ނައީމާގެ މަރު: ދައުލަތުގެ ހެކިތަކެއް ސިއްރު ކޮށްފި

އޭގެ އިތުރުން ބައެއް ރިޕޯޓުތަކުގައި ހުރި ނައީމާ މަރާލާފައި އޮތްއިރު ނަގާފައިވާ ފޮޓޯ އަދި ވީޑިއޯތައް ވެސް ސިއްރުކުރަން ވަނީ ނިންމާފަ އެވެ.

ނައީމާ މަރާލުމުގެ ތުހުމަތު ކުރާ ފަވާޒް (ކ)، އަހްޒަމް (މ) އަދި ރިފާސް (ވ)

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، ގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ތިން މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކެއް ރައްކާތެރި ކުރުމުގެ އަމުރެއް ނެރެފި އެވެ.

ނައީމާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ އެރަށު ތިން ޒުވާނުން ކަމަށްވާ އަހުޒަމް އަބްދުއްޝުކޫރާއި އަބްދުލްވާހިދު ރިފާސް އާއި ހަސަން ފަވާޒުގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ތިން މީހުންގެ މައްޗަށް ޝަރީއަތް ހިންގަނީ ވަކިވަކިންނެވެ. ވަކިވަކިން މިއަދު ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން އެދިފައި ވަނީ ބައެއް ހެކި ސިއްރުކޮށް އަދި އަނެއްބައި ހެކިތަކުގެ މިންވަރެއް ސިއްރުކޮށްދިނުމަށް އެދިފަ އެވެ. 

ދައުލަތުން އެދުނު ގޮތަށް ގާޒީ އަލީ އާދަމް ވަނީ ހަތް ހެއްކެއް އެއްކޮށް ސިއްރު ކުރުމަށާއި އަދި ހަތަރު ހެއްކެއްގެ ވަކި މިންވަރެއް ސިއްރު ކުރުމުގެ އަމުރެއް ނެރެދީފަ އެވެ. އެއްކޮށް ސިއްރުކުރި ހެކިތަކުގެ ތެރޭގައި ހެކިބަސް ދޭން ތިބި ބައެއް މީހުންނާއި އެމީހުންގެ ބަޔާންތަކާއި އަދި ބައެއް ފުލުހުންގެ ބަޔާންތައް ވެސް ހިމެނެ އެވެ. 

އޭގެ އިތުރުން ބައެއް ރިޕޯޓުތަކުގައި ހުރި ނައީމާ މަރާލާފައި އޮތްއިރު ނަގާފައިވާ ފޮޓޯ އަދި ވީޑިއޯތައް ވެސް ސިއްރުކުރަން ވަނީ ނިންމާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ ހުށަހަޅައި ޖަވާބުދާރީވެފައެއް ނުވެ އެވެ. ޝަރީއަތުން އެބައި ކުރިއަށް ގެންދަން ހުށަހެޅި ނަމަވެސް ބައެއް ވަކީލުން ވަނީ ލިޔެކިޔުންތައް ދިރާސާ ކުރަން ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން ދައުވާއަށް ޖަވާބުދާރީވުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ. އެ އަޑުއެހުން މަސް ދުވަސް ތެރޭގައި ބޭއްވޭތޯ ބައްލަވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ފަވާޒްގެ ބައިގައި ދިފާއި ވަކީލް އަހުމަދު ޔާމީން ވަނީ އޭނާގެ ބަލިހާލަތާ ގުޅޭ ބައެއް ކަންކަން ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން އޭނާ އަކީ ތެލެސީމިއާ މީހެއް ކަމަށާއި ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އޭނާއަށް ސައިކޮލޮޖިކަލް ކައުންސެލިން ދިނުމަށް ޑޮކްޓަރު ލަފާދީފައިވާތީ އެކަން ފުރިހަމަ ކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ. އެކަން ބައްލަވާނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ނައިމާ މަރާލުން - ގިނަ ޒަހަމްތަކާއެކު ނައީމާ ދިރިއުޅޭ ކޮޓަރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭޕްރީލް 7، 2023 ގައެވެ. ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ އަމާޒުވެފައިވާކަމަށްވެ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ. ނައީމާ މަރާލާފައި ވަނީ ސިހުރު ހަދާކަމަށް ބުނެ އެވެ.

މި މައްސަލައިގެ ތަހުގީގަށް ކުރިއެރުމެއް ނުލިބި އޮއްވައި، އަހުޒަމް ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އެ ތަހުގީގުގެ ތެރެއިން އޭނާ ވަނީ ނައީމާ މަރާލިކަމަށް އެއްބަސްވެ ގިނަ މައުލޫމާތުތަކެއް ދީފަ އެވެ. ރިފާސާއި ފަވާޒް ހައްޔަރު ކުރީ އޭނާ ދިން މައުލޫމާތުގެ އަލީގަ އެވެ. ތިން މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.