"އަޅުގަނޑު ގަބޫލުކުރަނީ މި ނަސީބު އަޅުގަނޑަށް މިންވަރުގައި ވީތީއޭ މި އަހަރު ދަނގެއްޗަށް މި އާދެވުނީ. ފުރަތަމަ ވެސް މާތްﷲއަށް ހަމްދު ކުރަން. އަދި މި އީދު އިންތިޒާމު ކުރި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،"
މި އަހަރުގެ ބޮޑު އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރި އެއް ރަށަކީ އދ. ދަނގެއްޗެވެ. އެ ރަށުގެ "ޖަމިއްޔަތުލް ގަލަމް" އިން އިސްނަގައިގެން ރަށުގެ މުއައްސަސާތަކާ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން މިހާ ކުލަގަދަ ކޮށް އީދު ފާހަގަ ކުރާތާ މިއީ ތިންވަނަ އަހަރެވެ. ރާއްޖޭގެ ގިނަ ރަށްތަކާއި ހިލާފަށް ދަނގެތީގައި އީދު ފާހަގަ ކުރަނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެންމެނަށް ވެސް ބައިވެރިވޭނެ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތަކާ އެކު އެވެ.
ތަފާތު ކުޅިވަރުތަކާއި މުބާރާތްތަކާއި އެކުވެރިކަން ބަދަހިކޮށްދޭ ހަރަކާތްތަކާ އެކު ދަނގެއްޗަށް އެންމެ ފޯރިގަދަ އީދަކީ މިއީ އެވެ. އީދު ދުވަހު ހެނދުނުން ފެށިގެން ފަސް ދުވަސް ވަންދެން އީދު ކުޅިވަރުތައް އޮތެވެ.
މި އަހަރުގެ އީދު ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އަގުހުރި އިނާމުތައް ލިބޭނެ އެކި ފުރުސަތުތަކާ އެކު އެވެ. އެންމެ ހާއްސައީ އުމުރުން 18 އަހަރުން މަތީގެ މީހުންގެ މެދުގައި ނެގުނު ގުރުއަތަކުން ދޫކޮށްލި އުމްރާ ދަތުރެވެ. އައްޝައިހް މުޖްތަބާ ހަމީދު، އިސް ޝެއިހެއްގެ ގޮތުގައި ހުންނަވާ ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕުން ހުށައަޅާފައިވާ އުމްރާ ދަތުރުގެ ނަސީބު ވެރިއަކަށް ހޮވުނީ މާލެ ސިޓީއަށް ނިސްބަތްވާ އަހްމަދު ރަޝީދެވެ.
މިއީ އޭނާ ދަނގެއްޗަށް ކުރި ފުރަތަމަ ދަތުރެވެ. އޭނާގެ އަންހެނުންނަކީ ދަނގެތީ މީހަކަށް ވާތީ މި އަހަރު އީދަށް އެ ރަށަށް އަންނަން ރަޝީދު ބޭނުންވީ އެވެ. އުމްރާ ދަތުރުގެ ނަސީބުވެރިޔާ އަކީ ކާކުތޯ ބެލުމަށް ދަނގެތީ އޯޕަން ސްޓޭޖް ސަރަހައްދަށް ޖަމާވެފައިވާ އެތައް ބައެއްގެ ކުރިމަތީ ހުރެ ވާހަކަ ދައްކަމުން ރަޝީދު ބުނީ އީދުގެ މި ހަދިޔާގެ ސަބަބުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މި ނަސީބު އަޅުގަނޑަށް މިންވަރުގައި ވީތީއޭ މި އަހަރު ދަނގެއްޗަށް މި އާދެވުނީ. ފުރަތަމަ ވެސް މާތްﷲއަށް ހަމްދު ކުރަން. އަދި މި އީދު އިންތިޒާމު ކުރި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އާއިލާއާ އެކު ދަނގެތީގައި އީދު ފާހަގަކުރި އަހްމަދު ރަޝީދު ބުންޏެވެ.
އުމްރާ ދަތުރުގެ އިތުރުން ވެސް އަގުހުރި ވަރަށް ގިނަ އިނާމްތައް މި އީދުގެ ތެރޭގައި އެތައް ބަޔަކަށް ލިބުނެވެ. އައިސްއަލަމާރި އާއި ލެބްލެޓާއި ގެއާއި ބަދިގޭގައި ބޭނުންކުރާ ޒާތުގެ އަގުހުރި އިނާމުތަކެވެ.
ކުޑަކުދީންނަށް ހާއްސަކޮށްގެން ބޭއްވި އެކި އިވެންޓްތަކުގައި ގިނަ އަދަދެއްގެ ހަދިޔާ ވެސް ބަހާފައިވެ އެވެ. ކުޑަކުދީންނަށް ހާއްސަ އާއިލީ ހަވީރަކާއި އިސްރަށްވެހީންގެ އަގު ވަޒަން ކުރުމުގެ ގޮތުން "އިސްރަށްވެހީންގެ ހަވީރު" ވެސް މި އަހަރު އޮތެވެ. ކުޑަކުދީންގެ ހަވީރާއި އީދުގެ ހަރަކާތްތަކަށް ކުޅަދާނަ ހުށައެޅުންތެރިޔާ އިބްރާހިމް ރަމީޒު (ރަމީޒުބެ) ވެސް މި އަހަރު ދަނގެއްޗަށް ދިޔަ އެވެ.
ބޮޑު މަސް ބޭނުމުގެ ޝޯ އާއި ވަރަށް ވާދަވެރި މަސް ރޭހެއް ވެސް އޮތެވެ. 15 ޓީމު ބައިވެރިވި މުބާރާތުގައި ގިނަ ޓީމުތަކުން ވަރަށް ގިނަ އަދަދަކަށް މަސް ބޭނި އެވެ. މީގެ އިތުރުން ވާދެމުމުގެ މުބާރާތް މި އަހަރު ވެސް އޮތެވެ. މި އަހަރު މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކުޑަކުދީންނާއި ބޮޑެތި މީހުންނަށް ވަކީންނެވެ.
އަދި އަންހެނުންނަށް ހާއްސަ ކެއްކުމުގެ މުބާރާތް "ރަނިހަރަ" ވެސް މި އަހަރު ވަނީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ. މި ހުރިހާ މުބާރާތްތައް ކުރިއަށް ގެންދިޔައީ ފައިސާގެ އިނާމު ހުށައަޅައިގެންނެވެ.
އީދުގެ ހަރަކާތްތައް ނިންމާލީ އީދަށް ދަަނގެއްޗަށް ދިޔަ މެހެމާނުންނާއި ހުރިހާ ރައްޔިތުންނަށް އޮތް ހާއްސަ ބާބެކިއު އަކުންނެވެ.