ފިލްމު ފެއިލްވުމުން ޕްރޮޑިއުސަރަށް 250 ކްރޯޑް ރުޕީސްއިން ދަރަނިވެރިވެ، އޮފީސް ވިއްކާލައި އޭނާގެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހުނެވެ.
ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސްއަކަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ އަޑުތައް ފިލްމު އިންޑަސްޓްރީގެ ތެރޭގައި ވަނީ ފެތުރިފަ އެވެ.
ގިނަ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ޕްރޮޑިއުސަރަށް 250 ކްރޯޑް ރުޕީސްގެ ބޮޑު ދަރަންޏެއް އޮތްއިރު އޭގެ މައިގަނޑު ސަބަބަކީ ބޮކްސް އޮފީހުގައި އެތައް ސަތޭކަ ކްރޯޑް ރުޕީސް ގެއްލުންވި ބޮޑު ފްލޮޕް ފިލްމު ބަޑޭ މިއާން ޗޯޓޭ މިއާން އެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރި "ބަޑޭ މިއާން ޗޯޓޭ މިއާން" އަކީ ބެލުން ތެރިންނަށް ކަމުނުދިޔަ، ވިޔަފާރީގެ ގޮތުން ނާކާމިޔާބު ފިލްމެކެވެ. ބެލުންތެރިންނަށް ފިލްމު ކަމުނުދިޔުމުގެ ސަބަބުން ބޮކްސް އޮފީހުގައި ފިލްމަށްވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ. 350 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމަށް ޖުމްލަ ލިބިފައިވަނީ އެންމެ 90 ކްރޯޑް ރުޕީސް އެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓްތައް ބުނާ ގޮތުން ބަޑޭ މިޔަން ޗޯޓޭ މިއާން ބޮކްސް އޮފީހުގެ ނާކާމިޔާބީއާ އެކު ޕޫޖާ އެންޓަޓެއިންމަންޓަށް މަދުވެގެން 125-150 ކްރޯޑް ރުޕީސްގެ ގެއްލުންވެ އެވެ. އެކަމާއި ގުޅިގެން ޕްރޮޑިއުސަރު ވަނީ މުމްބާއީގައި ހުންނަ އޭނާގެ ހަތް ފަންގިފިލާގެ އޮފީސް ވިއްކާލައި، ކުންފުނީގެ 80 ޕަސެންޓް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ކުންފުނިން މިހާރު ދަނީ ދެ ކޮޓަރީގެ ފްލެޓަކަށް އޮފީސް ބަދަލު ކުރަމުންނެވެ.
ބަޑޭ މިއާން ޗޯޓޭ މިއާން ގައި ބައިވެރިވި ބައެއް ކްރޫއިން ވަނީ ފިލްމުގެ މަސައްކަތަށް އަދި ވެސް މުސާރަ ނުލިބޭ ކަމަށް ބުނެފައެވެ. މިކަމާ ބެހޭ ގޮތުން ބައެއް މީހުން ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ކުރި ނަމަވެސް ޕްރޮޑިއުސަރުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ހިންދުސްތާން ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވަނީ އަކްޝޭ ކުމާރު، ޓައިގާ ޝްރޮފް، މަނޫޝީ ޗިއްލާރް އަދި އަލާޔާ އެފް ފަދަ އެކްޓަރުންނަށް ވެސް ފިލްމުގެ މަސައްކަތަށް ފައިސާ ލިބިފައި ނުވާ ކަމަށެވެ.