އެމީހުން ޖިއްދާ އިން ފުރާފައި ވަނީ ރާއްޖެ ގަޑިން ހެނދުނު 7:50 ގައެވެ. ރާއްޖެއަށް ފްލައިޓް ޖައްސާނެ ކަމަށް ލަފާކޮށްފައި ވަނީ ރާއްޖެ ގަޑިން މެންދުރު 1:55 ގައެވެ. މި ފްލައިޓުން 296 ހައްޖާޖީން ރާއްޖެ އަންނާނެ އެވެ.
މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިއަދު ރާއްޖެ އައުމަށް ފުރައިފި އެވެ.
ހައްޖު ކޯޕަރޭޝަނުންވަނީ އެ ކުންފުނީގެ ހަވާލުގައި ދިޔަ ހައްޖުވެރިން ރާއްޖެއަށް އަންނާނެ ތާރީހުތައް ހިއްސާކޮށްފަ އެވެ. މި އަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ދިނީ ޖުމްލަ 1،150 ހައްޖު ކޯޓާ އެވެ. މި ހުރިހާ ކޯޓާއެއް ސަރުކާރުން ދިނީ ހައްޖު ކޯޕަރޭޝަނަަށެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ހައްޖުވެރިން ރާއްޖެއަށް އަންނާނީ ހަތަރު ދުވަހެއްގެ މަތިންނެވެ. ފުރަތަމަ ގުރޫޕު މިހާރު ވަނީ ރާއްޖެ އައުމަށް ދަތުރު ފަށާފަ އެވެ. އެމީހުން ޖިއްދާ އިން ފުރާފައި ވަނީ ރާއްޖެ ގަޑިން ހެނދުނު 7:50 ގައެވެ. ރާއްޖެއަށް ފްލައިޓް ޖައްސާނެ ކަމަށް ލަފާކޮށްފައި ވަނީ ރާއްޖެ ގަޑިން މެންދުރު 1:55 ގައެވެ. މި ފްލައިޓުން 296 ހައްޖާޖީން ރާއްޖެ އަންނާނެ އެވެ.
ބާކީ ގުރޫޕުތައް އެހެން ދުވަސްތަަކުގައި އައިސް ހުރިހާ ހައްޖުވެރިންނަށް ރާއްޖެ އާދެވޭނީ ޖުލައި ހަތަރުވަނަ ދުވަހު އެވެ. ދެވަނަ ގުރޫޕް ރާއްޖެ އަންނާނީ މިމަހުގެ 28 ގައެވެ. ތިންވަނަ ގުރޫޕް އަންނަ މަހުގެ އެއްވަނަ ދުވަހު އަދި އެންމެ ފަހު ގުރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
މި އަހަރު ހައްޖަށް ދިޔަ 1،150 މީހުންގެ ތެރެއިން 50 މީހުންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވި ނިކަމެތިންނެވެ.
ސަރުކާރުން މިފަހަރު ފުރުސަތު ދިނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 50 އަހަރުން މަތީ މީހުންނަށެވެ. ހައްޖަށް ފޮނުވާނެ 50 މީހުން އިހުތިޔާރުކުރީ ގުރުއަތު ނަގައިގެންނެވެ.
ދިވެހި ހައްޖާޖީންގެ ތެރެއިން އެކަކު ވަނީ ނިޔާވި އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހައްޖުގެ އަޅުކަން ނިމުނުއިރު ހައްޖާޖީންގެ ހާލު ރަނގަޅެވެ.