ހަނދުން ގެނައި ސާމްޕަލް ހިލަތަކުގެ ސަބަބުން ޕްލެނެޓްތައް އުފެދޭ ގޮތާބެހޭ މުހިންމު ސުވާލުތަކަށް ޖަވާބު ދެވޭނެތީ ސައިންސްވެރިން އެ އުޅަނދުގެ އިންތިޒާރުގަ އެވެ.
ހަނދުގެ ނުފެންނަ ދުރު ފަޅީން ފުރަތަމަ ފަހަރަށް ނެގި ސާމްޕަލްތަކާއެކު ޗައިނާގެ ހަނދު އުޅަނދު އެނބުރި ހަނދުން ދުނިޔެއަށް އަތުވެއްޖެ އެވެ.
ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހުގެ ދިގު މިޝަނަކަށް ފަހު ޗަންގް-އީ-6 މޮންގޯލިއާގެ ހަނަފަސް ސަރަހައްދަކަށް ޖައްސާފައި ވަނީ ނުރައްކާތަކުން ފުރިގެންވާ މިޝަނަކަށްފަހު އެވެ. ހަނދުން ގެނައި ސާމްޕަލް ހިލަތަކުގެ ސަބަބުން ޕްލެނެޓްތައް އުފެދޭ ގޮތާ ބެހޭ މުހިންމު ސުވާލުތަކަށް ޖަވާބު ދެވޭނެތީ ސައިންސްވެރިން ތިބީ ޗަންގް-6 ގެ އިންތިޒާރުގަ އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ވެސް ހަނދުގެ ދުރު ފަރާތަށް ޖެއްސި ހަމައެކަނި ގައުމަކީވެސް ޗައިނާ އެވެ. ދުނިޔެއާ ދުރުގައި އޮންނަ ހަނދުގެ މި ދުރު ފަރާތަކީ އެތަނުގެ ދުރު ކަމާއި ބިޔަ ވަޅުގަނޑު ތަކުގެ ސަބަބުން އެތަނަށް އުޅަނދު ޖެއްސުމަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ސަރަހައްދެކެވެ.
ސައިންސްވެރިން ޝައުގުވެރި ވަނީ މަދުން ބަލާލެވޭ މި ފަރާތުގައި، ފެނާއި އޮކްސިޖަން އަދި ހައިޑްރޮޖަނަށް ނެގޭނެ އައިސްގެ ނިޝާންތައް ހުންނާނެ ކަމަށް އުއްމީދު ކުރެވޭތީ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ޗަންގީ-6 މިޝަންގެ ކޮމާންޑް ސެންޓަރުގައި ތިއްބެވި ބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ. މިއީ ޗައިނާއިން ހަނދަށް ދަތުރު ކުރި ހަވަނަ މިޝަން އެވެ. އަދި މިއީ ހަނދުގެ ދުރު ފަރާތަށް ޗައިނާއިން ދަތުރުކުރި ދެވަނަ މިޝަނެވެ.
މިދިޔަ މެއި މަހުގެ ކުރީކޮޅު ޖައްވީ ރޮކެޓް ލޯންޗް މަރުކަޒަކުން ޗަންގް-އީ-6 ފަޒާއަށް ފޮނުވާލައި އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ހަނދުގެ ދެކުނު ތަނޑީ ކައިރީގައި ހުރި ވަޅުގަނޑަކަށް ކާމިޔާބުކަމާއެކު ޖެއްސި އެވެ. އެ އުޅަނދުގެ މިޝަން 53 ދުވަހަށް ދެމިގެން ދިޔަ އެވެ.
މި އުޅަނދުގައި ފަސްގަނޑާއި ހިލަތައް ހާވައި ވަޅު ކޮނެ ތޮރުފާނެ ޑްރިލަކާއި ރޮބޮޓިކް އާމްއެއް ބޭނުން ކޮށްގެން ފަސްގަނޑާއި ހިލަތައް ފަޅައި އެ ސަރަހައްދުގެ ބައެއް ފޮޓޯތައް ނަގައި ޗައިނާގެ ދިދަ ޖަހާފައި ވެއެވެ.
ބީބީސީއަށް ދިން އިންޓަވިއުއެއްގައި ސްކޮޓްލޭންޑުގެ އެސްޓްރޮނޮމިސްޓް ރޯޔަލް ކެތަރިން ހެމަންސް ބުނީ މި ލޭންޑިން ކާމިޔާބުކަމާ އެކު ފެނުމަކީ ވަރަށް ހިތްގައިމު ކަމެއް ކަމަށެވެ. ހަނދުގެ ޖިއޮލޮޖިކަލް އެކްޓިވިޓީއަކީ ކައިރި ފަރާތާއި ދުރު ފަރާތުގައި ވަރަށް ތަފާތު ހަރަކާތެއް ކަމަށާއި އެ ތަފާތުތައް ފެނުމަކީ ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.
އެމެރިކާ އާއި ރަޝިއާއާ އޮންނަ ވާދަވެރި ކަމުގެ ތެރޭން ދެމިގަނެގެން ގޮސް ބެއިޖިން އިން ވަނީ ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި ޖައްވީ ބޮޑެތި ޕްރޮގްރާމްތަކާއި ވަސީލަތްތައް އުފައްދައި ކާމިޔާބުތައް ހޯދާފަ އެވެ. ޗައިނާގެ އަމާޒަކީ 2030 ވަނަ އަހަރު ހަނދަށް ފަޅުވެރިންގެ މިޝަނެއް ފޮނުވައި ހަނދުގެ ސައުތު ޕޯލްގައި މަރުކަޒެއް އެޅުމެވެ.