އިގުތިސާދީ ހަރަކާތްތައް ކުރިއަށް ނުގޮސް ދައުލަތަށް އާމްދަނީ ލިބެންވާ މިންވަރަށް ނުލިބި މަޑުޖެހުނު ގޮތް ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވެދެއްވައިފި އެވެ.
ދައުލަތުގެ މާލީ ހާލަތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާ ކުރެއްވުމަށް މިއަދު ވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދެވި ހުރިކަމާއި، ސްކޮލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާވުން ލަސްވާކަން މިއީ އެންމެންނަށްވެސް އެނގޭ ކަންކަން ކަމަށެވެ.
ނަމަވެސް މިފަދައިން މެދުވެރިވި ސަބަބު ސާފުކޮށްދޭންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރު ދައުލަތުގެ ބަޖެޓު ހުސްވުމާ ގުޅިގެން ކުރީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓަކީވެސް ފައިސާ ހަމަޖެހިފައި އޮތް ބަޖެޓެއް ނޫން ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ސަރުކާރު ބަދަލުވިއިރު ނުވަ ބިލިއަނެއްހައި ރުފިޔާ ސަރުކާރުން އެކި ފަރާތްތަކަށް އަދާކުރަންޖެހޭ ބިލުތަކުގެ ގޮތުގައި ހުރި ކަމަށްވެސް ޑރ.ޝަފީގު ވިދާޅުވި އެވެ. އަދި އެ ބިލުތަކަކީވެސް އެތައް މަހެއް ވެފައި ހުރި ބިލުތަކެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މިހާރުވެސް މަސައްކަތްކުރަނީ އެ ބިލުތަކަށް ފައިސާ ދެއްކުމަށް ކަމުގައެވެ.
"މިފައިސާ ދެއްކުނީމަ އެސްއެމްއީ ސެކްޓާގައި ހުންނަ ކުންފުނިތަކުން މަސައްކަތް ކުރެވިގެން، އެ ކުންފުނިތަކުގެ ޕްރޮފިޓުން ޓެކްސް ދައްކައިގެން ދައުލަތަށް އާމްދަނީ ލިބިގެން ދައުލަތުން ބޭނުންވާ ޕްރޮޖެކްޓެއް ހިންގޭނީ. މިހާރު މި ސިސްޓަމްގައި ހަގީގަތުގައި ރަނގަޅަށް ބޭނުންވާ ގޮތަށް މި އޮޕަރޭޝަނެއް ނުހިންގޭ،" ޝަފީގު ވިދާޅުވި އެވެ.
ޑރ.ޝަފީގު ވިދާޅުވީ ކުންފުނިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ކުންފުނިތަކުން ދައުލަތަށް ޓެކުސް ދެއްކުމުގައި ދަތިތައް ކުރިމަތިވެ ދައުލަތަށް އާމްދަނީވެސް ނުލިބޭ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރު އެންމެ ރަނގަޅަށް އާމްދަނީ ލިބުނު ޖަނަވަރީ އަދި ފެބްރުއަރީ މަހުގައި ކޮންމެ ދިހަ ދުވަހަކުން ޕޭމެންޓުތައް ހަދަމުންދިޔަ ކަމަށެވެ. މިހާރު ފައިސާ ދެއްކުން ލަސްވެގެން އުޅެނީ ދައުލަތަށް އާމްދަނީ ލިބޭ މިންވަރު މަދުވެގެން ކަމަށެވެ.
އަދި އަންނަ ޖުލައި މަހުން ފެށިގެން އާމްދަނީގެ ދަތިކަން ލުއިވުމާއެކު ފައިސާ ދޫކުރުމުގެ މަސައްކަތްވެސް ހަލުއިކުރައްވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.