އަލުން ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުން އިބޫގެ އެބައޮތް، އެކަމަކު އިބޫ އަކަށް ނުވާނެ

"އިބޫ ގޮވައިގެން ތިކަމެއް [އަލުން ވެރިކަމަށް އައުން] ނުވާނެ. އެހެން ގޮތެއް ހޯދާ،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އެއްބަނޑުއެއްބަފާ ބޭބެ، އިބްރާ ވިދާޅުވި އެވެ.

ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވާހަކަފުޅުތަކުން ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގައި ކުރިމަތިލެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނުގެ އޮތްކަން ހާމަވާ ކަމަށާ ނަމަވެސް އެމަނިކުފާނާ އެކު އެމްޑީޕީއަށް ލިބޭނެ ކާމިޔާބެއް ނެތް ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އިބްރާ މިހެން ވިދާޅުވީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައީސް ސޯލިހް ޓީވީ ޝޯ އެއްގައި މިއަދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެ ޝޯ ގައި ރައީސް ސޯލިހްގެ ސިޔާސީ ކުރިމަގާ ގުޅޭގޮތުން ސުވާލު ކުރި އެވެ. ނަމަވެސް އެ ސުވާލަށް ސާފު އެއްވެސް ޖަވާބެއް ނުދެއްވާ މުޅިން ވެސް ދެއްކެވީ އެމްޑީޕީގެ ކުރިމަގާ ގުޅޭގޮތުންނެވެ.

އެކަމަށް އިޝާރާތް ކޮށް އިބްރާ ވިދާޅުވީ ސުވާލު ކުރީ ރައީސް ސޯލިހްގެ ސިޔާސީ ކުރިމަގާ ގުޅޭގޮތުން ކަމަށާ ނަމަވެސް އެ ސުވާލަށް ޖަވާބު ނުދެއްވާ ޕާޓީގެ ސިޔާސީ ކުރިމަގާމެދު ވާހަކަ ދެއްކެވުން ވިސްނެނީ 2028 ގައި ކުރިމަތިލެއްވުމުގެ ވިސްނުން އެބަ އޮތްކަން ކަމަށެވެ. އެހެން ނޫންނަމަ އެކަން ސާފުކޮށް ބުނެ ދެއްވުމަށް އެދިވަޑައިގަތެވެ.

އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓަށް ޓެގް ކުރައްވާ އިބްރާ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރައީސް ސޯލިހާ އެކު އެމްޑީޕީއަށް ކާމިޔާބު ނެތް ކަމަށާ އޮތީ އެހެން ގޮތެއް ހޯދުން ކަމަށެވެ.

"އިބޫ ގޮވައިގެން ތިކަމެއް [އަލުން ވެރިކަމަށް އައުން] ނުވާނެ. އެހެން ގޮތެއް ހޯދާ،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އެއްބަނޑުއެއްބަފާ ބޭބެ، އިބްރާ ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސިޔާސީ ކުރިމަގާ ގުޅޭގޮތުން ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ކުރެއްވި އަދި މިހާރު ވެސް ކުރައްވާ ކަމަކީ ޕާޓީ ބައިބައިވިޔަ ނުދީ ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މިހާރު އޮތް ޕާޓީގެ ލީޑާޝިޕުން ވެސް މަޝްވަރާ ކުރައްވާ ކަމަށެވެ.

އެމްޑީޕީއަށް ވެރިކަމަށް އާދެވޭނީ އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން ކަމަށާ އެކޮށް ތިބެވިއްޖެއްޔާ އަލުން ވެރިކަމަށް އާދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ 2023 އެމްޑީޕީއަށް ގެއްލި ދެވަނަ ދައުރެއް ނުލިބުނީ  ޕާޓީގައި ތިބި ދުވަސްވީ ބަޔަކު ވަކިވެގެން ދިއުމުން ކަމަށާ އެއީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

އަދި އެކުގައި ކުރިއަށް ދިއުމަށް ދައުވަތު ދެއްވި އެވެ.

"ހަގީގަތުގައި މި ފަހަރު ވެރިކަން ގެއްލުމުގެ އިންތިހާބުގެ ގެއްލުމުގެ އެންމެ ބޮޑު އެއް އިޝޫއަކީ ވެސް އެއީ. އަޅުގަނޑު ހިތުން މިއަދު މީ އަނެއްކާވެސް އެއާ ދޭތެރޭ އެ ބޭފުޅުންވެސް ވިސްނަވަންވީ ވަގުތު. މީ ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީ. އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީ. އެކީގައި ވަޑައިގަންނަވަންވީ ހަމަ،" ސޯލިހް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.