މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑިއާ ކުޅުދުއްފުށި ސިޓީ ކައުންސިލުން ހުސްވި ގޮނޑީގެ ބައި-އިލެކްޝަންގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަންތައް ވަނީ އިއުލާނު ކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑިއާ ކުޅުދުއްފުށި ސިޓީ ކައުންސިލުން ހުސްވި ގޮނޑީގެ ބައި-އިލެކްޝަންގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނު ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑީގެ ބައި-އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ހުސްވީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާ އެވެ.
އެ ގޮނޑިތައް ހުސްވީ އެ ދާއިރާތަކުގެ ކައުންސިލަރު ކަމުގައި ތިއްބެވި ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެ އެ ބޭފުޅުންގެ ދައުރު ފެށުމުންނެވެ. ވިހިވަަނަ މަޖިލީހުގެ ދައުރު މިދިޔަ އަންގާރަ ދުވަހު ވަނީ ފަށާފަ އެވެ.
މާލެ ސިޓީ ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވަނީ އެ ދާއިރާގެ މަޖިލީސް މެންބަރު ކަމަށް ވަޑައިގެންފަ އެވެ. މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހްމަދު ޒަމީރަކީ މިހާރު އެ ދާއިރާގެ މަޖިލީސް މެންބަރެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރަށް ހުންނެވީ އިބްރާހިމް ޝުޖާއު އެވެ. ޝުޖާއު އަކީ ބާރަށު ދާއިރާގެ މެންބަރެވެ.
ވިހިވަނަ މަޖިލީހަށް މި ތިން ބޭފުޅުން ވެސް އިންތިހާބުވެވަޑައިގެންނެވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓްގަ އެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރަށް ހުންނެވި މުހައްމަދު ދާއޫދު ވެސް ވަނީ މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. އެހެންވެ އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުން ވެސް އޮންނާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނު ކޮށްފަ އެވެ. ކުޅުދުއްފުށި އުތުރު ދާއިރާއަށް ވާދަ ކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް ޝަމްނޫޒް މުހައްމަދު ނައީމް އާއި ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް އަހްމަދެވެ.
ހެންވޭރު ހުޅަނގު ދާއިރާ ވާދަ ކުރަނީ ކޮންގްރެސްގެ ކެންޑިޑޭޓް ފާތިމަތު އިޝާން އަލީ އާއި އެމްޑީޕީގެ ކެންޑިޑޭޓް ހައްވާ ޝިފާނާ އެވެ. މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އަލީ ޖިނާދު އާއި ކޮންގްރެސްގެ ކެންޑިޑޭޓް ފާތިމަތު ޝައުފާ ސަލީމެވެ. އަދި ހުޅުމާލެ ދާއިރާ އަށް ކޮންގްރެސްގެ ކެންޑިޑޭޓް އަލީ އައިމަން އާއި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރަޝީދެވެ.