ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސަރުކާރުގެ އެއްވެސް ބައެއް ހިންގުމުގައި އިންސާނުންގެ ސިޔާސަތުތަކުގެ ބަދަލުގައި ޓެކްނޮލޮޖީ ދުވަހަކު ވެސް އިސްކޮށްގެން ނުވާނެ އެވެ.
އުމުރުން 42 އަހަރުގެ ވިކްޓާ މިލާ ދާދި ފަހުން އެމެރިކާގެ ވަޔޮމިންގްގެ ޗެޔެންގެ މޭޔަރު ކަމަށް ވާދަ ކުރާ ލިޔެކިޔުންތައް ހުށަހެޅި ނަމަވެސް އެއީ އޭނާ މޭޔަރަކަށް ވުމަކަށް ނޫނެވެ. އޭނާ ހުށަހެޅީ ކަސްޓަމައިޒް ކޮށްފައިވާ އޭއައި ޗެޓްބޮޓެއްގެ ނަން ވޯޓް ކަރުދާހުގައި ހިމަނައި ދިނުމަށެވެ.
"ވާޗުއަލް އިންޓަގްރޭޓެޑް ސިޓިޒަން" ވީއައިސީގެ ނަން ދީފައިވާ މި ޗެޓްބޮޓްގައި އާޓިފިޝަލް އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ އޯޕަންއޭއައިގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ސިޔާސީ ހުރިހާ ނިންމުންތަކެއް ނިންމައި ސިޓީ ހިންގުމަށް އެހީތެރި ވެދޭނެ ކަމަށް އޭނާ ބުނެ އެވެ.
ނަމަވެސް އަންގާރަ ދުވަހު އޯޕަންއޭއައި އިން ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ވޯޓުލާ މީހުނާ މުއާމަލާތްކޮށް ހިތްވަރު ދިނުމަށް ބޭނުން ކުރަމުން ދިޔަ ދެ ވަސީލަތެއް ހުއްޓުވާފައިވާ ކަމަށާއި މިގޮތަށް ޗެޓްޖީޕީޓީ ބޭނުން ކުރުމަކީ އެ ކުންފުނީގެ ސިޔާސަތުތަކާ ހިލާފު ކަމެއް ކަމަށެވެ.
ސަރުކާރުގެ ރެގިއުލޭޓަރުންނާއި ކުންފުނިތަކާއި ކަސްޓަމަރުން ޒިންމާދާރު ކަމާއެކު އޭއައި ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް އަދިވެސް ހޯދަމުން އަންނައިރު، އިޖުތިމާއީ، ގާނޫނީ އަދި ރެގިއުލޭޓަރީ ތަންތަނަށްވުރެ ހަލުވިކަމާއެކު ޓެކްނޮލޮޖީ ކުރިއަރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އޭއައި މިހާރު މިވަނީ ސިޔާސީ ކަންކަމުގައި ބައިވެރި ކުރަން ފަށާފަ އެވެ.
އޯޕަންއޭއައިގެ ވެބްސައިޓްގައި ބުނެފައި ވަނީ "ސިޔާސީ ކެމްޕެއިން ނުވަތަ ލޮބީ ކުރުން ފަދަ ކަންކަމުގައި ބައިވެރިވުން މަނާކުރާ ކަމަށާއި އޭގެ ތެރޭގައި ވަކި ޑިމޮގްރަފިކްސްއަކަށް ހާއްސަކޮށްގެން ނުވަތަ އަމާޒު ކޮށްގެން ކެމްޕޭން މެޓީރިއަލް އުފެއްދުން ވެސް ހިމެނޭ ކަމަށެވެ.
ވަޔޮމިން ސެކްރެޓަރީ އޮފް ސްޓޭޓް ޗަކް ގްރޭ މީޑިއާއަށް ވިދާޅުވެފައި ވަނީ ވަޔޮމިންގް ގާނޫނުން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި، މަގާމަށް ކުރިމަތިލުމަށް ޓަކައި، "ކޮލިފައިޑް މީހަކަށް" ވާން ޖެހޭނެ ކަމަށާއި، އޭގެ މާނައަކީ ކުރިމަތިލާ ކެނޑިޑޭޓަކީ ހަގީގީ އިންސާނަކަށް ވާން ޖެހޭ ކަމަށެވެ. "އެހެންވީމަ އޭއައި ބޮޓަކީ އިންސާނެއް ނޫންވީމަ މި ޝަރުތު ހަމަނުވާނެ" ގްރޭ ވިދާޅުވިއެވެ.
އޯޕަންއޭއައި އިން ސީއެންއެންއަށް މައުލޫމާތު ދެމުން ބުނީ އިނގިރޭސިވިލާތުގެ އެހެން ކެނޑިޑޭޓަކާ މެދު ވެސް ފިޔަވަޅު އަޅާފައިވާ ކަމަށާއި، އޭއައި މޮޑެލްތައް ބޭނުންކޮށްގެން ޕާލަމެންޓަށް ކެމްޕެއިން ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ނިއުރަލް ވޮއިސް ނަމަކަށް ކިޔާ އޭއައި ކުންފުންޏެއްގެ ޗެއާމަން ސްޓީވް އެންޑަކޮޓް އޭނާގެ ސައިޓުގައި ހިމަނާފައިވާ ޗެޓްބޮޓެއް ކަމަށްވާ އޭއައި ސްޓީވް މެދުވެރިކޮށް ވޯޓުލާ މީހުންގެ ސުވާލުތަކަށް ޖަވާބު ދެ އެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓްތައް ސްމާޓްވަމުން ދިޔަ ނަމަވެސް، ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސަރުކާރުގެ އެއްވެސް ބައެއް ހިންގުމުގައި އިންސާނުންގެ ސިޔާސަތުތަކުގެ ބަދަލުގައި ޓެކްނޮލޮޖީ ދުވަހަކު ވެސް އިސްކޮށްގެން ނުވާނެކަމަށެވެ.
ޔުނިވާސިޓީ އޮފް މެރީލޭންޑްގެ ކޮލެޖް އޮފް އިންފޮމޭޝަން ސައިންސަސްގެ ޕްރޮފެސަރެއް ކަމަށްވާ ޖެން ގޯލްބެކް ވިދާޅުވީ "އޭއައި އަކީ އަބަދުވެސް ޑިސިޝަން ސަޕޯޓަށް ފަރުމާކޮށްފައިވާ އެއްޗެއް، މިއީ އިންސާނުންނަށް ނިންމުންތައް ނިންމުމުގައި އެހީތެރިވުމަށް ބައެއް މައުލޫމާތު ދޭ އެއްޗެއް ނަމަވެސް އަމިއްލައަށް ނިންމުންތައް ނިންމަން ސެޓްކޮށްފައި ހުންނަ އެއްޗެއް ނޫން." ކަމަށެވެ.
އޭއައިގެ ސިޔާސީ ކެނޑިޑޭޓުން ވެސް އުފެދިފައި މިވަނީ ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން އިންތިހާބަށް އަސަރުކުރާ މިންވަރާ މެދު ކަންބޮޑުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.