ލައިލާ ދިޔަ ގޮތަށް ގޮސް ކޮޓަރީގެ ލައިޓް ޖައްސާލިއެވެ. ލައިލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފެނުން މަންޒަރުން ލައިލާއަށް ހަޅޭލަވައިގަނެވުނެވެ. ބިރުން ފަހަތަށް ފިޔަވަޅެއް ނެގުނީ އޭނާގެ އިޙްތިޔާރުން ބޭރުންނެވެ.
- އެޕިސޯޑް 6 –
ލައިލާގެ މުޅި ހަށިގަނޑު ބިރުން ރޫރޫ އަޅަނީއެވެ. ދެލޯ ބޮޑުކޮށްގެން ކޮޓަރީގެ ދޮރާ ދިމާލަށް ބަލަމުން، ލައިލާ ދިޔައީ ފަހަތަށް ފިޔަވަޅު ނަގަމުންނެވެ. ކޮޓަރީގެ ދޮރު މަތީގައި އޮތީ ޕެޑެކެވެ. އެ ޕެޑުން ދިޔައީ ހޯސްލާފައި ލޭ ފައިބަމުންނެވެ. ލޭތައް ފައިބާ އަޑު އިވެމުން ދިޔައީ ނުހަނު ބާރަށެވެ. މުޅި ކޮޓަރި ތެރެއަށް ލޭތައް ދިޔައީ ފެތުރެމުންނެވެ. ގަންނާކުރެއްވި ބިރުން ލައިލާއަށް އެރުނީ އެނދުމައްޗަށެވެ. އަދި ދެފައި ވަށްކޮލައިގެން އިށީންދެ އިނދެ ކުރުސި ކިޔަން ފެށީ، ދެލޯ މަރާ ބާރުކޮށްލަމުންނެވެ.
ކުރުސީގެ ކަލިމަތައް ނިމުން އިރު މުޅި ކޮޓަރި ތެރެ ވަނީ ހިމޭން ވެފައެވެ. އެއްވެސް އަޑެއް ބަޑެއް ނީއްވޭތީ ލައިލާ ވަރަށް މަޑުމަޑުން ދެލޯ ހުޅުވާ މުޅި ކޮޓަރި ތެރެއަށް ބަލާލިއެވެ. އެއްވެސް ކަމެއް ކޮޓަރި ތެރެއިން ފެންނާކަށް ނެތެވެ. ލޭގެ އަސަރެއް ވެސް ނެތެވެ.
އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކީއިރު، ލައިލާ އިނީ އެނދުމަތީގައި އިށީންދެގެންނެވެ. އޭނާގެ ހިތަށް ވަރަށް ގިނަ ކަންކަން އަރާ ފައިބަމުން ދިޔައެވެ. އެހެން ރޭތަކުގައި ފެނުނީ ހުވަފެނެކެވެ. މިރޭ ފެނުނީ ހުވަފެނެއް ނޫނެވެ. ހުރިހާ ކަމެއް ހިނގައިގެން ދިޔައީ ލައިލާގެ ދެލޯ ކުރިމަތީގައެވެ.
މީކާލްއާ އެކުގައި އުޅެވޭ ގޮތާ މެދުގައި ލައިލާ އަށް ވިސްނާލެވެން ފެށުނެވެ. ކައިވެނިން ބޭރުން ހިންގާ ގުޅުން ތަކަކީ އެއްވެސް ވަރަކަށް ކޮށްގެން ވާނެ ކަމެއް ނޫންކަން، ލައިލާއަށް ބޮޑަށް ވިސްނާލެވުނީ ރޭގެ ހާދިސާއަށް ފަހުގައެވެ. ލައިލާ އަކީ އަބަދުވެސް ފަރުޟު ފަސް ނަމާދަށް ފަރުވާތެރި ކުއްޖެކެވެ. ކޮންމެ ގޮތަކަށް އުޅުނަސް، ލައިލާ އަބަދުވެސް ނަމާދު ކޮށް ހަދައެވެ. ލައިލާއަށް ފަހުން ފަހުން އައިސް ފެންނަން ފެށި ހުވަފެންތަކާއި، މި ރޭގައި މިވީ ކަންތަކުގެ ވާހަކަ ލައިލާއަށް އެހެން މީހެއްގެ ގާތުގައި ހިއްޞާ ކުރަން އުނދަގޫވިއެވެ. ހަދާނެ ނުހަދާނެ ގޮތެއް ލައިލާއަކަށްް ނޭނގުނެވެ.
