ސޫރިޔާގެ ކުރީގެ ޖެނަރަލެއްގެ މައްޗަށް ހަނގުރާމައިގެ ކުށްތައް ސްވިޑެންގެ ކޯޓެއްގައި ސާބިތުނުވި

ހަމޫއަކީ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ޔޫރަޕުގައި ޝަރީއަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ސޫރިޔާގެ އަސްކަރީ އެންމެ މަތީ އޮފިސަރެވެ.

ސްޓޮކްހޯމް ޑިސްޓްރިކްޓު ކޯޓުގެ ދޮރުމަތީ ފުލުހުންތަކެއް މަޑުކޮށްލައިގެން، ފޮޓޯ: ރޮއިޓާސް

ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ހަނގުރާމައިގެ ކުށްތައް ހިންގިކަމަށް އެގައުމުގެ ކުރީގެ ޖެނެރަލަކަށް ކުރެވޭ ތުހުމަތުތައް ސާބިތުނުވާކަމަށް ސްވިޑެންގެ ކޯޓަކުން ކަނޑައަޅައިފި އެވެ. 

ބުރާސްފަތި ދުވަހު ކޯޓުގެ ހުކުމް އިއުލާނުކޮށް އާންމުކުރި ބަޔާނެއްގައި ސްޓޮކްހޯމް ޑިސްޓްރިކްޓު ކޯޓުން ބުނެފައިވަނީ ހަނގުރާމައިގެ ތެރޭގައި އާންމުންނާއި ހަނގުރާމަވެރިންގެ މެދުގައި ފަރަގުނުކޮށް ސޫރިޔާ އަސްކަރިއްޔާއިން ހަމަލާތައް ދިންކަން ސާބިތުވި ނަމަވެސް، އެ ހަމަލާތަކުގައި ކުރީގެ ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ޙަމޫގެ ޑިވިޝަނުން ބައިވެރިވެފައިވާކަން ޕްރޮސެކިއުޝަނަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. 

އުމުރުން 65 އަހަރުގެ ޙަމޫގެ މައްޗަށް ސްވިޑެންގެ ޕްރޮސެކިއުޓަރުން ކުރި ތުހުމަތަކީ 2012 ވަނަ އަހަރު ސޫރިޔާ އަސްކަރިއްޔާއިން ހިންގި ހަނގުރާމައިގެ ޖަރީމާތަކަށް އެހީތެރިވުމުގެ ކުށެވެ. ހަމޫއަކީ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ޔޫރަޕުގައި ޝަރީއަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ސޫރިޔާގެ އަސްކަރީ އެންމެ މަތީ އޮފިސަރެވެ.

2012 ވަނަ އަހަރުގެ ޖޫން މަހުގައި އުތުރު ސޫރިޔާއަށް އޭނާ ބަދަލުކުރުމުން ޖެހިގެން އައި މަހު އަސްކަރީ ހިދުމަތް ދޫކުރައްވައި ގައުމުން ފިއްލަވައިގެން ތުރުކީއަށް ވަޑައިގެންނެވި އެވެ. އެއަށްފަހު ސޫރިޔާ ސަރުކާރާ ދެކޮޅު ހަތިޔާރު އެޅި ޖަމާއަތަކާ ގުޅިވަޑައިގަތެވެ، 

އެއަށްފަހު 2015 ވަނަ އަހަރު އޭނާ ވަޑައިގަތީ ސްވިޑަނަށެވެ. އަދި އެ ގައުމުން ސިޔާސީ ހިމާޔަތަށް އޭނާ އެދިވަޑައިގެންނެވި އެވެ. އޭނާއަށް ހިމާޔަތް ދިން ނަމަވެސް ހަމޫއަކީ ކުރިން ސޫރިޔާގެ އަސްކަރިއްޔާގެ މަތީ ފަންތީގެ އޮފިސަރެއްކަން އެ ގައުމުގެ އިމިގްރޭޝަން ސާވިސްއިން ސަރުކާރުގެ ސަމާލުކަމަށް ގެނައުމާއެކު 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު އޭނާ ހައްޔަރުކުރި އެވެ. 

ސްވިޑެންގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރި ގޮތުގައި ސޫރިޔާގެ އަސްކަރިއްޔާގެ 11 ވަނަ ޑިވިޝަނުގެ އާމަމެންޓު ޔުނިޓުގެ ވެރިޔާގެ ހައިސިއްޔަތުން ޙުމްޞާއި ޙަމާއަށް ސޫރިޔާ އަސްކަރިއްޔާއިން ދެމުންދިޔަ ހަމަލާތައް ދިނުމަށް ބޭނުންވާ ހަތިޔާަރު ފޯރުކޮށްދިނުމުގައި ޙަމޫ އިސްދައުރެއް އަދާކުރި އެވެ. 

އެ ތުހުމަތުގެ ކުންނަކީ 11 ވަނަ ޑިވިޝަނުން ސޫރިޔާ އަސްކަރިއްޔާއިން އާންމުންނާއި ހަނގުރާމަވެރިންގެ މެދުގައި ތަފާތުކުރުމެއް ނެތި ދެމުންދިޔަ ހަމަލާތަކުގައި ބައިވެރިވިކަން ނުވަތަ ނޫންކަން ކަމަށާއި، އެ ޑިވިޝަނުން ހަމަލާތަކުގައި ބައިވެރިވިކަން ސާބިތުވާނެ މިންވަރަށް ޕްރޮސެކިއުޝަނަށް ހެކި ހުށަހެޅިފައި ނެތްކަމަށް ކޯޓުން ބުންޏެވެ. 

ޑިމޮކްރަސީ ގާއިމުކޮށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވައިލާ 2011 ވަނަ އަހަރު ސޫރިޔާގެ އާންމުންކުރި ސުލްހަވެރި މުޒާހަރާތަކަށް ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ހުރަސްއަޅައި ބާރުގެ ބޭނުންކުރުމުން އުފެދުނު އަހުލީ ހަނގުރާމަ ދިހަ އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވެ އެވެ. 

އެ ހަނގުރާމާގައި ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެ، ސޫރިޔާގެ އުމްރާނީ ވަސީލަތްތަކާއި ބިނާރުތައް ސުންނާފަތިވެފައިވެ އެވެ. އަދި އެގައުމުގެ އިގުތިސާދު އެކީ އިންދިރާސްވެ ހަލާކުވެފައިވެ އެވެ. 

ހަނގުރާމައިގެ ކުރިން ސޫރިޔާގައި ދިރިއުޅުނު 23 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ގައުމު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.