ހައްޖުގެ އަޅުކަމުގައި 1301 މީހުން ނިޔާވި: ސައުދީ

މި އަހަރުގެވެސް ހައްޖު މޫސުންވީ ވަރަށް ހޫނު ގަދަދުވަސްވަރަކަށް، ބައެއް ފަހަރު ފިނިހޫނުމިން 50 ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަކަމަށް ރިޕޯޓު ކޮށްފައިވޭ

ހައްޖުގެ އަޅުކަމުގައި 1301 މީހުން މަރުވެފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.

މަރުވި މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ ހުއްދަނެތި ހައްޖުވުމަށް ސައުދީއަށް އެތެރެވުމަށް ގަދަ އަވީގައި ހިނގާފައި އައި މީހުންކަމަށް ސައުދީގެ ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން ބުންޏެވެ. އަދި މަރުވި ބައެއް މީހުންނަކީ އުމުރުން ދުވަސްވީ މީހުން ނުވަތަ ދާއިމީ ބަލި މީހުން ކަމަށް އެ އެޖެންސީން ބުންޏެވެ.

ސައުދީގެ ހެލްތް މިނިސްޓަރު ފަހުދު އަލް ޖަލަޖެލް ވިދާޅުވީ ހޫނު ގަދަވުމުގެ ނުރައްކަލާއި ހައްޖުވެރިންނަށް ހޫނުގެ އަސަރު ކުޑަކުރެވޭނެ ގޮތްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުން ގާތްގަނޑަކަށް ބައި މިލިއަނަށް ވުރެ ގިނަ ހައްޖުވެރިންނަށް ފަރުވާ ދިން ކަމަށާއި އޭގެ ތެރޭގައި ޕާމިޓް ނެތް 140،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށާއި ބައެއް މީހުން އަދިވެސް ތިބީ ހޮސްޕިޓަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހާއްސަ އެއާކޮންޑިޝަން ޓެންޓާއި ރަސްމީ ހައްޖު ދަތުރުފަތުރު ތަކުގައި ލިބޭ ފަދަ ވަސީލަތްތައް ނުލިބޭ، ރަޖިސްޓްރީ ނުކުރާ ހައްޖުވެރިންނަށް ހައްޖުގެ އަޅުކަން ފަސޭހަ ކުރުމަށް އިތުރު މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ސައުދީ އަރަބިއްޔާއަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

މައްކާގެ ފިނިހޫނުމިން 51.8 ސެލްސިއަސް އަށް އަރާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ގައުމީ މޫސުމާ ބެހޭ މަރުކަޒުން ބުނެފައިވެ އެވެ.

އަރަބި ޑިޕްލޮމެޓަކާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ބުނީ މިސްރުގެ 658 މީހުން މަރުވެފައިވާ ކަމަށެވެ. އިންޑޮނޭޝިއާއިން ބުނީ އެ ގައުމުގެ 200 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށާއި އިންޑިއާއިން މަރުވި މީހުންގެ އަދަދަކީ 98 ކަމަށެވެ. ޕާކިސްތާން، މެލޭޝިއާ، އުރުދުން، އީރާން، ސެނެގާލް، ސޫދާން އަދި އިރާގުގެ ކުރުދިސްތާން ސަރަހައްދުން ވެސް މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފަ ވެއެވެ.

މިއަހަރު ގާތްގަނޑަކަށް 1.8 މިލިއަން މީހުން ބައިވެރިވި ކަމަށް ސައުދީ އަރަބިއްޔާއިން ބުނެ އެވެ. ޙައްޖުގެ ކުރިން ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް މައްކާއަށް އެތެރެވާން އުޅުނު އެތައް ލައްކަ ބަޔަކު ހުއްޓުވާފައި ވާކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.