ނަމަވެސް ކޯސްތައް ފަރުމާކޮށްފައި ހުންނާނީ ކައުންސިލްތަކަށް އަމިއްލައަށް ވެސް ހެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ފިޒިކަލީ މި ކޯސްތައް ނުހިންގޭތީ އޭގެ މާބޮޑު ފައިދާއެއް ނުކުރާކަން ވެސް އޭނާ އިތުރަށް ފާހަގަކުރެއްވި އެވެ.
ކައުންސިލްތައް އެކަށީގެންވާ މިންވަރަށް މޮނީޓާކޮށް ތަމްރީނު ޕްރޮގްރާމުތައް ނުހިންގެނީ އެކަމަށް ބޭނުންވާ ބަޖެޓް ނެތުމުން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ވަޑައިގެން މިއަދު ވާހަކަދައްކަވަމުން އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ އެލްޖީއޭގެ އެންމެ ބޮޑު ފަންގްޝަނަކީ ކައުންސިލްތަކަށް އަމާޒުކޮށްގެން އެކިއެކި ތަމްރީނުތަކާއި ހޭލުންތެރި ޕްރޮގްރާމުތައް ހިންގުން ކަމަށެވެ.
ނަމަވެސް ވަކިވަކި ރަށްތައް މޮނީޓާކޮށް ކޮންމެ ރަށަކަށް ވަކިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަކީ އެ އޮތޯރިޓީއަށް ދަތި ކަމެއް ކަަމަށް އޭނާ ވިދާޅުވި އެވެ. ހުރިހާ ކަމެއް ވެސް ހިނގަނީ ފައިސާ ހަރަދުވެގެން ކަމަށާއި އެކަންކަމަށް ބޮޑު ހަރަދެއް ހިނގާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ސަބަބުން އެލްޖީއޭއިން ބޭނުންވާ މިންވަރަށް ކައުންސިލްތައް މޮނީޓާކޮށް އަދި ތަމްރީނުތައް ވެސް ނުހިންގޭ ކަން އާދަމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ރަށްރަށަށް ގޮސްގެން ނުކުރެވޭތީ، ހަމަ ކޮންމެ ރިކުއެސްޓަކަށް އޮންލައިންކޮށް އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ވެސް އެޓެންޑް ވެވޭނެ. އެކަމަކު އޮންލައިންކޮށް ހިންގާ ޕްރޮގްރާމްތަކާ އެވެއާނަސް ޕްރޮގްރާމްތަކަކީ އެހާ ބޮޑަށް އެ ޝައުގުވެރިކަންމަތީގަ ބައިވެރިވުން، ޝާމިލްވުން ލިބޭ ކަންކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ އޮންލައިންކޮށް ތަމްރީނުތައް ހިންގައިގެން ބޭނުންވާ ނަތީޖާ ވެސް ނުނެރެވޭ ކަމަށެވެ. ނަމަވެސް ކޯސްތައް ފަރުމާކޮށްފައި ހުންނާނީ ކައުންސިލްތަކަށް އަމިއްލައަށް ވެސް ހެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ފިޒިކަލީ މި ކޯސްތައް ނުހިންގޭތީ އޭގެ މާބޮޑު ފައިދާއެއް ނުކުރާކަން ވެސް އޭނާ އިތުރަށް ފާހަގަކުރެއްވި އެވެ.
އެލްޖީއޭ އިން އިތުރަށް ބުނެފައި ވަނީ އަތޮޅު ކައުންސިލްތަކުން ރަށު ކައުންސިލްތައް މޮނީޓާ ކުރޭތޯ އެ އޮތޯރިޓީން ބަލަމުންދާ ކަމަށެވެ. ކޮންމެ އަހަރަކު ވެސް ޝެޑިއުލްކޮށްގެން އެކަން ބަލަމުންދާކަން ފާހަގަކޮށްފައިވެ އެވެ. ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، އަތޮޅު ކައުންސިލްތައް ހިނގަނީ އެލްޖީއޭފަދަ ބޮޑީއެއްގެ ގޮތުގައިކަން ފާހަގަކުރަމުން އެލްޖީއޭ އިން ބުނެފައި ވަނީ އެ ގޮތަށް އެތަންތަން ހިންގާނެ ޓެކްނިކަލް އޮނިގަނޑުތައް މިހާރު ހަދަމުންދާ ކަމަށެވެ. އެކަން ކުރަނީ ފިނޭންސް މިނިސްޓްރީއާ ވެސް ގުޅިގެންނެވެ.
ކައުންސިލްތަކަށް ތަމްރީނު ދިނުމާއި ހޭލުންތެރި ކަމުގެ ޕްރޮގްރާމުތައް ހިންގައި އެތަންތަން މޮނީޓާ ކުރުމަކީ ގާނޫނުން އެލްޖީއޭގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ.