ހާޖީން މާލެ އަންނާނީ ހަތަރު ދުވަހެއްގެ މަތީންނެވެ. އެއީ ޖޫން 24 ވަނަ ދުވަހާއި 28 ވަނަ ދުވަހާއި ޖުލައި ފުރަތަމަ ދުވަސް އަދި ހަތަރުވަނަ ދުވަހު އެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ހައްޖުގެ އަޅުކަމަށް ސައުދިއަރަބިއްޔާއަށް ޝަހީމް ވެސް ވަޑައިގެންނެވި އެވެ. ޝަހީމްއާ އަނބިކަނބަލުން މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ.
މީޑިއާތަކަށް ފޮނުއްވެވި މެސެޖެއް ގައި ޝަހީމް ވިދާޅުވީ ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހާޖީން މިހާރު ވަނީ ފުރަން ތައްޔާރުވެފައި ކަމަށެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެެއްސަކު ނިޔާވި އެވެ. އެއީ މައްކާގައި ނިޔާވެފައިވަނީ ރ.ހުޅުދުއްފާރު، ހަފީޒީހިޔާ، ފާތިމަތު ހަފީޒާ އެވެ. އުމުރުން 80 އަހަރުގައި ހަފީޒާ ނިޔާވީ މި މަހުގެ 13 ވަަނަ ދުވަހު އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އިތުރު ހާޖީއަކު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ދަނީ ފަރުވާ ހޯދަމުންނެވެ. އެހެން އެންމެންގެ ހާލު ރަނގަޅެވެ.
ހާޖީން މާލެ އަންނާނީ ހަތަރު ދުވަހެއްގެ މަތީންނެވެ. އެއީ ޖޫން 24 ވަނަ ދުވަހާއި 28 ވަނަ ދުވަހާއި ޖުލައި ފުރަތަމަ ދުވަސް އަދި ހަތަރުވަނަ ދުވަހު އެވެ.
މި އަހަރުގެ ހައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެ އެވެ. ނަމަވެސް ހައްޖަށް ދިޔަ މީހަކު ވަނީ ކޯޕަރޭޝަންގެ އިންތިޒާމުތައް ވަރަށް ދެރަ ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. އެ މައްސަލަތައް ކަމާގުޅޭ އިދާރާތަކަށް ހުށައަޅާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ވާހަކަތަކާ އެކު މި އަހަރުގެ ހައްޖުގެ އިންތިޒާމުތައް ރަނގަޅު ކަމަށް ބުނެ ބައެއް އިލްމުވެރީން ވަނީ ޕޯސްޓްތައް ކޮށްފަ އެވެ. އޭގެ ތެރޭގައި ހައްޖުގެ އަޅުކަމަށް ނުދާ ބޭފުޅުން ވެސް ހިމެނެ އެވެ. އެކަމާއި ގުޅިގެން އެ ބޭފުޅުންނަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.