އެމްޑީޕީއަށް އިންތިހާބު ނާކާމިޔާބުވުމުގެ އަސްލަކީ ނަޝީދުގެ ވަކިވުން: ފައްޔާޒު

ރައީސް ނަޝީދު އެ ޕާޓީއިން ވަކިވެވަޑައިގަތުމުގެ އަސްލަކީ ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ރައީސް ސޯލިހާއި ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުމެކެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ވެރިކަން ނުދެމެހެއްޓި، އިންތިހާބު ނާކާމިޔާބު ވުމުގެ އަސްލަކީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއިން ވަކިވެވަޑައިގެން ސިޔާސީ ގޮތުން އެހެން މިސްރާބަކަށް ވަޑައިގަތުން ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީއަށް 19 އަހަރު ފާހަގަ ކުރުމުގެ ތެރެއިން ރާއްޖެޓީވީއަށް ފައްޔާޒު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ނާކާމިޔާބުވުމުގެ އެންމެ ބޮޑު އަސްލަކީ ރައީސް ނަޝީދާއި، އެ މަނިކުފާނާއެކު ޕާޓީގެ މަސައްކަތްތެރި ވަރުގަދަ އެތައް ބަޔަކު ކެނޑިގެން ދިއުން ކަމަށެވެ. އަދި އެމްޑީޕީއިން އޮތީ އެފަދަ ކަމަކަށް އެއްވެސް ވަރަކަށް ތައްޔާރަށް ނޫން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. 

"އިންތިހާބަށް ތިން މަސް ދުވަހަކަށް ގާތްގަނޑަކަށް ވެފަ އޮއްވާ ޕާޓީގެ އިސް ބޭފުޅުންތަކެއް، ޕާޓީގެ ވަރަށް ވަރުގަދައަށް މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް، އަދި ހަމަ ރަށްރަށުގައި ވޯޓު ހޯދުމުގައި އަދި އޮގަނައިޒް ކުރުމުގައި އުޅުއްވި ވަރަށް ގިނަ ބޭފުޅުން އޭގައި ތިއްބެވި. އަޅުގަނޑުމެންނަކަށެއް ވަގުތެއް ނުލިބޭ އާ މީހުން އުފައްދާކަށް،" ފައްޔާޒު ވިދާޅުވި އެވެ. 

ފައްޔާޒު ވިދާޅުވީ ޕާޓީގެ ވަރުގަދަކަން ދަމަހައްޓާނަމަ، ޕާޓީގެ ސްޓްރަކްޗާ ވަރުގަދަކޮށް އޮންނަން ޖެހޭ ކަމަށެވެ. 

"މިސާލަކަށް މިއަދު ޕާޓީގައި އަޅުގަނޑު ހުރެފައި މާދަމާ ޕާޓީގެ ސީނިއާ ބަޔަކު ގޮވައިގެން އަޅުގަނޑު ދިޔަސް، ޕާޓީއަށް ކުރިއަށް ދެވޭނެ އިންސްޓިޓިއުޝަނަލައިޒްޑް ސިސްޓަމެއްގެ ތެރޭގައި އޮންނަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ. 

ރައީސް ނަޝީދު އެ ޕާޓީއިން ވަކިވެވަޑައިގަތުމުގެ އަސްލަކީ ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ރައީސް ސޯލިހާއި ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލުތަފާތު ވުމެކެވެ. އިންތިހާބުގެ މާ ކުރިން ވެސް އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. 

އޭގެ ފަހުން އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިހާބުގައި، އެމްޑީޕީގެ މުގޫ ކަމަށް މީހުން ގަބޫލުކުރާ ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ކުރި ހޯއްދެވި އެވެ. އެއަށް ފަހު ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ގެ ނަމުގައި ގޮތްޕެއް ހައްދަވައިގެން ވެސް ނަޝީދު މަސައްކަތްޕުޅު ކުރެއްވި އެވެ. 

ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގަތީ، ޕާޓީ ބައިބައިވުމުގެ މައްސަލަ ހޫނުވެ ނަޝީދުގެ ފަޅީގައި ތިއްބެވި 13 މަޖިލިސް މެންބަރަކު އެމްޑީޕީއިން ވަކިވެވަޑައިގެން "ދަ ޑިމޮކްރޭޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުންނެވެ. 

މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ވާދަކުރި އެވެ. ޑިމޮކްރޭޓްސްގެ ހަރަކާތްތައް ވަރުގަދަކޮށް ފަހުން އެމްޑީޕީއާ ސީދާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފެނިގެންދިޔައީ ނަޝީދު އިސްކޮށް އުޅުއްވި ޑިމޮކްރެޓްސް އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.