ޝްރައްދާ ނިގަމް އާއި ޖެނިފާ ވިންގެޓް އާ ކައިވެނި ރޫޅުން ކަރަން ސިފަކުރީ އެކަން އެވީ އެންމެ ރަނގަޅަށް ކަމަށެވެ.
ބިޕާޝާ ބާސޫއާ މިހާރު ކައިވެނިކޮށްގެން އުޅޭ ކަރަން ސިންގް ގްރޯވާ ވަނީ ދާދި ފަހުން ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާގެ ނާކާމިޔާބު ކައިވެންޏާއި ވަރިތަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.
އޭނާގެ ވަރިތަކާ ބެހޭ ގޮތުން ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބްރޭކްއަޕެއް ނުވަތަ ވަރިއެއް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ނަމަވެސް ދިރިއުޅުމައިގެން ފަހުން ކުރިއަށް ދާއިރު މާޒީގައި ދިމާވި ކަންކަމަކީ އެމީހަކަށް އެންމެ ރަނގަޅަށް ދިމާވި ކަމެއްކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އެގޮތުން އޭނާގެ ކުރީގެ ކައިވެނިތައް ރޫޅި ދިރިއުޅުން ބަދަލުވީ އެންމެ ރަނގަޅަށްކަމަށް އޭނާއަށް މިއަދު އިހުސާސް ކުރެވޭ ކަމަށެވެ.
ކަރަން އިތުރަށް ބުނީ އޭނާގެ ހަޔާތުގައި ހިނގަމުންދާ ކުދިކުދި ކަންކަމާ ބެހޭ ގޮތުން އެއްވެސް މީހަކާ ވާހަކަ ދެއްކުމުގެ ޝައުގުވެރިކަމެއް އެއްވެސް އިރެއްގައި ނެތްކަމަށެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ މައްސަލަތަކެއް އޮންނަ މީހެއް ކަމަށާއި ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ކަންކަން ހޭންޑްލް ކުރުމަށް އެކަހަލަ ޕްރައިވެސީއެއް ހައްގު މީހެއް ކަމަށް އޭނާ ދެކޭކަމަށްވެސް ބުނެފައި ވެއެވެ.
ކަރަން ވަނީ 2008 ވަނަ އަހަރު ބަތަލާ ޝްރަދާ ނިގަމްއާ ކައިވެނިކޮށްފަ އެވެ. އެ ދެ މީހުން ވަރިވީ 10 މަސް ފަހުންނެވެ. އޭގެ ފަހުން ކަރަން ވަނީ 2012 ވަނަ އަހަރު އޭނާގެ ދިލް މިލް ގަޔޭގެ ކޯ ސްޓާ ޖެނިފާ ވިންގެޓާ ކައިވެނިކޮށްފަ އެވެ. އެ ދެމީހުން ވަކިވީ 2014 ވަނަ އަހަރު އެވެ. ކަރަން ވަނީ ބަތަލާ ބިޕާޝާ ބާސޫއާ 2016 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ. އެ މީހުންނަށް ވަނީ 2022 ވަނަ އަހަރު އަންހެން ދަރިފުޅު ދޭވީ ލިބިފަ އެވެ.
ކަރަން ވަނީ ބިޕާޝާ އޭނާގެ ދިރިއުޅުން ބަދަލުކުރި ގޮތް ހިއްސާކޮށްފަ އެވެ. ކަރަން ބުނީ ބިޕާޝާއަކީ އަބަދުވެސް އުފާޥެރިކަން ދޭ މީހެއް ކަމަށާއި އޭނާގެ ދިރިއުޅުމުގައި ކޮންމެ މީހަކު ވެސް އޭނާއާ ގާތްގުޅުމެއް ބާއްވާކަމަށެވެ. ކަރަން މަސައްކަތުގައި ކުރިއަށް ދިއުމަށް ހިތްވަރުދީ އެހީތެރިވެދެނީ ބިޕާޝާ ކަމަށާއި އޭނާގެ އަމިއްލަ ނަފުސު އޭނާއަށް ރަނގަޅަށް ބުނެދިނީ އަންހެނުން ބިޕާޝާކަމަށް ކަރަން ބުންޏެވެ. އޭނާގެ ދިރިއުޅުމުގެ އެތައްކަމެއް ބިޕާޝާ ބަދަލުކޮށްދިން ކަމަށް ކަރަން ބުނެފައިވެއެވެ.
ކަރަން ސިންގް ގްރޯވާ އެންމެ ފަހުން ފެނިގެން ދިޔައީ "ފައިޓާ" އިންނެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރި މި ފިލްމުގައި ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން ފެނިގެން ގޮސްފައިވެ އެވެ. ބިޕާޝާ ބާސޫ އެންމެ ފަހުން ފެނިގެން ދިޔައީ 2020 ވަނަ އަހަރު ރިލީޒްކުރި ސިލްސިލާ "ޑޭންޖަރަސް" އިންނެވެ.