ރައީސް މިރޭ ވިދާޅުވީ ސަރުކާރުން އަަމާޒު ހިފާފައިވާ ގޮތަށް 1100 ހެކްޓަރުގެ ބިން ހިއްކާ ކުރިއަށް އޮތް ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ހުއްޓިފައިވާ، ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށާ ކުރީން ވެސް ލަފާކުރި ގޮތަށް ބިން ހިއްކުމުގެ މަސައްކަތް ޑިސެންބަރު މަހަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"ރަސްމާލެ" ގެ ނަމުގައި އިކޯސިޓީއެއް ތަރައްގީ ކުރަމުން ނިންމާފައިވާ ފުށިދިއްގަރު ފަޅު ހިއްކަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ބޮސްކާލިސްގެ މި ސަރަހައްދުގެ "ޕާޓްނަރު" ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެ ކުންފުނިން ފައިސާ ހޯދައިގެން އެތަން ހިއްކާ ގޮތަށެވެ.
އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރުގެ ބިންވަނީ ދޫކޮށްފައެވެ. އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދިނުމަށް އެއްބަސްވިއެވެ. އެ ބިންތައް ދޫކުރީ 50 އަހަރުގެ މުއްދަތަށެވެ. އަދި ބިންތައް ވިއްކައިގެ ލިބޭ ފައިސާ އެޗްޑީސީގެ އެކްސްކްރޯ އެކައުންޓަކަށް ޖަމާކުރުމުން ބިން ހިއްކޭ މިންވަރަކަށް ސީއެމްސީއަށް ފައިސާ ދޫކުރަންވަނީ އެއްބަސްވެފައެވެ.
ނަމަވެސް ފައިސާ ނުހޯދި އެ މަޝްރޫއު ހުއްޓުނީ އެވެ. ސަރުކާރުން މިހާރު ވަނީ ސީއެމްސީ އަތުން މަޝްރޫއު ވެސް އަތުލާފަ އެވެ. އަދި މާލެ ސަރަހައްދުން ބިންތަކެއް ނުގެއްލޭ ގޮތަށް ވަރަށް އަވަހަށް މަޝްރޫއު ފަށާނެ ކަމަށް އޮތީ ހާމަކޮށްފަ އެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ "ޕީއެންސީ ހައުސް" ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ މަަހު އަލުން ފެށޭނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން އަަމާޒު ހިފާފައިވާ ގޮތަށް 1100 ހެކްޓަރުގެ ބިން ހިއްކާ ކުރިއަށް އޮތް ޑިސެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިއްކާނެ އެންމެ ބޮޑު ބިމެވެ. ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލައި އޭގެ ތިން ގުނަ ކުރުމުން އުފެދޭ ވަރުގެ ބޮޑު ބިމެކެވެ. މި މަސައްކަތް ފެށި އިރު މިދިޔަ އަހަރަށް ސަރުކާރުން މި މަސައްކަތައް ހުށަހެޅި 400 މިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުން މަޖިލީހުން އަތުލި އެވ.
ނަމަވެސް ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުއަށް ފުރުސަތު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނުދިނުމުން ފުށިދިއްގަރުފަޅު ހިއްކަން މިފެށީ އާބަންކޯ އާއި ސީއެމްސީ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއި އަޅައިގެނެވެ. މި މަޝްރޫއު ހިންގަނީ ކ. ގުޅީގެ އިހްތިސޯސުގެ ތެރޭ ކުރިން އޮތް ފުށިދިއްގަރުފަޅު އެ ރަށުގެ އިހްތިސޯސުން ނަގައިގެންނެވެ.
ނަމަވެސް އެކަން ހިނގި އިރު މަޝްރޫއަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބައިބަޔަށް އަޅާލި އެވެ. އެ ގޮތުން އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެ އިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލު ކުރީ އެވެ. އަދި އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއު ތަކަށް ބަހާލައިފަ އެވެ.