2005 ވަނަ އަހަރު އެކުލަވާލި އެންޓި ސަކްސެޝަން ގާނޫނުގެ ދަށުން ތައިވާނާއި ޗައިނާ ވަކިކުރަން އުޅޭ ކަމަށް ފެނިއްޖެ ނަމަ އެގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ގާނޫނީ އަސާސް ޗައިނާއަށް ލިބިދެ އެވެ.
ތައިވާނުގެ މިނިވަންކަމަށް މަސައްކަތް ކުރާ މީހުންގެ މައްޗަށް މަރުގެ އަދަބު ދޭނެ ކަމުގެ އިންޒާރު ޗައިނާއިން ދީފި އެވެ.
ޗައިނާއިން ނެރުނު އާ ގައިޑްލައިންގައި ބުނެފައި ވަނީ ޗައިނާގެ ކޯޓުތަކާއި ޕްރޮސެކިއުޓަރުންނާއި ޕަބްލިކް އަދި ސްޓޭޓް ސެކިއުރިޓީ އިދާރާތަކުން ތައިވާނުގެ މިނިވަންކަމަށް މަސައްކަތްކުރާ މީހުނަށް އަދަބު ދޭން ޖެހޭނީ ގައުމު ބައިބައިކޮށް، ވަކިވުމުގެ ކުށްތަކަށް ހިތްވަރު ދިނުން ހުއްޓުވައި ގައުމީ ސިޔާދަތާއި އެއްބައިވަންތަކަމާއި ސަރަހައްދީ އެއްބައިވަންތަކަން ސާބިތުކަމާއެކު ދިފާއުކުރުމަށް ކަމަށެވެ.
ޝިންހުއާ އިން ބުނީ މި ގައިޑްލައިން ތައް ނެރެމުން ދަނީ 2005 ވަނަ އަހަރުގެ އެންޓި ސަކްސެޝަން ގާނޫނުގައި ވާގޮތަށް ފޮތްތަކުގައި މިހާރުވެސް ހުރި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެ ގާނޫނުގެ ދަށުން ތައިވާނާއި ޗައިނާ ވަކިކުރަން އުޅޭ ކަމަށް ފެނިއްޖެ ނަމަ އެގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ގާނޫނީ ހައްގު ޗައިނާއަށް ލިބިދެ އެވެ.
ޗައިނާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ސަން ޕިންގް ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވަކިވެގަތުމަށް މަސައްކަތް ކުރުމުގެ އެންމެ ބޮޑު އަދަބަކީ މަރުގެ އަދަބު ކަމަށެވެ. މި ގައިޑްލައިންގައި އަދަބު ލިބެންޖެހޭ ކުށެއްގެ ގޮތުގައި ބެލެވޭ ކަންކަމުގެ ތަފްސީލު ތައް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ދައުލަތެއްގެ ދަރަޖަ އަކީ ޝަރުތެއް ކަމުގައި ގަބޫލުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ތައިވާނުން ވަނުމާއި ބޭރުގެ ރަސްމީ މުއާމަލާތްތައް ހިންގުމާއި، ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ޕާޓީތަކާއި ޖަމާއަތްތަކާއި މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅޭނެއެވެ.
މި ގައިޑްލައިންގައި ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަންކަމަށް އިތުރު މާއްދާއެއް ހިމަނާފައި ވެ އެވެ. "ތައިވާނާއި ޗައިނާއާ ވަކިކުރަން މަސައްކަތްކުރާ އެހެނިހެން އަމަލުތައް"، މާނައަކީ އެ ގަވައިދުތައް ފުޅާ ދާއިރާއެއްގައި މާނަ ކުރެވިދާނެ އެވެ. މިކަމާއި ގުޅޭގޮތުން ތައިވާނުގެ ސަރުކާރުން އަދި އެއްޗެއް ބުނެފައި ނުވެއެވެ. އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވީ އާ ގައިޑްލައިންގައި ވާ ކަންކަން އަދިވެސް ބަލަމުން ދާކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު ތައިވާނުގައި ބޭއްވި އިންތިޚާބު ރައީސް ލައި ކާމިޔާބު ކުރެއްވި ފަހުން ޗައިނާގެ ޕްރެޝަރު ބޮޑުވެފައިވާ ކަމުގެ ޝަކުވާ ތައިވާނުން ކުރަމުން އަންނައިރު، އޭގެ ތެރޭގައި މިހާރު ހިނގަމުންދާ އަސްކަރީ ފިޔަވަޅުތަކާއި، ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ޗައިނާއާ ޖެހިގެން އޮންނަ ތައިވާނުގެ ކޮންޓްރޯލް އޮންނަ ރަށްތައް ވަށައިގެން ކޯސްޓްގާޑުން ޕެޓްރޯލް ކުރުން ހިމެނެ އެވެ.
ލައި ތަކުރާރުކޮށް ޗައިނާއާއެކު މަޝްވަރާކުރަން ހުށަހެޅުއްވި ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެ މީހުންގެ މުސްތަގުބަލް ނިންމޭނީ ތައިވާނުގެ ރައްޔިތުންނަށް އެކަނިކަމަށެވެ.
ތައިވާނުގެ އޮފިޝަލުންނާ ދެކޮޅަށް ޗައިނާއިން މީގެ ކުރިން ވެސް ގާނޫނީ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ތައިވާނުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކުރީގެ ޑި ފެކްޓޯ ސަފީރު އަދި މިހާރު އެ ގައުމުގެ ނައިބު ރައީސް ސިއާއޯ ބީކިމްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ތައް އެޅުން ހިމެނެ އެވެ.