ބޮއިކޮޓް ކުރި ރައީސަށް އެވޯޑް، ބޮޑު ކުރި ރައީސަށް އެވޯޑެއް ނެތް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ތާރީހާ ނުބައްދަލު ބޮޑެތި އިންވެސްޓްމަންޓްތައް ކުރި ފަސް އަހަރެވެ. ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ޓޫރިޒަމާ ގުޅުންހުރި 140 އަށް ވުރެ ގިނަ އިންވެސްޓްމަންޓު ކޮށްފައިވެ އެވެ. ޓޫރިޒަމް އިންވެސްޓްމަންޓުގެ އަގު ހަތަރު ބިލިއަން ޑޮލަރު (61 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް ޔާމީން: ދެ ބޭފުޅުންން ވެސް ހިދުމަތްކޮށް ދެއްވި

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމަކީ ދިވެހި އިގްތިސޯދަށް ފަހި ކަމާއި އާރޯކަން ގެނެސްދިން ވަރަށް ގިނަ ކަންކަމުގެ ފެށުން އައި ވެރިކަމެކެވެ. އެންމެ ހާއްސަ ކަމަކީ ރާއްޖޭގައި ޓޫރިޒަމް ފެށުމެވެ. މީގެ 50 އަހަރު ކުރީން ފެށުނު ރާއްޖޭގެ ޓޫރިޒަމް ވެފައި ވަނީ އިގްތިސޯދުގެ މައި ތަނބަށެވެ. އެ އިންޑަސްޓްރީއަށް މިއީ ރަން އަހަރެވެ. ޓޫރިޒަމަށް 50 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކޮށްފި އެވެ. ފުލުފުލުގައި ހަތަރު ފަސް އިވެންޓެއް ބާއްވައިފި އެވެ. މަދު ބައެއްގެ ނަން އުނިކޮށް މި އިންޑަސްޓްރީއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދިން ހުރިހާ ފަރާތްތައް / ބޭފުޅުންގެ އަގު ވަޒަން ކޮށްފި އެވެ. ރަން ފިލައާއި ރަން މެޑަލް ދީ ނިންމައިފި އެވެ.

ނަމަވެސް ހިދުމަތުގެ ލިސްޓް ތަރުތީބު ކޮށްފައިވާ ގޮތާއި އެ ލިސްޓްގައި ހުރި އުނިކަމުގެ ބަހުސް މިހާރު އޮތީ ފެށިފައެވެ. ބައެއް ބޭފުޅުންނަށް އެވޯޑް ދީ ހިދުމަތުގެ ރަން ފިލާ އެރުވިއިރު އެފަދަ މާ ހިދުމަތްތެރި ބޭފުޅުން އުނިކުރީ ކޮން ހަމައަކުންތޯ އެތައް ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. މިއީ ސިޔާސީ ކަމެއް ނޫނެވެ. ގައުމީ ކަމެކެވެ. ގައުމުގެ ކަމެކެވެ. އެހެންވީމަ ބަޔަކު ބޭނުން ބަޔަކަށް އެވޯޑްދީ ޓޫރިޒަމްގެ ހިދުމަތްތެރީންގެ ލިސްޓް އެބަޔަކު ބޭނުން ގޮތަކަށް ތަރުތީބުކޮށް އަތުރާ ނުހެދޭނެ އެވެ. އެއީ މިވަގުތު ވެރިކަމުގެ ބާރު އޮތަސް އޮތް ހައްގެއްް ނޫނެވެ.

