑު ކުރަނީ އެވެ. އެކަމަކު ސަރުކާރުން ބުނަނީ ރިވިއު ކުރުމަކީ ޓެކްސް ބޮޑު ކުރުން ގޮތުގައި މާނަ ނުކުރެވޭނެ ކަމަށެވެ. މިކަމާ ބެހޭ ގޮތުން އިދިކޮޅު ޕާޓީ އެމްޑީޕީން ބުނަނީ ކީކޭ ހެއްޔެވެ؟

އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ސަރުކާރު ހަރަދު ކުޑަކުރަން ފިޔަވަޅު އެޅުމާއި މާލީ އިސްލާހީ ފިޔަވަޅުތަކަށްފަހު ޓެކުހަށް ބަދަލު ގެންނަން އެމްޑީޕީން ރުހޭކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކައިފި އެވެ. 

ސަރުކާރުގެ ހަތް މަސް ދުވަހުގެ އިގްތިސޯދު މެނޭޖުކުރި ގޮތާ ބެހޭ ގޮތުން އަމީރު ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ވޭސްޓް ކުޑަ ކުރުމާއި ހާރިޖީ ސިޔާސަތު އިސްލާހު ކުރުމެވެ. އަދި މިހާރުގެ ހާލަތަށް ގޮސްފައިވަނީ އިގްތިސޯދު މެނޭޖު ނުކުރެވުމުގެ ސަބަބުން ކަމަށް އަމީރު ވިދާޅުވި އެވެ. 

"މި ބޭފުޅުންގެ ނާގާބިލްކަމުން އުފެއްދުނު ޕްރޮބްލަމްއެއް މިއީ. މި ހައްލު ކުރަން ކީއްކުރަންހޭ ރައްޔިތުންގެ ބޮލަށް ޖަހަންވީ ؟ އަޅުގަނޑު ގޮވާލަން ފުރަަތަމަ އެ ރިފޯމްސްތައް ގެންނާށޭ. އެ ރިފޯމްތަކަށްފަހު ވަރަށް ބޮޑަށް ދިރާސާކޮށްގެން ކަންތައްތައް ކުރިއަށް ގެންދާނަމަ [ޓެކްސް ރިވިއު ] ކުރިއަށް ގެންދެވި ދާނެ. އަޅުގަނޑުމެން ވަކާލާތު ކުރާނީ ރިފޯމްތައް ގެނެސްފަ މިހާރު ނުއަތަށް އެނބުރޭ އެނބުރުން ރަނގަޅު އަތަށް ފުރަތަމަ އަނބުރަން،" އަމީރު ވިދާޅުވި އެވެ. 

އަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރިއިރު އޭރު އަންދާޒާ ކުރީ ގައުމީ އުފެއްދުންތެރިކަން 5.0 ޕަސެންޓަށް ކުރިއަރާނެ ކަމަށާ ނަމަވެސް މިހާރު އިގްތިސޯދީ ދުވެލި 4.9 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ދިރާސާކޮށް އައިއެމްއެފާއި ވޯލްޑް ބޭންކްއާއެކު މަޝްވަރާކޮށްގެން [އޭރު] އެކަން ކުރީ. އެ މަޝްވަރާތަކުން [އައިއެފްއެފް އަދި ވޯލްޑް ބޭންކް] އަށްފަހު އެރައިވްވި ފިގާ ތަކެއް އެއީ ޖީއެސްޓީ 6 ޕަސެންޓުން އަށް ޕަސެންޓަށް. އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރަން. ވަރަށް ބޮޑަށް އިންޑެޕްތް ރިސާޗް ހެދިން އެފަހަރު،" އަމީރު ވިދާޅުވި އެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރުކަން ކުރެއްވި ޔާސިރު އަބުދުލް ލަތީފް ވިދާޅުވީ ރިފޯމް އެޖެންޑާއަކީ ހަމައެކަނި އެންމެ ކޮމްޕޯނެންޓަކަށް ކުޅުން ނޫން ކަމަށެވެ.

"އެމްޑީޕީގެ ވިސްނުމަކީ ރިފޯމް އެކްޓިވިޓީއެއްގައި އާދައިގެ ރައްޔިތު މީހާއަށް އެކަމުގެ އަސަރު ނުކުރާނެ ގޮތަކަށް އެކަން ބައްޓަން ކުރުން. ކޮވިޑުގަ އެންމެ ދަތިވިއިރު ބައިވަރު ހަރަދު ކުޑަކޮށްފަ ކިތަންމެ ކަމެއް ކުރެވުނީސް. އެމްޑީޕީން ވިސްނުނީ ދިރިއުޅުމަށް ކުރާ ހަރަދު ކުޑަ ނުކުރުން،" ޔާސިރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.