މި ހުރިހާ ކަމެއް ފެށުނީ މީކާލްގެ ގެއަށް ލައިލާ އެންމެ ފަހުން ދިޔަ ރެޔަށް ފަހުގައެވެ. އެ ރޭގައި ލައިލާ އާއި މިކާލް މަސްތީ ލޯބީގެ ކަނޑުގައި އެތައް އިރަކު ފެތިއެވެ. އެ ދެމީހުންގެ ލޯބީގެ މަސްތީ ކަމުގެ ޖޯޝާއި ޒުވާން އިޙްސާސްތައް އެކަކު އަނެކަކަށް ހިއްސާ ކުރީ އާވާރާ ޙާލުގައެވެ. މީކާލްގެ ކޮންމެ ހަރާކާތެއްގެ އަވަސް ކަމާއި، ކުޅަދާނަ ކަމުގެ ސަބަބުން ލައިލާއަށް އިތުރު އެއްވެސް ކަމަކާ މެދުގައި ވިސްނާލެވޭ ވަރެއް ނޫނެވެ. ގަޑި އިރުތަކަކަށް ދިގުދެމިގެން ދިޔަ މަސްތީ ވައިރޯޅިތަކަށް ފަހު ފާޚާނާއަށް ވަތް ތަނާ، ލައިލާއަށް އޭނާ ޕީރިއެޑް ވެއްޖެކަން އެނގުނީއެވެ.
މިކަމާ ފީރިއެޑް ވުމާއި ގުޅުމެއް ވާކަން ލައިލާއަށް ޔަޤީން ކުރެެވެން ފެށުނެވެ. އެއީ ބިރުވެރި ހުވަފެން ތަކުގައި އަދި މި ރޭގަ ލޯ ކުރިމަތިން ލައިލާއަށް ފެނުނީ ވެސް އެފަދަ މަންޒަރެއް ކަމުގައި ވާތީއެވެ.
ފުން ޚިޔާލުތަކުން ލައިލާއަށް ނުކުމެވުނީ އޭނާގެ މަންމަގެ އަޑަށެވެ. ސައިބޯން އަންނަން ގޮވާ އަޑަށެވެ. ވަރަަށް އަވަސްކޮށް ތައްޔާރު ވެެގެން ލައިލާ ކޮޓަރިން ނުކުތް އިރު، މުނީރާ އާއި ކާސިމް އިނީ ކާގޭގައި ލައިލާގެ އިންތިޒާރުގައެވެ.
"އާދޭ ސައިބޯން..."
ކާސިމް ބުނެލިއެވެ. ލައިލާ މަޑުމަޑުން ހިނގާފައި ގޮސް އިށީންނެވެ. ކުއްލިއަކަށް ލައިލާއަށް ބަލައިލެވުނީ ފޯނަށެވެ. މީކާލްގެ މެސެޖެއް ލިބުމުންނެވެ.
"ގުޑް މޯރނިން ބޭބީ.. ވަރަށް ބޮލުގަ ރިއްސާތީ މި އުޅެނީ... މޭ ނުބައި ކުރުވާފަ.."
ލައިލާގެ މޫނުމަތިން ހާސްކަން ވެރިވެގެން ދިޔައެވެ. ލައިލާގެ މޫނުމަތީގެ ކުލަވަރު ބަލަން ކާސިމް އިނެވެ.
"އަސްލުތަ؟ އަހަރެން ދަނީ އިނގޭ!"
ލައިލާ ވަރަށް އަވަހަށް ރިޕްލައި ކޮށްލިއެވެ.