ޓޫރިޒަމްގެ ރަން ފިލާ ދިނުމުގެ ޖަލްސާ ނުވަތަ "ގާލާ އިވްނިން" ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ފަދައިންނެވެ. "ކަންވީ ގޮތް ތެދުބަހުން ލިޔެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ،" ޓޫރިޒަމް ފެއްޓެވުމަށް ފަހު ދިމާވި ހުރަސްތަކާއި މަޖުބޫރީތަކެއްގެ ސަބަބުން މިހާރުގެ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އާއި މުހައްމަދު އުމަރު މަނިކު އަދި ޗަމްޕާ ހުސައިން އަފީފް އެ މަސައްކަތާއި ވަގުތީ ގޮތުން ވަކިވެވަޑައިގެންނެވިކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް އެ ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. ޓޫރިޒަމްގެ ތާރީހު ވެސް އަދި ދިވެހި ތާރީހު ވެސް ތެދު ބަހުން ލިތެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހެ އެވެ. ތާރީހުގައި ލިޔަންވީ ތިމާއަށް ފެންނަ ވާހަކަތަކެއް ނޫނެވެ. ތިމާ ރުހޭހާ ވާހަކަތަކެއް ވެސް ނޫނެވެ. ރުހުނަސް ނުރުހުނަސް ތެދު ހަގީގަތެވެ. އަދި ލިޔަންވީ އިއްޔެގެ ވާހަކަ އެކަންޏެއް ނޫނެވެ. މިއަދާއި މާދަމާ އަދި އަނެއް ދުވަހުގެ ވާހަކަވެސް ތެދު ބަހުން ލިޔަންވާނެ އެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިން ގައި ރައީސް ސޯލިހް ބައިވެރިވެ ވަޑައިގަންނަވަނީ

ޓޫރިޒަމްގެ 50 އަހަރުގައި ތެދު ބަހުން ލިޔަންވީ ހަމައެކަނި އެ އިންޑަސްޓްރީ ފެށިގެން އައި ގޮތުގެ ވާހަކައެއް ނޫނެވެ. މި 50 އަހަރުގެ ހިދުމަތެވެ. އެ ހިދުމަތް ކުރެއްވި ބޭފުޅުންނެވެ. އެންމެ ގިނަ ހިދުމަތް ކުރެއްވި ބޭފުޅުންގެ ވާހަކަ އެވެ. ކިތަންމެ ކުޑަ ހިދުމަތެއް ކޮށްފައިވީ ނަމަވެސް އެ ބޭފުޅެއްގެ ވާހަކަ އެވެ. ނަމަވެސް ކަންކުރީ އެގޮތަކަށް ނޫނެވެ. އެކަން އެންމެނަށް ފާހަގަވެއްޖެ އެވެ. އެންމެ ބޮޑަށް ފާހަގަވީ އެއްކަމަކީ ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ނަންފުޅު ހިމަނާލަން ވެސް ނުކެރުމެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ޓޫރިޒަމަށް ގެނައި ބޮޑު އިންގިލާބުގެ ވާހަކަ ފާހަގަކޮށްލަން ވެސް ނުކެރުމެވެ. ޔަގީންވެސް އެއީ ތާރީހަށް ދޫކޮށްލި ނުރަނގަޅު މެސެޖެކެވެ. ތެދުބަހުން ސާފުކޮށް ލިޔާން ޖެހޭ ކަމަށް ވިދާޅުވި ދިވެހި ޓޫރިޒަމް ތާރީހަށް ގެނައި އުނިކަމެކެވެ. ހުސް ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ތާރީހާ ނުބައްދަލު ބޮޑެތި އިންވެސްޓްމަންޓްތައް ކުރި ފަސް އަހަރެވެ. ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި 140 އަށް ވުރެ ގިނަ އިންވެސްޓްމަންޓު ކޮށްފައިވެ އެވެ. އެއީ ޓޫރިޒަމް މިނިސްޓްރީގެ ފައިލްތައް ހުޅުވާލުމުން ފެންނާން ހުންނާނެ މައުލޫމާތެވެ.

