"އެކަމަކު މުޒާހަރާ ކުރިޔަށް ދާނަމަ އޭއެފްސީ އޮޕަރޭޝަން ކުރިއަށް ގެންދަން ކުންފުންޏަށް ދަތި ވުމުގެ ސަބަބުން އެތަނުގެ އޮޕަރޭޝަން އަލުން ފަށާނެ ވަގުތެއް އަދި ދަންނަވަން ދަތި،" މިފްކޯއިން ބުންޏެވެ.
މިއަދު ހަވީރު ހަތަރެއްގެ ފަހުން އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ މަސްފެކްޓްރީގެ މުވައްޒަފުން އެތަނުން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް އެތަން ގެންނާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށާއި މިހާރު ވެސް މުވައްޒަފުން ތިބީ ހާލުގައި ޖެހިފައި ކަމަށް އެކުންފުނިން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން އައްޑޫ ފިޝަރީސް ކޮމްޕްލެކްސް (އޭފްސީ) ދޮށުގައި މުޒާހަރާކޮށް އެތަނުގެ އޮޕަރޭޝަނަށް ވަނީ ހުރަސް އަޅާފަ އެވެ. މަސްވެރިންގެ ޑިމާންޑަކީ އެމީހުންނަށް ދޭން ޖެހޭ ފައިސާ ދިނުމެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެތަނުން ކަރަންޓު ވެސް ކަނޑާލާފަ އެވެ.
މިކަމާ ގުޅޭ ގޮތުން މިފްކޯ އިން މިއަދު ބުނީ އޭއެފްސީ ކައިރީގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް މުޒާހަރާއަށް އެއްވެސް ހުރަހެއް އެޅުމަށް މިފްކޯ އިން ނިންމާފައި ނުވާ ކަމަށެވެ.
"އެކަމަކު މުޒާހަރާ ކުރިޔަށް ދާނަމަ އޭއެފްސީ އޮޕަރޭޝަން ކުރިއަށް ގެންދަން ކުންފުންޏަށް ދަތި ވުމުގެ ސަބަބުން އެތަނުގެ އޮޕަރޭޝަން އަލުން ފަށާނެ ވަގުތެއް އަދި ދަންނަވަން ދަތި،" މިފްކޯއިން ބުންޏެވެ.
މިފްކޯ އިން ވަނީ އިއްޔެ މުޒާހަރާގެ ތެރެއިން ކުރިމަތިލާން ޖެހުނު ކަންކަން މީޑިއާއާ ހިއްސާކޮށްފަ އެވެ. އެ ކުންފުނިން ބުނީ، އެތަނުގެ ސްޓާފް ކެންޓީނު ތަޅުލާފައި ހުއްޓައި އެތަނަށް ވަދެ، މަސްވެރިން އެތަނުގެ ކާބޯތަކެތި ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކުން ކަރަންޓު ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެން ކަމަށެވެ. އޭގެ ސަބަބުން ފާހާނާ ކުރުމާއި ކެއިން ބުއިން ފަދަ ޒަރޫރީ ބޭނުންތަކަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ.
"ރޭގައި ފުލުހުން ރިކުއެސްޓް ކޮށްގެން އޭއެފްސީ އަށް ކަރަންޓު ދިނުމުން މަސްލަހަތު ގެއްލި، ތަނާއި މުދަލަށާއި ތަނުގެ ސްޓާފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެފަދަ ހާލަތަށް ހިނގައިދާނެ ކަމަށް ކުންފުންޏަށް ގަބޫލުކުރެވުމުން ކަރަންޓު ފަހުން ޖެހުނީ ކަނޑާލަން. މަސްވެރިންގެ ޑިމާންޑަކީ އެކޮމޮޑޭޝަން، އެޑްމިން ބިލްޑިން، ކެފެޓީރިއާ އިން ކަރަންޓު ކަނޑާލާފަ ބެހެއްޓުން،" މިފްކޯއިން ބުންޏެވެ.
މަސްވެރިން ޑިމާންޑަކީ އެމީހުންނަށް ނުދެވި ހުރި ފައިސާ ވީ އެންމެ އަވަހަކަށް ދިނުމެވެ. މިފްކޯއިން ބުނީ ސަރުކާރާއެކު މަޝްވަރާކޮށްގެން، އެ ފައިސާ ވީ އެންމެ އަވަހަކަށް ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ އިލްތިމާސްއަކީ މަސްވެރިން ކުރިއަށް ގެންދާ އިހުތިޖާޖުތައް ވީހާވެސް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުން. ހާއްސަކޮށް ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށް ލިބޭނެ ދެރައެއް. ހާއްސަކޮށް މުވައްޒަފުންގެ އިންސާނީ ކަރާމާތަށާއި ޒަރޫރީ ބޭނުންތަކަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރުމަށް ދަންނަވަން،" މިފްކޯއިން ބުންޏެވެ.
އެކޮމޮޑޭޝަން ބްލޮކުގައި 100 އަށްވުރެ ގިނަ މުވައްޒަފުން ތިބެ އެވެ. އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނެ އެވެ.
އިހުތިޖާޖުކުރާ މަސްވެރިން ބުނަމުން އަންނަނީ މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫނުކުރާތާ ދެ މަހެއްހައި ދުވަސް ވެފައިވާ ކަމަށެވެ. އަދި ފައިސާ ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށެވެ. މަސްވެރިންގެ މުޒާހަރާގެ ބައިވެރިޔަކު "މިރާ"އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ސަރުކާރުން ވައުދުވި ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ދަތިތަކެއް ހުރިނަމަ، އެންމެ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމުންވެސް މިހާރު މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ.