އައްޑޫ ހުޅުމީދޫގައި ހުންނަ މަސްފެކްޓްރީދޮށަށް އެއްވެ، އެއަތޮޅުގައި މަސްވެރިކަން ކުރާ 80 އަށްވުރެ ގިނަ މަސްވެރިން އަންނަނީ މުޒާހަރާކުރަމުންނެވެ.
ހައްލެއް ނުލިބޭނަމަ މިފްކޯ މަސްފެކްޓްރީ ހުއްޓުވާނެކަމުގެ އިންޒާރު އައްޑޫގައި މުޒާހަރާކުރަމުން އަންނަ މަސްވެރިން ދީފި އެވެ.
ފާއިތުވި ތިން މަހެއްހާ ދުވަހު ކިރުވި މަހަށް ފައިސާ ނުލިބޭތީ އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ މަސްފެކްޓްރީދޮށަށް އެއްވެ، ގިނަ އަދަދެއްގެ މަސްވެރިން އަންނަނީ މުޒާހަރާ ކުރަމުންނެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިފްކޯ މަސްފެކްޓްރީ ސަރަހައްދުގައި 80 އެއްހާ މަސްވެރިން މުޒާހަރާކުރަމުން އަންނަ ކަމަށެވެ. އަދި މިއަދު 12 ޖެހުމާ ހަމައަށް މި މުޒާހަރާ ކުރާނެ ކަމަށް މަސްވެރިން ބުނާކަމަށާއި، އެކަށީގެންވާ ހައްލެއް ނުލިބިއްޖެ ނަމަ ފެކްޓްރީގައި ތިބި ސީނިއާ މުވައްޒަފުން ނެރެ ބަދިގޭގައި ކައްކަން ހުރަސް އަޅާނެކަމުގެ އިންޒާރު މަސްވެރިން ދޭކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިފްކޯ ކޮމްޕްލެކްސްގައި މިވަގުތު ތިބި މަސްވެރިންގެ ތެރެއިން މަސްވެރިޔަކު "މިރާ"އާ ވާހަކަދައްކަމުން ބުނީ އައްޑޫ މަސްވެރިން އިހުތިޖާޖަށް ނުކުތީ ފައިސާ ނުލިބި ވަރަށް ދުވަސްވީ ފަހުން ކަމަށެވެ. އަދި އިހުތިޖާޖުކުރަން ފެށީ ކެތްތެރިކަން ކޮޅުން ލައިގެން ކަމަށްވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ވަރަށް ކެތްކުރިން މިހިސާބަށް ނުގޮސްވޭތޯ. މިފްކޯގައި އާދޭސްކުރާތާ އެތައް މަހެއްވެއްޖެ. ފައިސާ ނުލިބި ދެތިން މަސްވީމާ ވަރަށް ބޮޑަށް އަޅުގަނޑުމެން މިތިބީ ގޮތް ހުސްވެފައި. ވަރަށް ދަތީގައި ދިރިއުޅެން ޖެހެނީ.،" އޭނާ ބުންޏެވެ.
ލޭނު މަސްވެރިކަމަށް ހުއްދަ ދޭން އުޅޭކަމަށް ބުނެ ދާދި ފަހުން ބޮޑުކަންނެލި މަސްވެރިން ވެސް މުޒާހަރާއެއް ކުރި އެވެ. އެދުވަހު މުޒާހަރާ ހުއްޓާލާފައި ވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަޑައިގެން ވާހަކަ ދައްކަވައި މަސްވެރިންނާ އެކު އެއްބަސްވުންތަކަކަށް ވަޑައިގަތުމުންނެވެ.
މީގެ ކުރިންވެސް މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ނުލިބިގެން މަސްވެރިންވަނީ އިހުތިޖާޖުކޮށްފަ އެވެ. ސަރުކާރުން ބުނި ގޮތުގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވީ ސަރުކާރު ބަދަލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަަނަށްވުރެ ގިނަ ރުފިޔާ ދޫނުކޮށް ހުރުމުންނެވެ.
ފިޝަރީޒް މިނިސްޓްރީން އީދު ޗުއްޓީގެ ކުރިން ބުނެފައިވަނީ ޖޫން 15 ވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް 46 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ. ދޮޅު މަހެއްހައި ދުވަހު ފައިސާ ދޫނުކުރެވި އޮތުމުން ޖުމްލަ 80 މިލިއަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޭންޖެހިފައި އޮތްކަމަށް އެއިރު މިނިސްޓްރީން ބުންޏެވެ.
ނިމުނު ހަފުތާގައި މިނިސްޓްރީން ބުނީ އެ ހަފުތާ ނިމުމުގެ ކުރިން ދޭންޖެހޭ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ ދޫކޮށް، މި ހަފުތާއިން ފެށިގެން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބާކީ ހުރި ފައިސާ ދޫކޮށް ހަލާސްކުރާނެ ކަމަށެވެ.