ޔާމީންގެ ދައުރުގައި ޓޫރިޒަމް އިންވެސްޓްމަންޓުގެ އަގު ހަތަރު ބިލިއަން ޑޮލަރު (61 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި ފުރަތަމަ ފަހަރަށް އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ލޯންޗް ކުރީ އެމަނިކުފާނުގެ ވެރިކަމުގަ އެވެ. އެއީ ލ. އަތޮޅުގައި ބަރެސްދޫގެ އިންޓްގޭޓެޑް ޓޫރިޒަމް ނަމުގައި ހިންގަން މަސައްކަތް ކުރެއްވި މަޝްރޫއެކެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވުނެވެ.

އެހެން ވިޔަސް ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު 50 އަށް ވުރެ ގިނަ ރިސޯޓް ހުޅުވި އެވެ. އަދި އެނދުގެ އަދަދު 20،000 އަށް ވުރެ އިތުރު ކުރި އެވެ. ފަޅު ހިއްކައިގެން އިންޓަގްރޭޓެޑް ތަފާތު ކޮންސެޕްޓުގެ ރިސޯޓު ހަދަން ފުރުސަތު ދިނީ ވެސް އެމަނިކުފާނުގެ ވެރިކަމުގަ އެވެ. މިގޮތުން ޓޫރިޒަމަށް ފައްކާ ކުރަން 25 ފަޅެއް އެ ވެރިކަމުގައި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު ދޫކުރި އެވެ. މި ފަޅުތަކުގައި އިންވެސްޓް ކުރުމަށް ދުނިޔޭގެ މަޝްހޫރު އެތަަށް އިންވެސްޓަރުންނެއް ރާއްޖެ އައެވެ.

ޗަމްޕާ ކުންފުނިން ތަރައްގީ ކުރި ހުރަވަޅި ރިސޯޓް ހުޅުއްވައިދެއްވާ ރައީސް ޔާމީން ޗަމްޕާ މުހައްމަދު މޫސާއާާ ސަލާމް ކުރައްވަނީ

މި ފަޅުތަކުގައި ދުނިޔޭގެ މަތީ ފަންތީގެ ޓޫރިޒަމް ޕްރޮޕަޓީތައް ހުޅުވިގެން ދިޔަ އެވެ. މީގެ ތެރެއިން އެއް މަޝްރޫއަކީ ތައިލެންޑުގެ ސިންހަ ކުންފުނިން އެނބޫދޫ ފަޅުގައި ހަތް ރަށް ހިއްކައިގެން ހެދި ކްރޮސްރޯޑް އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި މިގޮތަށް ހިންގި ފުރަތަމަ ޓޫރިޒަމް މަޝްރޫއެވެ. އެތަނުގައި ޝޮޕިން ފެސިލިޓީތަކާއި ގިނަ ރެސްޓޯރެންޓްތައް އެ ހުރީއެވެ. މިތަން ހަދާފައިވަނީ ދިވެހި އާޓިސްޓުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށެވެ.

ދުނިޔެއަށް މަޝްހޫރު ހާޑްރޮކް ހޮޓެލް އާއި މިނިސްޓްރީ އޮފް ކްރެބް އަދި ސައިލެގޫން ފަދަ ބްރޭންޑުތަކުގެ ތަންތަން މިތަނުގައި ހުޅުވި އެވެ. މީގެ އިތުރުން އެ ފަސް އަހަރު ނިމުނު ނަމަވެސް އެ ދުވަސްވަރު ދޫކުރި ފަޅުތަކުގައި މި އަހަރާ ހަމައަށް ވެސް ދަނީ ރިސޯޓުތައް ހުޅުވަމުންނެވެ. މީގެ އިތުރުން މާލެ އަތޮޅުން އެ ވެރިކަމުގެ ފަސް އަހަރު ދޫކުރި ފަޅެއްގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރިޒްކާލްޓަންގެ ރިސޯޓެއް ވެސް ހުޅުވި އެވެ. މިިއީ ވެސް ފަޅެއް ހިއްކައިގެން ހެދި ރިސޯޓެވެ. އެއީ ތިން ރަށުގެ މައްޗަށް އެކުލެވޭ ރިސޯޓެކެވެ. މީގެ އިތުރުން ޔާމީންގެ ވެރިކަމުގައި މާލެ އަތޮޅުން ދޫކުރި ފަޅެއްގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް ބްރޭންޑް ކަމަށްވާ ވޮލްޑޯފް އެސްޓޯރިއާގެ ރިސޯޓެއް ވެސް ހުޅުވާ މިހާރު އެ ވަނީ ހިދުމަތުގައެވެ.

