މަސްވެރީންގެ އިހުތިޖާޖު؛ އަނެއްކާ ވެސް ކަރަންޓް ކަނޑާލައިފި، ހަމަނުޖެހުމާއެކު ބާރުގެ ބޭނުން ކޮށްފި

ފުލުހުން މެދުވެރިވެގެން ކަރަންޓު ދިން ފަހުން، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ކަރަންޓު ވަނީ އަލުން ކަނޑާލާފައި ކަމަށެވެ. އެހެންކަމުން އަލުން ކަރަންޓު ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުންޏެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީސް -- ޒުހުރީގެ ފޮޓޯއެއް

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކަށް، ފުލުހުން މެދުވެރިވެގެން ކަރަންޓުދިނުމަށް މިފްކޯ މަސައްކަތް ކުރުމުން ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުލުުހުން ބާރުގެ ބޭނުން ކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އައްޑޫ ފިޝަރީސް ކޮމްޕްލެކްސް (އޭފްސީ) ދޮށުގައި މުޒާހަރާކޮށް އެތަނުގެ އޮޕަރޭޝަނަށް ވަނީ ހުރަސް އަޅާފަ އެވެ. މަސްވެރިންގެ ޑިމާންޑަކީ އެމީހުންނަށް ދޭން ޖެހޭ ފައިސާ ދިނުމެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެތަނުން ކަރަންޓު ވެސް ކަނޑާލާފަ އެވެ.

ފުލުހުން ބުނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކަށް، ފުލުހުން މެދުވެރިވެގެން ކަރަންޓުދިނުމަށް މިފްކޯ އިން މިއަދު ހަވީރު މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިކަމުގައި ހަރަކާތްތެރިވަމުންދިޔައިރު، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.

އަދި ބުނީ ފުލުހުން މެދުވެރިވެގެން ކަރަންޓު ދިން ފަހުން، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ކަރަންޓު ވަނީ އަލުން ކަނޑާލާފައި ކަމަށެވެ. އެހެންކަމުން އަލުން ކަރަންޓު ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުންޏެވެ.

މިފްކޯގެ އިންޒާރެއް؛ މަހެއް ނުގަންނާނަން

މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން އެތަނުގައި ހުރި މިފްކޯގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅޭނެހެން އަމަލުތައް ބަހައްޓަމުންދާ ކަމަށެވެ. އަދި މަސްވެރިންގެ އަމަލުތަކުގެ ސަބަބުން ކުންފުނީގެ މުދަލަށާއި މުވައްޒަފުންނަށް ގެއްލުންތަކެއް ލިބެމުންދާ މައްސަލަ ހައްލު ކުރުމަށް ކުންފުނިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.  

އެ ކުންފުނިން ބުނެފައިވަނީ ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޮރޭޖަށާއި، އިންޖީނުގެއަށާއި، މުވައްޒަފުން ދިރިއުޅޭ ސަރަހައްދު ފަދަ ހުއްދަ ނެތި ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، އިހުތިޖާޖުގެ ބައިވެރިން ކުންފުނީގެ މަސައްކަތް ހުއްޓޭ ގޮތަށް އަމަލުތައް ބަހައްޓާފައިވާ ކަމަށެވެ.

"ވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަން އޭރިއާއަށް ރޭގައި ކަރަންޓު ދޭން ފުރުސަތު ދީފައިނުވާތީ، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާޚާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ބުރޫއަރާފައިވާކަން ފާހަގަކުރަން،" މިފްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.  

ފާއިތުވި އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދެއްކި ހުރި ފައިސާ ކަމަަށްވާ 234 މިލިއަން ރުފިޔާ ދެއްކުމަށްފަހު، މިހާތަނަށް މި އަހަރު 766 މިލިއަން ރުފިޔާ އެ ކުންފުނިން މަސްވެރިންނަށް ދީފައިވާކަން މިފްކޯއިން ފާހަގަކުރި އެވެ. އަދި އެ ކުންފުނިން ފާހަގަކުރި ގޮތުގައި މިފްކޯއިން މަސް ގަންނަނީ ކޮންމެ ކިލޯއަކުން 8 ރުފިޔާގެ ގެއްލުމުގަ އެވެ. މަސްވެރިންނަށް ފައިސާ ދެނީ ސަރުކާރުން ލިބޭ އެހީތެރިކަމުގެ މައްޗަށް ބަރޯސާވެގެންނެވެ. މަސްވެރިންނަށް ފައިސާ ދިނުމަށް ސަރުކާރާ ގުޅިގެން ފައިސާ ހޯދުމުގެ މަސައްކަތްކުރާއިރު ފައިސާ ނުދެވި ލަސްވުމަކީ ކުންފުނިން ހިތާމަކުރާ ކަމެއް ކަމުގައި ފާހަގަކޮށް މިފްކޯއިން ބުނެފައިވަނީ އެކަމާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން ކުރާ އިހުތިޖާޖުތައް ބަލައިގަންނަ ކަމަށެވެ.

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓު ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މިދަނީ މަސައްކަތް ކުރަމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.  

މިފްކޯއިން ބުނީ ތަނުގެ އޮޕަރޭޝަންތައް ފަށައި އާންމު ހާލަތަށް އެތަން ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ ޒިންމާތަކަށް ހުރަސްއަޅާ ދޯނިފަހަރުން މަސް ގަތުން ތިން މަސްދުވަހަށް ހުއްޓައިލާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.