އެ ފައިސާ އިން ހިންގި އެއްވެސް މަޝްރޫއެއް ނެތް ކަމަށާއި މިއަދު ވެސް 24 ގަޑިއިރު ކަރަންޓު ނުލިބޭ ރަށްތައް ރާއްޖޭގައި އެބަހުރިކަން ފަލާހު ފާހަގަކުރެއްވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެކި ޖަރީމާތަކާއި ކޮރަޕްޝަން ހިންގާފައިވާ ކުރީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މައްސަލަ ބައްލަވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފެނަކައިގެ ކުރީގެ އިސް ވެރިންގެ އިހުމާލުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުންތައް ބަލައި ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ކުރީ ސަރުކާރު ނިނުމުއިރު ހަތަރު ބިލިއަން ރުފިޔާގެ ދަރަނި ފެނަކައިގައި އޮތްއިރު އެ ފައިސާ ހަރުކޮށްފައިވާ ގޮތް ނޭންގޭ ކަމަށެވެ.
އެ ފައިސާ އިން ހިންގި އެއްވެސް މަޝްރޫއެއް ނެތް ކަމަށާއި މިއަދު ވެސް 24 ގަޑިއިރު ކަރަންޓު ނުލިބޭ ރަށްތައް ރާއްޖޭގައި އެބަހުރިކަން ފަލާހު ފާހަގަކުރެއްވި އެވެ.
ފަލާހު ވިދާޅުވީ ފެނަކައިގެ އޭރުގެ އިސްވެރިން އެ ފައިސާއިން ހަރަދުކޮށްފައި ވަނީ އަމިއްލަ ބޭނުންތަކަށް ކަމަށެވެ. އެގޮތުން އަނބިންނަށާއި ގުޅުން އޮންނަ އެހެން ފަރާތްތަކަށް ކާރުފަދަ ތަކެތި އެ ފައިސާއިން ހަރަދުކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
ފެނަކައިގެ އިތުރުން އެސްޓީއޯ އަދި އާރްޑީސީ ފަދަ ކުންފުނިތަކުން ވެސް ކުރީ ސަރުކާރުގައި އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށް ފަލާހު ވިދާޅުވި އެވެ.
"މިފަދަ ނުބައި ޖަރީމާތައް ހިންގާފަ ހުރި ހުރިހާ ކުންފުނީގެ ވެރިން މިތަނަށް ހާޒިރު ކުރާނެމޭ، މައްސަލަ ބަލާނަމޭ. ދިވެހި ސަރުކާރަށް، ދިވެހި ދައުލަތަށް ދިވެހި ރައްޔިތުންގެ ފައިސާ މި ގެއްލިފަ ހުރި ހުރިހާ ފައިސާއެއް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ފަލާހު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، އެންމެ ހާލުގައި އޮތީ ފެނަކަ އެވެ. އެތަނުގައި 4.1 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ. ސަރުކާރުން ކުރާ ތުހުމަތުތަކަށް އޭރުގެ ވެރިން ވަނީ އިންކާރުކޮށްފަ އެވެ. އަދި މައްސަލައެއް އުޅޭނަމަ ބަލައި ފިޔަވަޅު އަޅަން ވެސް ގޮވާލާފައިވެ އެވެ. މިދިޔަ ސަރުކާރުގައި ފެނަކަ ހިންގަން ހުންނެވީ އަހުމަދު ސައީދެވެ.