މިހެން ގޮސް ކިތަންމެ މިސާލެކެވެ. ނަމަވެސް ޓޫރިޒަމްގެ އެންމެ ހިދުމަތްތެރި ރައީސުންގެ ލިސްޓުން އެމަނިކުފާނަށް ޖާގައެއް ނެތެވެ. ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޓޫރިޒަމްގެ ހިދުމަތުގެ ރަން ފިލާ ހައްގެކެވެ. އެކަމާއި ދެބަސްވުމެއް ނެތެވެ. ނަމަވެސް ލިސްޓެއް ތަރުތީބުކޮށް ކުރީގެ ތިން ރައީސުންނަށް ހިދުމަތުގެ ރަން ފިލާ އެރުވުމަށް ފަހު ޓޫރިޒަމްގެ ހިދުމަތްތެރި ރައީސުންނަކީ އެއީ ކަމަށް ދެއްކުމަކީ ބޭއިންސާފުގެ އިންތިހާބެވެ.

ކްރޮސްރޯޑް: މިއީ ކުރީ ސަރުކާރުން ހިންގި އެންމެ ބޮޑު ޓޫރިޒަމް މަޝްރޫއު

ސަރުކާރުގެ މި އަމަލާއެކު އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ބައެއް މީހުންގެ ފާޑުކިޔުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އަމާޒު ކުރައްވާފައިވެއެވެ. އެމަނިކުފާނަކީ އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވިއިރު ދިވެހި ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލެއްވި ވެރިއެއް ކަަމަށް ބުނެ އެފަދަ ބޭފުޅަކަށް ރަންފިލާ ހައްގު ނޫން ކަމަށް ބުނެ އެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ވެސް އާ ރަށްތަކެއް ދޫކޮށް ރިސޯޓުތަކެއް ހުޅުވި ކަމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ރަށްތައް ދޫކުރީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުސޫލުންނެވެ، ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގަން ޝަރުތުކޮށް ރަށްތަކެއް ދޫކުރިއެެވެ. ރަށްރަށުގައި ނަރުދަމާ އާއި ދަތުރުފަތުރު ފަދަ އަސާސީ ހިދުމަތް ގާއިމް ކުރަން ޝަރުުތުކޮށް 400 އެއްހާ ރަށް ވަނީ ދުކޮށްފައެވެ. ނަމަވެސް ދޫކުރި މަގުސަދު ހާސިލުވީ ވަރަށް ކުޑަ މިންވަރަކަށެވެ. ދެން ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ދޫކުރި ރަށްތައް ހަދައި އެ މީހުން ރިސޯޓް އޯނަރުންނަށްވި މަންޒަރެވެ.

ޓޫރިޒަމްގެ ހިދުމަތުގައި ރައީސް މުހައްމަދު ނަޝީދުއަށް ދެވޭ އެންމެ ބޮޑު ކްރެޑިޓަކީ ގެސްޓްހައުސް ވިޔަފާރި އަލުން ތައާރަފުކުރުމެވެ. ނަމަވެސް އެކަމުގައިވެސް މުޅި ހަގީގަތް ހާމަކުރަން އެމްޑީޕީގެ އެއްވެސް ސަރުކާރަކުން ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އެކަމުގައި ނަޝީދުގެ ވެރިކަމުގައި ކުޅުނު ދައުރުގެ ވާހަކަ އެކަނި ތާރީހުގައި ލިޔާށެވެ. ނަމަވެސް އެއީ އިންސާފެއް ނޫނެވެ. އަދި އެކަން ވާނެ / ވާންވީވެސް ގޮތެއް ނޫނެވެ.

