ސޮވްރިން ފަންޑު | ސަރުކާރުގެ ޖަމާ މަދުކަމުން ގަވަރުނަރު ޝަކުވާ ކުރެއްވި

ސޮވްރިން ފަންޑަކީ ގައުމުގެ އަމިއްލަ ވަންތަކަމާ ގުޅުންހުރި އެއްޗެކެވެ. އަމިއްލަ ފައިމައްޗަށް ދެތުވުމުގެ ބާރު ދޭ އެއްޗެކެވެ. އޭގައި ފަސް އަހަރެއް ނިމޭއިރު މަގުދު ފައިސާއިން ދެ މިލިއަން ޑޮލަރު ހުރުމަކީ ލަދުވެތި ކަމެކެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފަހަށް ރައްކާ ކުރާ ފަންޑު ނުވަތަ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި އުފެއްދީ 2017 ވަނަ އަހަރު އެވެ. އެ ފަންޑު ވުޖޫދު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގަން ލޯނު ނަގަމުން ދިއުމުން ބޭރުގެ މާލީ އިދާރާތަކަށް ޔަގީންކަން ދިނުމަށެވެ. އެކަމަކު މި ފަންޑު މިވޭތުވެދިޔަ 10 އަހަރު އޮތީ އޭރުގައި ހުންނަ ފިނޭންސް މިނިސްޓަރެއް ބޭރުންވާ ވަގުތަކު އަތް ބޭނޭ ގޮތަށެވެ. އެއިން ފައިސާ ނަގައިގެން ބޭނުން ކަމެއް ކުރަންވީ އެވެ. ނަތީޖާއަކީ ލޯނު ދެއްކުމުގެ ޔަގީންކަން އުފައްދަން ބޮޑުކުރި ފަންޑަށް ޑޮލަރު ޖަމާ ކުރަމުން ދިއުން މަޑު ޖެހިގެން ދިއުމެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދަރަނި މަތިވެ ސަލާމަތް ނުވެގެން އެ ފަންޑުގައި ހުރި ޑޮލަރުތައް މާރުކޮށް ވެރިކަން ނިމުނުއިރު ހުރީ ޓްރެޒަރީ ބިލްގައި އިންވެސްޓް ކޮށްފަ އެވެ. ފަންޑުން ނަމްބަރެއް ފެންނަން ހުއްޓަސް ހަގީގަތުގައި އޭއީ "ނެތް" އެއްޗެކެވެ. އެކަމަކު އެ ފަންޑުގެ މަގުސަދަކީ އެއެއް ނޫނެވެ. އެ ފަންޑަކީ ގާނޫނީ ރައްކާތެރިކަން ދީގެން ރައްކާތެރިކުރަން ޖެހޭ އެއްޗެކެވެ. ވެހޭއިރު ފެން ނަގާ އުސޫލުން އިގްތިސޯދު އެންމެ ރަނގަޅު ދުވަސްވަރު ފައިސާ ޖަމާކޮށް އެ ހުންނަން ޖެހޭނީ ރައްކާތެރި ކޮށްފަ އެވެ. އެކަމަކު މި ފަންޑު އޮތީ މާލީ ވަޒީރު ބޭނުންވާ ވަގުތެއްގައި އަތް ބޭނޭ ގޮތަށެވެ. 

މަޖިލީހުގެ ފުލް މެޖޯރިޓީ އޭރުގެ ސަރުކާރަށް އޮތް ނަމަވެސް ފަންޑު ރައްކާތެރި ކުރަން އެއްވެސް މަސައްކަތެއް ނުކުރުމަކީ މިއަދު ފަންޑުގެ ސައިޒު އޮތް ހާލަތުގައި އެހެން އޮތުމުގެ ސަބަބެވެ. އަދި މި ފަންޑަށް ފައިސާ ޖަމާ ނުކުރުމަކީ އޭރު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ ޝަކުވާ އެކެވެ. ގަވަރުނަރު ހާޝިމް މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ނޮވެމްބަރު 15، 2020 ވަނަ ދުވަހު އެކަން ކުރުމަށް ސަރުކާރުގައި އާދޭސް ދެންނެވި އެވެ.

"އެސްޑީއެފަށް ޖަމާ ކުރާ އަދަދު އިތުރު ކުރެވޭ ގޮތެއް ހަމަ ޖެއްސުން މުހިންމު. ކުރިއަށް އޮތް ތަނުގައި އަނބުރާ އަދާ ކުރަން ޖެހޭ ސުކޫކް އަދި ބޮންޑު ފަދަ ތަކެއްޗަށް، ފައިސާ ދެއްކޭ މިންވަރަކީ މި ފަންޑަށް ފައިސާ ޖަމާ ކުރެވޭ މިންވަރު، އެހެން ކަމުން މިއީ މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރަން،" ގަވަރުނަރު ހާޝިމް އެދުވަހު ކޮމެޓީގައި ވިދާޅުވި އެވެ. 

