ހަނގުރާމައިގެ އާހިރު އަމާޒާމެދު ނަތަންޔާހޫ އާއި އަސްކަރިއްޔާގެ ދެބަސްވުން

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާން ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ އިސްރާއީލުގެ ޗެނަލް-13 އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ޙަމާސް އެކީ ނައްތައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ

ހަނގުރާމައިގެ އެންމެ ފަހު އަމާޒަކީ ޙަމާސް އެކަނި ނައްތައިލުންކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނިކޮށް، އެ އަމާޒު ހާސިލުކުރެވިދާނެކަމާމެދު އިސްރާއީލު އަސްކަރިއްޔާއިން ސުވާލު އުފައްދައިފި އެވެ. 

ހަނގުރާމައަށް ނުވަ މަސްވެ، ފަލަސްތީނުގެ 37،000 އަށްވުރެ ގިނަ މީހުން މަރުވެ، ޣައްޒާގެ ބޮޑު ބައެއް ސުންނާފަތިވި ފަހުން އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާން ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ އިސްރާއީލުގެ ޗެނަލް-13 އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ޙަމާސް އެކީ ނައްތައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

އޭނާ ސިފަކުރެއްވި ގޮތުގައި ޙަމާސް އެކީ ނައްތައިލުމުގެ ވާހަކައަކީ އާންމުންގެ ލޮލަށް ވެލި އުކުން ފަދަ ކަމެކެވެ. އިތުރަށް އެ ބަސްފުޅު ތަފުސީލު ކުރައްވަމުން ހަގާރީ ވިދާޅުވީ، "ޙަމާސްއަކީ ޚިޔާލެއް، އެއީ ޕާޓީއެއް، އޭގެ މޫތައް ހުރީ އާންމުންގެ ހިތްތަކުގައި،" ކަމަށެވެ. އަދި ޙަމާސް ނައްތައިލެވިދާނެކަމަށް ދެކޭނަމަ އެއީ ކުށްހީއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އަލްޖަޒީރާގެ މުރާސިލާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި ހަގާރީގެ ބަސްފުޅާއެކު ނަތަންޔާހޫ ވަރަށް ބޮޑަށް ކޯފާވި އެވެ. ހަނގުރާމަ ފެށި ދުވަހުން ފެށިގެން ނަތަންޔާހޫ ވިދާޅުވަމުންދަނީ މި ހަނގުރާމަ ނިމުމަކަށް ގެންނާނީ ޙަމާސް އެެކީ ނެތިކޮށްލެވުމުން ކަމަށެވެ. 

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮޑުވަޒީރު އިސްކޮށް އިންނަވާ ހަނގުރާމައިގެ ކެބިނެޓުގެ ނިންމުމަކީ ހަނގުރާމައިގެ އެއް އަމާޒަކީ ޙަމާސް ނެތިކޮށްލުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށް އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ. 

އަދި ހަގާރީގެ ބަސްފުޅާ ގުޅިގެން ސަރުކާރުގެ ވެރިން ނުރުހުން ފާޅުކުރަން ފެށުމުން އަަސްކަރިއްޔާއިންވަނީ ބަޔާނެއް ނެރެ، ހަނގުރާމައިގެ ކެބިނެޓުން ކަނޑައެޅި އަމާޒުތައް ހާސިލުކުރުމަށް ތައްޔާރަށް އަސްކަރިއްޔާ އޮތް ކަމަށާއި، ހަނގުރާމަ ފެށުނީއްސުރެ މަސައްކަތްކުރަނީ އެ އަމާޒަށް ކަމަށް ބުނެފަ އެވެ. 

ހަގާރީގެ ބަސްފުޅަކީ ވިސްނުމެއްގެ ގޮތުގައި ހަމާސް ނެތިކޮށްލުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅެއް ކަމަށާއި، އެ ވާހަކަފުޅު އެނޫން ގޮތަކަށް މާނަކުރުމަކީ އޭގެ އަސްލު ގެއްލޭ ގޮތަށް އެ ވާހަކަ ބޭނުންކުރުން ކަމަށްވެސް އަސްކަރިއްޔާއިން ބުންޏެވެ. 

އިސްރާއީލުގެ ސިޔާސީ މުހައްލިލެއް ކަމުގައިވާ އަކިވާ އެލްޑާ ވިދާޅުވި ގޮތުގައި ހަގާރީގެ ބަސްފުޅާއެކު ހަނގުރާމައިން ހާސިލުކުރުމަށް ނަތަންޔާހޫ ކަނޑައެޅި އަމާޒުތައް ހާސިލުވުމާމެދު އިސްރާއީލުގެ އާންމުންގެ މެދުގައި ޝައްކު އުފެދިފައިވާ ކަމަށެވެ. 

އަދި ނަތަންޔާހޫއާއި އޭނާގެ ވަށައިގެން އެނބުރޭ ސިޔާސީ ފަރާތްތަކާ އިސްރާއީލުގެ އަސްކަރިއްޔާއާ ދެމެދުގައި ދެބަސްވުމެއް އުޅޭކަން މި ކަންކަމުން ސާފުކޮށް ފެންނަ ކަމަށްވެސް އެލްޑާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.