ކުރީގެ ރައީސް ނަޝީދަށް ހިދުމަތުގެ ރަންފިލާ އެރުވުން: ލޯކަލް ޓޫރިޒަމް އަލުން ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި

ރާއްޖޭގައި 1970 އާއި 1980 ގެ އަހަރުތަކުގައި ރަށްރަށުގެ ގެސްޓްހައުސްތަކުގައި ޓޫރިސްޓުން މަޑު ކުރިކަން ތާރީހުން ހެކިވެ އެވެ. މާލެ އަތޮޅުގައި ބައެއް ރަށްރަށާއި އަރިއަތޮޅުގެ ބައެއް ރަށްރަށުގެ ގޭގޭގައި ޓޫރިސްޓުން ބައިތިއްބަމުން ދިޔަ ދުވަސްވަރެއް ވެސް 1980 ގެ ކުރީކޮޅު އޮތެވެ. އެންމެ ގިނައިން ޓޫރިސްޓުން ތިބި އެއް ރަށަށީ ކ. ގުޅި އެވެ. ގުޅީގެ "ޗާންދަނީގެ" އަކީ މިގޮތުން "ހޯމްސްޓޭ" ނުވަތަ ގެސްޓްހައުސްގެ ގޮތުގައި ޓޫރިސްޓުން ތިބި ގެއެކެވެ. މިހާރު އެ ގެއަށް ނިސްބަތްވާ ގެސްޓްހައުސްއެއް "ޓްރޮޕިކްޓްރީ" ގެ ނަމުގައި ހިންގަމުންދެއެވެ. މި އާއިލާ ގެސްޓްހައުސް ވިޔަފާރީގެ ތެރެ އަށް ވަދެފައިވަނީ ހޯމްސްޓޭގެ ތެރެއިން ލާފަ އެވެ. އެ ރަށަށް ދާ މެހުމާނުންނަށް ހިދުމަތް ކުރުމުގައި އެ ގޭގެ ވެރިޔާ އަލްމަރުހޫމް އިބްރާހިމް ފުޅު (ގުޅީ އިބްރާހިމް ފުޅު) އުޅުއްވި އެވެ. އެއީ 1970 ހިސާބު އެވެ.

އަނެއްކޮޅުން ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅުގައި ގެސްޓް ހައުސް ހިންގަން މަަސައްކަތް ކުރި އެއްބޭފުޅަކީ އދ. މާމިގިލީ، ލިލީގެ އަބްދުލް ހަންނާން އިބްރާހިމެވެ. އެއީ ދިވެހި ޓޫރިޒަމް އިންޑަސްޓްރީއަށް އެންމެ ބޮޑު އިންގިލާބެއް ނެގުވި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އޭނާގެ ގޭގައި ހަދާފައިވާ ތިން ކޮޓަރީގެ އިމާރާތެއްގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަން ހުއްދައަށް އެދުމުން އެ ހުއްދަ އޭރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާއިން ނުދީގެން މަދަނީ ކޯޓަށް މައްސަލަ ހުށައެޅި އެވެ.

އދ. މާމިގިލީ، ލިލީގެ އަބްދުލް ހަންނާން އިބްރާހިމް ހުށައެޅި މައްސަލައާ ގުޅިގެން ކޯޓުން ނިންމި ނިންމުން