އޭރު ގަވަރުނަރު ވިދާޅުވި ގޮތުގައި އެސްޑީއެފް ފަންޑު ބެލެހެއްޓުން ހަރުދަނާކޮށް ގާނޫނީ އޮނިގަނޑެއްގެ ތައާރަފުކޮށް، މި ފަންޑުން ހޭދަ ކުރާނެ ހަރުދަނާ އުސޫލު ތަކެއް ވެސް ގާއިމް ކުރަން ޖެހެ އެވެ. ހާސިމް ވިދާޅުވި ގޮތުގައިއެސްޑީއެފް ފަންޑުން އަންނަން އޮތް ޖީލުތަކަށް  ޔަގީންކަން ދެނީ ނަގާ ދަރަނިތައް މުސްތަގުބަލުގައި ދައްކާނެ ކަމެވެ. 

"މި ފަންޑު އުފެއްދީ ލޯނު އަނބުރާ ދެއްކުމަށް. ފަންޑުގެ މެނޭޖުމަންޓް ވަކި ގާނޫނަކުން މެނޭޖު ކުރާ ގޮތަކަށް ނޫން މިހާރު މި އޮތީ. މިހާރު މި އޮތީ އެމްއެމްއޭ އާއި ފައިނޭންސް މިނިސްޓްރީއާ ދެމެދު އޮތް އެގްރިމެންޓަކުން. އެކަމަކު މިހާރަށް ވުރެ ހަރުދަނާ ކޮށްފިނަމަ މިއަށް އިތުރަށް ޖަމާވާނެ މެކޭނިޒަމެއް ގާއިމް ވާނެ،" "އަވަސް" ނޫހުގައި ގަވަރުނަރުގެ އެ ވިދާޅުވުން އޭރު ރިޕޯޓް ކޮށްފައިވެ އެވެ. 

ގަވަރުނަރު ޝަކުވާ ކުރެއްވި ނަމަވެސް ހަގީގަތުގައި އެސްޑީއެފް އޮތީ ހަމަ ރޮލާ އެވެ. މި ފަންޑު އުފެއްދުމުގެ އެއްވެސް މަގުސަދެއް ހާސިލެއް ނުވި އެވެ. އެކަން މި އެނގެނީ މިހާރު އެވެ. ފަންޑު އުފެއްދި ބޮޑެތި ލޯނު ތަކެއް ކުރިމަތީގައި އޮތް އެ ލޯނު ދައްކަން ޖެހޭނެތީ އެވެ. އަންނަ އަހަރު އަށް ބިލިއަން އަދި 2026 ގައި ނުވަ ބިލިއަން ދަރަނި ދައްކަން ޖެހޭއިރު މި ފަންޑުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް ހުރީ ނަގުދު ފައިސާގެ ގޮތުގައި ދެ މިލިއަން ޑޮލަރާއި ޓީބިލަށް އިންވެސްޓްކޮށްފައި ހުރި 138 މިލިއަން ޑޮލަރެވެ. ފަންޑުގެ ސައިޒަކީ ހަތް ބިލިއަން ރުފިޔާ އެވެ. 

މިއީ މި ފަންޑު އޮންނަން ޖެހޭ ހާލަތު ހެއްޔެވެ؟ 

މި ފަންޑަށް ފައިސާ ޖަމާ ކުރަނީ އެެއާޕޯޓް ފީ އިންނެވެ. އެ ވެރިކަމުގައި ފީ ބޮޑު ކުރި އެވެ. އެ ވެރިކަމުގައި ކްރޮސް ސަބްސިޑީ އަށް ރަށް ދޫކުރި އެވެ. އެކަމަކު ފަންޑުގައި އެންމެ ދެ މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހުރުމަކީ ގައުމުގެ މާލީއްޔަތު ބެލެހެއްޓުމުގެ ލަގަން އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަތްޕުޅުން ދޫވެފައި އޮތުމެވެ. އެއީ އަމީރާއި  ފުލްމެޖޯރިޓީ އޮތް މަޖިލީހުން ގަސްތުގައި ކުރިކަމެކޭ ނުބުނެވޭނެ ގޮތެއް ނެތެވެ. 

ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

މިފަންޑުގެ ހާލަތު އޮތް މިންވަރަށް ބަލައިލާމާހެވެ؛ އެސްޑީއެފް ފަންޑުގެ ހިސާބުތައް ދައްކާ ގޮތުގައި ޖޫންގެ ނިޔަލަށް ފަންޑުގައި ނަގުދު ފައިސާގެ ގޮތުގައި 54 މިލިއަން ޑޮލަރު އެބަހުއްޓެވެ. އެކަމަކު މި ވަގުތު ހަމައެކަނި ޖަމާ ކުރެވެނީ އެއާޕޯޓް ފީ އެކަންޏެވެ. ނަމަވެސް މި ފަންޑަށް އިތުރު ފައިސާ ޖަމާ ކުރަން ޖެހެވެ. މިވަގުތު މި ފަންޑުގެ ފައިސާއިން ޓީބިލްގައި 148 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވެއެވެ. ފަންޑުގެ ޖުމްލަ ސައިޒަކީ މިހާރު އަށް ބިލިއަން ރުފިޔާ އެވެ. 