"ނޫން ބޭބީ.. ޑޮކްޓަރަށް ދައްކާލަން ދާނަން މިއަދު.. މާ ބޮޑު ކަމެއް ނޫން މީ.." މީކާލްގެ މެސެޖު ކިޔާލުމަށްފަހު " އާނ އޯކޭ! ބޭބް.. ބީ ކެއަރފުލް އިނގޭ." މެސެޖުގައި ލިޔެލުމަށްފަހު ލައިލާ އެ މެސެޖު ފޮނުވާލަމުން ބަލައިލީ ކާސިމްގެ މޫނަށެވެ. އެއީ ކާސިމް ލައިލާއަށް ބަލަން ހުރިހެން ހީވެގެންނެވެ.
"ދަރިފުޅާ! ކިހިނެއްވީ؟" ކާސިމް އަހާލިއެވެ.
"ނުވޭ ކަމެއް.." ލައިލާ ތައްޓަށް ދެ ރޮށި ލަމުން ބުނެލިއެވެ.
"ނޫން ވެއްޖެ ކަމެއް.. ބުނެބަލަ ދަރިފުޅާ!"
ކާސިމް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. އެއާއެކު މުނީރާ ވެސް ބަލައިލީ ލައިލާގެ މޫނަށެވެ.
"ބައްޕަމެން ރުޅި އަންނާނެތީ.." ލައިލާއަށް ބުނެވުނީ އެވަރަށެވެ.
"މީކާލްއަށް ކިހިނެއްވީ؟ ބަލިވެ ޙާލު ބޮޑުވީތަ؟" ކާސިމްގެ ސުވާލާއެކުގައި ލައިލާއަށް ހައިރާންކަން ލިބުނެވެ. ލައިލާގެ ދެލޯ ބޮޑުވިއެވެ. އެހާ ސީދާ ކޮށް ކާސިމް އެހެން ބުނުމުންނެވެ.
"މިބުނީ... ދަރިފުޅު ހާސްވެފަ ހުރީމަ.." ލައިލާއަށް ކަމެއް ފަހުމް ވެދާނެތީ، ކާސިމް ވާހަކަ އޮޅުވާލަން މަސައްކަތް ކޮށްލިއެވެ.
"އާނ! މީކާލް ބަލި ވާހަކަ ބުނީ.. އެކަމު ޙާލު ބޮޑު ވެގެން ނޫން އުޅެނީ.." ލައިލާ ޖަވާބު ދިނީ ކާސިމްގެ މޫނަށް ބަލަަހައްޓައިގެން އިނދެއެވެ. ކާސިމްގެ މޫނުމަތިން ލައިލާއަށް ފެނުނީ ކަމެއް ސިއްރު ކުރަން އުޅޭ ކަހަލަަ ގޮތެވެ. ނަމަވެސް ލައިލާ އަޅާނުލީއެވެ.
ކާސިމްގެ އެތެރެ ހަށި ހީވަނީ އުފަލުން ނަށާހެންނެވެ. މިރޭ ވަގުތެއްގައި މީކާލްގެ މަރުގެ ޚަބަރު ލިބޭނެ ކަމުގެ އުއްމީދު ކާސިމްގެ ހިތާއި ސިކުނޑީގައި އާލާ ވުމާއެކުގައި އަމިއްލަ މީހާއަށް ބޭޢިހުތިޔާރުގައި ހިނިތުން ވެވުނެވެ. ވީ އުފަލެއްގެ ބޮޑު ކަމުން، ކާހިތް ވެސް ކާސިމަށް ކެނޑުނެވެ. ކުއްލިއަކަށް ކާސިމް ކޮޅަށް ތެދުވިއެވެ.
"ފުލް ވެއްޖެ! ދެން ނުކެވޭނެ.." ކާސިމް ކާގެއިން ނުކުންނަން ހިނގައިގަތެވެ. ކާސިމް އަކީ ދުވަހަކު ވެސް ކާއެއްޗެހި އިސްރާފު ކުރާ މީހެއް ނޫނެވެ. އަދި ވަކިން ޚާއްޞަކޮށް ހެނދުނުގެ ނާސްތާއަށް ކާސިމްގެ ވަރަށް ފޯރު ހުރެއެވެ. ކާސިމްގެ ފަރާތުން މިއަދު ފެނުނީ ތަފާތު ކަމެއްކަން މުނީރާ އާއި ލައިލާއަށް އެނގުނެވެ. (ނުނިމޭ)