ދިގު ލައިގެންދިޔަ އެ މައްސަލާގައި އޮގަސްޓް 13، 2008 ގައި ކުރި ހުކުމްގައި އައު ގާނޫނު އަސާސީން ފަހިކޮށް / ފުޅާކޮށް ލިބިދިން ހައްގުތަކާއި ހުއްދަތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިނުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތުމުން އެ ހުއްދަ އަބްދުލް ހަންނާން އިބްރާހިމަށް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. އެހާތަނަށް ހުއްޓިފައި އޮތް ގެސްޓްހައުސް ވިޔަފާރި އަލުން ފެށުނު ހިސާބަކީ އެއީ އެވެ. އެ އަމުރާއެކު ގެސްޓްހައުސްގެ އެންމެ ބޮޑު މާކެޓެއް މިއަދު އޮތް މާފުށީގައި ގެސްޓްހައުސް ހެދުމުގެ މަސައްކަތް ފެށުނެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު ބައެއް ގެސްޓްހައުސްތަކުގެ މަސައްކަތް ނިމި ހުރީ ހިދުމަތަށް ނެރެފައެވެ. ނުވަތަ ހިދުމަތަށް ނެރެން ފައްކާވެފަ އެވެ. އެ ފަދަ ބައެއް ގެސްޓްހައުސްތައް އެމަނިކުފާނު ހުޅުވައިދެއްވިވެސް މެއެވެ.

އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ބޮޑުކުރުމަށް އެހީތެރިވެ ދެެއްވިއެވެ. އެކަމަށް މަގު ފަހިކޮށްދެއްވިއެވެ. ފުރުސަތުތައް ފަހިކޮށް ދެއްވިއެވެ. ހަގީގަތަކީ މިއީ އެވެ. މި ހަގީގަތް ފޮރުވަން އުޅުނަސް އެކަމެއް ނުކުރެވޭނެ އެވެ. އަދި ގެސްޓްހައުސް ވިޔަފާރި އަލުން ވަރުގަދަކޮށް އިއާދަވުމުގައި ރައީސް ނަޝީދުގެ ދައުރެއް ނެތޭވެސް ނުބުނެވޭނެ އެވެ. އެ ހަގީގަތްވެސް އޮޅުވާނުލެވޭނެ އެވެ.

ހިދުމަތުގެ އެންމެ ބަލިކަށި ސަފްހާގައި މި ސަރުކާރު

ނިމިދިޔަ ކޮންމެ ސަރުކާރަކުން ޓޫރިޒަމް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެ މަސައްކަތް ކުރުމުގައި މި ސަރުކާރުވެސް ދެމި އެބައޮތެވެ. ނަމަވެސް ހިދުމަތުގެ ސަފްހާތަކުން އެންމެ ބަލިކަށިކޮށް ފެންނަނީ މި ސަރުކާރުގެ ހަތަރު އަހަރެވެ. ކާމިޔާބީ އެންމެ ކުޑައީ މި ސަރުކާރުގައެވެ.

ޓޫރިޒަމަށް ފައްކާކުރަން ދެ ފަހަރެއްގެ މަތީން މި ސަރުކާރުން ރަށްތައް ނެރެފިއެވެ. ޖުމްލަ 17 ރަށެއް މާކެޓަށް ނެރުނެވެ. ކޮވިޑުގެ ބަލިއޮއްވައި މާކެޓް ކުރަން އެކަށީގެންވާ މަސައްކަތް ތަކެއް ކުރެވިފައެއް ނުވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގައި ހިނގައިގެން ވެސް އެވޯޑް ކުރެވޭ ވަރުވީ ހަތް ރަށެކެވެ. ފުރަތަމަ ބުރުގައި އެންމެ ޕާޓީއެކެވެ. ދެވަނަ ބުރުގައި ހަ ޕާޓީއެވެ. އޭގެ ތެރެއިން ވެސް މިހާތަނަށް ޓޫރިޒަމަށް ފައިސާ ދައްކަން މަސައްކަތް ފަށައިގަނެވޭ ހިސާބުގައި އޮތީ އެންމެ ހަތަރު ޕާޓީއެކެވެ. އެހެންވީމަ މި ދައުރުގައި އެ ރަށްތަކަށް ހިދުމަތަށް ނެރެވޭނެތޯ ސުވާލު އުފެދެއެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންއަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުން: އަރިހުގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް

