ފިޔޯރީ ކުއްޖާ ގެއްލުނީ ކާންނުދީ ހުއްޓާ، އިހުމާލެއް އޮތްތޯ ބަލަނީ

ފިޔޯރީއިން އިއްޔެ ހަވީރުން ފެށިގެން ހޯދި ކުއްޖާ ގެއްލުމުގައި އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް މިހާރު ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ފިޔޯރީން ގެއްލުނު ކުއްޖާ ފެނުނު ފަޅުގެ؛ ކުއްޖާ ގެއްލުނު ހުރީ ނުކައި ކަމަށް މައުލޫމާތު އެނގޭ މީހަކު ކިޔައިދިން -- ފޮޓޯ: ދުވަސް

އިއްޔެ ގދ. ފިޔޯރީން ކުޑަ އަންހެން ކުއްޖަކު ގެއްލުނު މައްސަލާގައި މައިންބަފައިންގެ އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ފަށައިފި އެވެ. 

އިއްޔެ ހަވީރުން ފެށިގެން ހޯދަމުން ދަނިކޮށް އެރަށު މަރްޔަމް މީނާލް، ފިނިވިލާގެ (9އ) ފެނުނީ މީހުން ނޫޅޭ ފަޅު ގޯއްޗެއް ތެރޭގައި ހޭނެތިފައި ވަނިކޮށެވެ.

މީނާލް ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން ކައުންސިލުގެ މެންބަރު މުހައްމަދު ޝަހްމަތު "މިރާ"އަށް ވިދާޅުވީ، މީނާލް ގެއްލުނު ކަމަށް ބެލެވެނީ ކިޔެވުމަށް ދެކޮޅު ހެދުމުން އަދަބެއްގެ ގޮތުގައި ކާން ނުދޭނެ ކަމަށް އޭނާގެ މަންމަ ބުނުމުން ގެއިން ނުކުތީ ކަމަށެވެ. 

"ގެއިން ނިކުމެގެން ދިޔައީ މަންމައަށް ނާންގައި ޕާކަށް. ޕާކަށް މަންމަ އަންނަހެން ހީވެގެން ކަންނޭނގެ އެތަނުންވެސް ފިލައިގެން އުޅުނީ." ޝަހުމަތު ބުންޏެވެ. 

ޝަހުމަތު ކިޔައިދިން ގޮތުގައި މީނާލް ގެއްލިގެން ހޯދަމުން ދިޔަ ވަގުތު ވެސް ރަށުގެ އެކި ހިސާބުތަކުން އޭނާ ބައެއް މީހުންނަށް ފެނިގެން އެ ސަރަހައްދުތައް ބެލި އެވެ. މީނާލް ފެނުނު ފަޅު ގޯއްޗަކީ ވެސް އޭނާ ހޯދުމަށް އެއްފަހަރު ބަލާފައި ހުރި ތަނެއް ކަމަށް ޝަހުމަތު މައުލޫމާތު ދިނެވެ. 

އެކުއްޖާ ފެނުނީ ރޭ 11:30 ހާއިރު އެވެ. ފެނުނު އިރު އޮތީ ފަޅު ގޭގެ ދަތިކޮށް ހުރި ދެ ފާރު ދޭތެރޭގަ އެވެ. 

މައުލޫމާތު އެނގޭ މީހަކު މިނޫހަށް ކިޔައިދިން ގޮތުގައި އެކުއްޖާ ހުރީ އިއްޔެ މެންދުރު ބުއި ސައިތައްޓެއްގެ ބާރުގަ އެވެ. ރަށު ހެލްތުސެންޓަރުން ވެސް ލަފާކުރީ ނުކައި ގިނަ އިރު ވުމުގެ ސަބަބުން އަނބުރައިގަތީކަމަށެވެ.

އެރަށު ހެލްތުސެންޓަރުން ބެލި ބެލުމުން މީނާލްގެ ހާލު ރަނގަޅެވެ. އެހެން ނަމަވެސް ބައެއް އެހެނިހެން ޓެސްޓުތައް ހެދުމަށް އޭނާ މިހާރު ވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފަ އެވެ. 

މިމައްސަލަ ބެލުމަށް ޖެންޑާ މިނިސްޓްރީގެ ބަޔަކު ފިޔޯރީއަށް ދާން އުޅޭކަމަށް ޝަހުމަތު ބުންޏެވެ. މި މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.