ވޯލްޑް އިކޮނޮމިކް ފޯރަމުގެ ހަވާސާގައި އޮތް މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރެވިފައި އޮތް ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހިމެނެއެވެ.
ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރުމާއި، އެގައުމާއެކު ޔުއާން ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މިހާރު ޗައިނާއަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ޗައިނާގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމުގައި ބައިވެރިވެ ވަޑައިގަތުމަށް އޭނާ ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މި އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރެއިން އިގުތިސާދާއި ވިޔަފާރިއާ ގުޅުންހުރި މުހިއްމު ކަންކަމާ ގުޅޭ ގޮތުން އެ ގައުމުގެ ކޮމާސް މިނިސްޓަރާއެކު ސައީދު މަޝްވަރާ ކުރެއްވި ކަމަށެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމުގެ ހަވާސާގައި އޮތް މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރެވިފައި އޮތް ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އޭގެ އިތުރަށް ރާއްޖެއާއި ޗައިނާއާ ދެމެދުގައި ވިޔަފާރިކުރުން ފަސޭހަ ކުރުމަށްޓަކައި، ކަރަންސީ ސެޓްލްމެންޓު ނިޒާމު ނުވަތަ ދިވެހި ރުފިޔާއާއި ޔުއާން ބޭނުންކޮށްގެން ދެ ގައުމުގެ މެދުގައި ވިޔަފާރި ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަޝްވަރާތައް ކުރެވުނު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުހިއްމު މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓުތަކާއެކު އެފަދަ ކަރަންސީ ސެޓްލްމެންޓު ނިޒާމުތައް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަންދޭ ކަމެއް ކަމުގައި ބުންޏެވެ.
މިނިސްޓަރު ސައީދުވަނީ ރާއްޖެއާއި ޗައިނާގެ ދެމެދުގައި ދިވެހި ރުފިޔާއާއި ޔުއާން ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށް މަސައްކަތް ކުރުމުގެ މަޝްވަަރާތަކާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާނު ކުރައްވާފަ އެވެ.