އަނެއްކޮޅުން މިއީ ޓޫރިޒަމަށް ނެރުނު ރަށްތަކުގެ އަގު އެންމެ ބޮޑަށް ވައްޓާލި ދައުރެވެ. މިއިން އަހަރަކު ރާއްޖޭގެ ރަށެއް ޓޫރިޒަމަށް ދޫނުކުރާހާ ކުޑަ އަގެއްގައި ދޫކުރަން ހުޅުވާލި އެވެ. އިއުލާނުގެ މުއްދަތު ތިން ހަތަރު ފަހަރު މަތީން އިތުރުކުރަން ޖެހުނެވެ. ކުރީން ނަމަ ރަށްތަކުގެ ލިސްޓް ނެރުމާއެކު އޮންނަނީ ވިކިފައެވެ. މިފަހަރު ދެތީން ފަހަރަށް މުއްދަތު އިތުރުކުރުމުންވެސް ރަށްތައް ގަންނާނެ ބަޔަކު ނުވިއެވެ. އަގުތައް ވައްޓާލި ވައްޓާލީނުން ދެތީން ހަތަރު ފްލެޓް ގަނެވޭހާ އަގުގައިވެސް ރަށްތައް ގަންނަން އިވެންޓަރުންގެ ޝައުގުވެރިކަމެއް ނުހޯދުނެވެ.

ފަހަރުގައި މިއީ މިހާރު ޓޫރިޒަމް މިނިސްޓްރީގައި އޮތް ބަލިކަށި ޓީމުގެ ނާގާބިލްކަމުން ދިމާވި ކަމަކަށްވެސް ވެދާނެ އެވެ. އެގޮތް ވަރަށް ބޮޑަށް ވައްތަރެވެ.

ޓޫރިޒަމްގެ އަހަރީ ބޮޑު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މި ސަރުކާރުގެ ހަތަރު އަހަރު ޓޫރިޒަމްގެ ތަފާސް ހިސާބުތައް ވިދާޅުވެ ދެއްވާފައެވެ. ވިދާޅުވިއެވެ. ހަތަރު އަހަރުތެރޭ 33 ރިސޯޓް ހުޅުވިއްޖެ އެވެ. 471 ގެސްޓްހައުސް ހިދުމަތަށް ނެރެވިއްޖެ އެވެ. އެއީ 8385 ކޮޓަރި / 16783 އެނދު އެވެ. އެތަންތަނުން އެތައް ހާސް ވަޒީފާތަކެއް އުފެދިއްޖެ އެވެ.

ރައީސް އެ ވިދާޅުވީ ތެދުފުޅެކެވެ. އެއީ މި ސަރުކާރުގެ ހަތަރު އަހަރުގެ ތަފާސް ހިސާބު ފެންނަން އޮތް ގޮތެވެ. ނަމަވެސް ތަފާސް ހިސާބުގެ ބޮޑު މަންޒަރު ހާމަކުރައްވަން ކެރިވަޑައިނުގެންނެވީ އެވެ. ނުވަތަ ގަސްތުގައި އެކަން ނުކުރައްވާ ދޫކޮށްލެއްވީ އެވެ. މި ހަތަރު އަހަރު ހުޅުވުނު 33 ރިސޯޓްގެ ތެރޭގައި މި ސަރުކާރު ވެރިކަމަށް އައިސް ދޫކުރި އެންމެ ރަށެއްވެސް ނެތެވެ. މިހަތަރު އަހަރު ހިދުމަތަށް ނެރުނު 16،783 އެނދުގެ ތެރޭގައި މި ސަރުކާރުގެ ވެރިކަަމަށް އައިފަހުން މަސައްކަތް ފެށުނު އެއްވެސް އެނދެއް ނެތެވެ. މުޅީންވެސް ހުރީ ކުރީ ސަރުކާރުގައި ދޫކޮށް ތަރައްގީވެ ހިދުމަތަށް އައި ރިސޯޓްތަކެވެ. އެހެންވީމަ އެއީ މި ސަރުކާރުގެ ކާމިޔާބުގެ ލިސްޓްގައި ޖަހާ ނިންމާލެވެން އޮތް ކަމެއް ހެއްޔެވެ.