އެސްޑީއެފްގެ ހާލަތު ކުރިއާއި މިހާރު

  •  ނޮވެމްބަރު 17 އަށް ނަގުދު ފައިސާ އިން - ދެ މިލިއަން ޑޮލަރު | ހަތް މަހުގެ ޖަމާ 54 މިލިއަން ޑޮލަރު
  •  ނޮވެމްބަރު 17 އަށް - ޓީބިލަށް އިންވެސްޓްކޮށްފަ 138 މިލިއަން ޑޮލަރު | މިހާރު 148 މިލިއަން ޑޮލަރު
  •  ނޮވެމްބަރު 17 އަށް - ފަންޑުގެ ސައިޒު ހަތް ބިލިއަން | މިހާރު އަށް ބިލިއަން

މިހާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވި ގޮތުގައި މި އަހަރު ސޮވްރިން ޑިވްލޮޕްމަންޓް ފަންޑު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަށް އިތުރު ކުރުމަކީ އުންމީދެކެވެ. 

"އުންމީދު ކުރެވޭ މި އަހަރު 100 މިލިއަން ޑޮލަރަށް ވުރެ މަތިވެގެން ދާނެ ކަމަށް،" ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު ޝަފީގު ވިދާޅުވެފައި ވެއެވެ. 

އެސްޑީއެފް ގާނޫނު އަވަސްކުރަން ޖެހޭ

މި ފަންޑު ރައްކާތެރިކުރާ ގާނޫނުގެ ބިލެއް ވަނީ މަޖިލީހަށް ވައްދާފަ އެވެ. އެސްޑީއެފަށް ގާނޫނީ ގޮތުން ރައްކާތެރިކަން ދޭން ބިލެއް މިދިޔަ ދައުރުގައި ވެސް މަޖިލީހަށް ސަރުކާރުން ފޮނުވި އެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެ ބިލް ބޭރު ކޮށްލީ އެވެ. އެސްޑީއެފް ފަންޑުގެ ބިލްގައިވާ ގޮތުން މި ފަންޑު އުފައްދަނީ ދައުލަތުގެ ދަރަނި ކުޑަކޮށް، ދައުލަތުގެ މުއްސަނދިކަން އަންނަ އޮތް ޖީލުތަކަށް ފޯރު ކޮށް ދިނުމަށެވެ. މި ފަންޑު ބަލަހައްޓާނީ އެމްއެމްއޭއިންނެވެ. އެ ފަންޑު ބޭނުން ކުރެވޭނެ ކަންކަމާއި ފަންޑު ހިންގައި މެނޭޖު ކުރުމުގައި ބަލަހައްޓާނެ ކަންކަން ބިލްގައި ބަޔާން ކޮށްފައި ވެ އެވެ. އެ ފަންޑުގެ ކަންކަން ބެލެހެއްޓުމަށް ގަވަނިން ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެ ކައުންސިލަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސެވެ. ކައުންސިލްގެ ރިޔާސަތު ބަހަލައްޓަވާނީ ފިނޭންސް މިނިސްޓަރެވެ. ދޭންޖެހޭ އުޖޫރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

ގާނޫނު ފާސް ވުމުން ޖަމާ އިތުރުވާނެ

  •  އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބޭ ފައިސާ
  •  ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބޭ އާމްދަނީގެ 10 ޕަސެންޓް
  •  ސޮވަރިން ގެރެންޓީ ފީ
  •  ގަވަނިން ކައުންސިލްގެ ލަފާގެ މަތިން ފަންޑަށް ޖަމާ ކުރަން ރައީސް ކަނޑައަޅާ ފައިސާ

މި ފަންޑަކީ ގައުމުގެ މުސްތަގުބަލާ ގުޅުންހުރި ފަންޑެކެވެ. އެހެންވެ މި އަށް ފައިސާ ޖަމާ ކުރުން އިތުރު ކުރަން ޖެހެ އެވެ. ކޮންމެ ފަހަރު ލޯނެއް ކައިރިވުމުން ގައުމުތަކުގެ ފައިބުޑަށް ވެއްޓި ލޯނު ރޯލްއައުޓް ކުރަން އެދުން މިއީ ހައްލެއް ނޫނެވެ. ގައުމެއް ވިއްޔާ އަމިއްލަވަންތަކަމެއްވެސް ހުންނަން ޖެހެ އެވެ. ލޯނު ފަސްކޮށް ދިނުމަކީ އެ ލޯނު ދައްކަން ނުޖެހުމެއް ނޫނެވެ. އެ ލޯނު ދައްކަން ޖެހެ އެވެ. އަދި ލޯނެއް ފަސްކޮށްދޭ ކޮންމެ ފަހަރަކު ޑިމާންޑު ތަކެއް ވެސް އަންނާނެ އެވެ. އެހެންވެ މި ފަންޑު ބޮޑުކޮށް އޮވެއްޖެނަމަ ލޯނު ދައްކަން އިތުރުވިސްނުމަކަށް ދާކަން ނުޖެހޭނެ އެވެ. ނުރައްކާ ވަގުތު ބޭނުން ކުރެވޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.