ހައިފާ ބަނދަރުގެ އިތުރަށް އެ ފުޓޭޖުން އިސްރާއީލުގެ އިސްތިރާޖީ ގޮތުން މުހިއްމު އަސްކަރީ ސަރަހައްދުތަކާއި، އަޔަން ޑޯމްގެ އަދި ޑޭވިޑްސް ސްލިން ދިފާއީ ނިޒާމުގެ ބައިތަކުގެ މަންޒަރުތައް ފެނެ އެވެ.
އިސްރާއީލުގެ އުތުރު ސަރަހައްދުގެ މަތިން ޖާސޫސީ ޑްރޯނެއް އުދުއްސައި ނަގާފައިވާ ފުޓޭޖުތަކެއް ހިޒްބުﷲއިން އާންމުކޮށް އިސްރާއީލަށް ސިހުން ގެނުވައިފި އެވެ.
ފާއިތުވި ހަފުތާ ހިޒްބުﷲއިން އާންމުކުރި ޑްރޯން ފުޓޭޖުތަކުގައި އިސްރާއީލުގެ މުހިއްމު ބަނދަރެއްކަމަށްވާ ހައިފާ ބަނދަރާއި، އެ ބަނދަރުގައި އަޅާފައި ހުރި އަސްކަރީ އުޅަނދުފަހަރުގެ އިތުރަށް މުހިއްމު އަސްކަރީ މަރުކަޒުތަކުގެ މަންޒަރުތައް ފެނެ އެވެ.
އެ ޖަމާއަތުން އާންމުކުރި ޑްރޯން ފުޓޭޖު ނަގާފައިވަނީ ކޮންއިރަކު ކަމެއް ހިޒްބުﷲއިން ހާމަނުކުރެ އެވެ. ދިހަ މިނިޓުގެ ފުޓޭޖުގައި ހައިފާގެ އައްސޭރި ކައިރީ އޮންނަ އިސްރާއީލުގެ ކަނޑުގެ ސިފައިންގެ ބޭސްއެއްގެ އިތުރަށް ހަނގުރާމަމަތީ ބޯޓުފަހަރާއި، ކަނޑުގެ އަސްކަރިއްޔާގެ ސަބްމެރިން ޔުނިޓު ޝަޔެތެތު 7 އަށް ނިސްބަތްވާ އެކި އުމްރާނީ ވަސީލަތްތަކުގެ މަންޒަރު ހިމެނެ އެވެ.
ހައިފާ ބަނދަރުގެ އިތުރަށް އެ ފުޓޭޖުން އިސްރާއީލުގެ އިސްތިރާޖީ ގޮތުން މުހިއްމު އަސްކަރީ ސަރަހައްދުތަކާއި، އަޔަން ޑޯމްގެ އަދި ޑޭވިޑްސް ސްލިން ދިފާއީ ނިޒާމުގެ ބައިތަކުގެ މަންޒަރުތައް ފެނެ އެވެ. އަދި ކިރްޔަތް ޔަމް ކައިރީ މީހުން ދިރިއުޅޭ ސަރަހައްދެއްގެ މަންޒަރުތައްވެސް އާންމުކުރި ވީޑިއޯއިން ފެނެ އެވެ.
ހިޒްބުﷲއިން ބުނެފައިވަނީ މި ފުޓޭޖު ނަގަން ފޮނުވި ޖާސޫސީ ޑްރޯނަށް އެއްވެސް ގެއްލުމެއް ނުލިބި އަނބުރާ ލުބުނާނަށް އައިސްފައިވާ ކަމަށެވެ.
ހިޒްބުﷲއިން އެ ވީޑިއޯ އާންމުކުރި ފަހުން އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ އިސްރާއީލުގެ ހުޅަނގު ގަލިލީ ކައިރިން ތިން ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް އެ ޑްރޯނުތައް ނިސްބަތްވަނީ ކޮން ޖަމާއަތަކަށް ކަން ހާމަނުކުރެ އެވެ.
އައިޑީއެފުން އިތުރަށް ބުނެފައިވަނީ ލުބުނާނުގައި ޑްރޯން އޮޕަރޭޓުކުރާ މީހުން ހަރަކާތްތެރިވާ ބައެއް ސަރަހައްދުތަކަށް އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެ ހަމަލާތަކުގައި ބަޔަކު މަރުވިކަމަށް އިސްރާއީލުން ނުބުނެ އެވެ.
އިސްރާއީލުގެ ހާރިޖީވަޒީރު އިސްރާއީލް ކަޓްޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިސްރާއީލުން ހިޒްބުﷲއާއި ލުބުނާނާ މުއާމަލާތްކުރާ ގޮތް ވަރަށް އަވަހަށް ބަދަލުކުރާނެ ކަމަށެވެ. އަދި ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ހަނގުރާމައެއް ފަށައިފިނަމަ އެ ޖަމާއަތް ނެތިކޮށްލާނެ ކަމަށެވެ.
ހިޒްބުﷲއިން ފާއިތުވި ހަފުތާގައި ބުނެފައިވަނީ އެ ޖަމާއަތުން 8 އޮކްޓޯބަރުގެ ފަހުން އިސްރާއީލާ ދެކޮޅަށް 2،100 އަސްކަރީ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންތަކަކީ ފަލަސްތީނު ރައްޔިތުންނަށް ތާއީދުކޮށް މަދަދުވެރިވުމަށް ހިންގާފައިވާ އޮޕަރޭޝަންތަކެއް ކަމަށެވެ.