މި ހުރިހާ ކަމެއް މިހެން އޮތްއިރު ޓޫރިޒަމްގެ 50 އަހަރުގެ ތާރީހު ލިޔެ / އެވޯޑްތަކާއި ރަން ފިލާ ދީ ތިޔަ ނިންމަވާލެއްވީ މުހިންމު ނަންތަކެއް / ނަމެއް އުނިކޮށްފައެވެ. އެއް ނަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ ގަސްތުގައި ކުރެއްވި ކަމެއްނަމަ ވަރަށް ގޯހެވެ. ވަރަށް ބޮޑަށް ގޯހެވެ. ޓޫރިޒަމް ތާރީހު ތެދުބަހުން ސާފުކޮށް ލިޔަން ވަސިއްޔަތް ކުރައްވާ އެއީ ދިމާ އިދިކޮޅަށް އެންމެ ފުރަތަމަ އަމަލު ތިޔަ ކުރެއްވީ ރައީސެވެ.

ކޮމެންޓް

3
450
ގީރު ބްރަދާސް
1 year ago

ދުވާލު ހަތަރުދަމު އަމިއްލަ ނަފްސު އިޝްތިހާރު ކުރުން ނޫން އެހެން ރަނގަޅު ހިދުމަތެް ކުރާ މީހެއް ނޫން. އަނެއކާ މި އެވޯޑު ދިން ގިނަ މީހުންނަކީ ވެސް މޭގަ އަތްޖައްސާފަ ތިމަންނަޔަށް ތި އެވޯޑު ދޭމްޖެހޭނެ ބުނި ބަޔަކަށް. ވީމާ އައްނިއަށް އެވޯޑް ދޭން މަޖުބޫރުވާނެ އެވޯޑޭ ބުނީއްސުރެ އޭތި ފަހާ ދުވާ ބައިގަނޑުގެ ކުރީގަ ވިއްޔާ އުޅޭނީ..

ހާލިދު ވަހީދު
1 year ago

ތިޔައީ ތިކަން ކުރާނެ ގޮތް ރައީއް ޔާމީން ހުންނެވި ނަމަވެސް އެ މަނިކުފާނު ހުންނެވި ނަމަ ނަޝީދަކަށް ނުދެއްވާނެ އެކަމަކު ބޮއިކޮޓް ކުރަން ގޮވާލި ނަމަވެސް ރައިސް ނަޝީދަކީ ޓޫރިޒަމަށް ބޮޑު ހިދުމަތެއް ކޮށް ދެއްވި ބޭފުޅެއް

ޙުސެން
1 year ago

އަޅުގަނޑުގެ ހަޔާތުގައި މާލޭގައި އެންމެ ފުރަތަމަ ގެސްޓް ހައުސް އެއް ހުޅުވީ ރައީސް ނާސިރު. ގެސްޓް ހައުސް ބުލޫހެވަން އަށް އައި ގެސްޓުންގެ ތެރޭގައި ސިލޯން ގެ ބޮޑުވަޒީރު ސިރީމާވާ ބަންޑަރަނާޔަކައިގެ ދަރިކަލުން އަނޫރަ ބަންޑާރަނާއިކަ އަދި އޭނާގެ އަންހެންކޮއްކޮ ހިމެނެއެވެ. ޢެބޭފުޅުން ސިލޯނުން މާލެ އަށް ދަތުރުކުރީ މޯލްޑިވް އެކްސް ޕޯރޓަރ ކިޔާ ރާއްޖޭގެ ބޯޓަކުންނެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.