ޑރ. އަލީ ޒާހިރު ވިދާޅުވި ގޮތުގައި ބަކާއާ އެންމެ ފަހުން ވާހަކަ ދެކެވުނީ ހައްޖުގެ އަޅުކަމުގައި ހުރެ ފޯނުން ގުޅާލި ދުވަހު އެވެ. ފޯނު ބޭއްވެމަށް ފަހު މެސެޖެއް ކޮށް އެދުނީ ކިޔާލާނެ ރަނގަޅު ދުއާތަކެއް ފޮނުވައި ދިނުމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) މިއަދު ހަވީރު ވަނީ ނިޔާވެފަ އެވެ. ހައްޖުގެ އަޅުކަމަށް ފަހު މީގެ ދެތީން ދުވަސް ކުރީން ރާއްޖެ އައި ފަހުން ބަކާ އުޅުނީ ބަލިވެ އެވެ. ވަރަށް ބޮޑަށް ހުން ގަދަވެ އަތުގެ އިނގިލިތައް ހުރީ ނޫފައިގެންފަ އެވެ. ގައިގެ ވަރު ނެތި ހާލު ދެރަވާން ފެށުމުން އޭޑީކޭ ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށުނެވެ.
ރޭގެ ވަގުތެއް ގައި ހާލު ވަރަށް ދެރަވެ އައިސީޔޫ ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި އެވެ. ވެންޓިލޭޓަރަށް ލާ ޖެހޭ ހިސާބަށް ހާލަތު ދެރަވެ ގޯސްވި އެވެ.
މިއަދު މެންދުރު ޓެސްޓްތަކުގެ ނަތީޖާ ލިބުނުއިރު ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޖެހިފައިވާ ކަން އެނގުނެވެ. އެހާ ހިސާބުން އެ ބަލީގެ ފަރުވާ ވަގުތުން ފެށި އެވެ. ނަމަވެސް އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ބަކާ، ނިޔާވި އެވެ.
ކުއްލި ގޮތަކަށް ހާލު ދެރަވެ އައިސީޔޫ ގައި ބަކާ އަށް ފަރުވާ ދޭން ފެށި ހަބަރު ރޭގެ ވަގުތެއްގެ ފެތުރެން ފެށީއްސުރެ މުޅި ސޯޝަލް މީޑިއާ ގައި އޮތީ ބަކާއަށް ހެޔޮ އެދުމުގެ މެސެޖުތަކެވެ. އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކޮށް ކޮށްފައިވާ ޕޯސްޓްތަކެވެ.
އޭގެ ތެރޭގައި ގައުމުގެ އެންމެ އިސްވެރީންނާއި ދީނީ އިލްމުވެރީންނާއި އާންމުން ވެސް ހިމެނެ އެވެ. ހާއްސަކޮށް ދީނީ އިލްމުވެރީންގެ ޕޯސްޓްތައް ފާހަގަ ކުރެވުނެވެ. ބަކާ އަކީ ދީނީ ކަންކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދިން ކުޅުންތެރި އެކެވެ. ނަމާދަށް ވަރަށް ފަރުވާތެރި މިސްކިތުގެ އަހުލުވެރި އެކެވެ. ދީނީ އިލްމުވެރީންނާއި ގާތް ގުޅުމެއް ބޭއްވި އެވެ. ދައުވަތުގެ ހަރަކާތްތަކުގައި ބައިވެރިވެ އިލްމުވެރީންނާއި ގާތުން މަސައްކަތް ކުރި އެވެ.
އިލްމުވެރީންގެ ޕޯސްޓްތަކުގައި އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ.
ބަކާގެ ކުއްލި ވަކިވުމާ އެކު މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ސައީދު ބިން ގާސިމް ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. އެ ޕޯސްޓް ގައި ޝެއިހް ވަނީ އެންމެ ފަހުން ބަކާއާ ދެކެވުނު ވާހަކަތައް ހިއްސާ ކުރައްވާފަ އެވެ. ހާއްސަކޮށް އެންމެ ފަހުން ބަކާ ކުރެއްވި މެސެޖެވެ.
އެ މެސެޖުގައި ވެ އެވެ.
"ޝެއިހް އެ ދުއާ ފޮތް ފޮނުވާލަ ދެއްޗޭ"
ޑރ. އަލީ ޒާހިރު ވިދާޅުވި ގޮތުގައި ބަކާއާ އެންމެ ފަހުން ވާހަކަ ދެކެވުނީ ހައްޖުގެ އަޅުކަމުގައި ހުރެ ފޯނުން ގުޅާލި ދުވަހު އެވެ. ފޯނު ބޭއްވެމަށް ފަހު މެސެޖެއް ކޮށް އެދުނީ ކިޔާލާނެ ރަނގަޅު ދުއާތަކެއް ފޮނުވައި ދިނުމަށެވެ. ޝެއިހް ވަނީ 100 ދުއާ އެކުލެވޭ ދުއާ ފޮތެއް ފޮނުވައި ދެއްވާފަ އެވެ.
ޝެއިހް ވިދާޅުވި ގޮތުގައި ބަކާއަކީ ދީނީ ކަންކަމަށް ފަރުވާތެރިވި ވަރަށް ގާތް އަހެކެވެ. ނަމާދުތަކަށް ފަރުވާތެރިކަން ބެހެއްޓި އެވެ.
ބަކާއާ އެންމެ ފަހުން ދެކެވުނު ވާހަކަތައް ހިއްސާކޮށް ޑރ. އަލީ ޒާހިރު ކުރެއްވި ޕޯސްޓް ވަރަށް ބޮޑަށް ވައިރަލްވި އެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ބަޔަކު އެ ޕޯސްޓް ޝެއާކޮށްފައިވެ އެވެ.