ހައްލަކީ ކުށަށް ޒިންމާކުރުވާ އުމުރު ދަށްކުރުމެއް ނޫން، މާހައުލު ބަދަލުކުރުން: ޝަމީމް

ނަމަވެސް މާހައުލު ބަދަލުކުރުމާއި، އެބަދަލާއެކު ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމަކީ "ސްވިޗަކަށް" ފިތާލުން ކަހަލަ ކަމެއް ނޫން ކަމަށާއި އެއީ ވަގުތު ނަގާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޕީޖީ ހުސެއިން ޝަމީމް: ކުށްކުރާ ކުޑަކުދިން އިސްލާހު ކުރެވޭނީ އެކުދިން އުޅޭ މާހައުލު ބަދަލުކޮށްގެން ކަމަށް ވަނީ ވިދާޅުވެފައި --

ކުޑަކުދިން ކުށަށް ޒިންމާވާ އުމުރު ދަށް ކުރުމަކީ ހައްލު ނޫން ކަމަށާއި، އެކަމަށް ހައްލު ލިބޭނީ އެކުދިން އުޅޭ މާހައުލު ބަދަލުކޮށްގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އަމިއްލަ ބްލޮގްގައި މިއަދު ޝާއިރުކޮށްފައިވާ ލިޔުމެއްގައި ޝަމީމް ވިދާޅުވީ، ރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ފެންނަނީ، އެކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށެވެ. ކުށަށް ހިތްވަރު ލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށާއި، އެހެންކަމުން ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރުން ކަމަށް ވިދާޅުވެފައިވެ އެވެ.

"ޖިނާއީ ތަހުގީގު ކުރުމާއި، ދައުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖުތިމާއީ މައްސަލަތަކަށް އޮތް ހައްލެއް ނޫނެވެ. ޖަލުގެ އާބާދީގެ 70 ޕަސެންޓަށްވުރެ މަތީ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނެވެ. ޖިނާއީ ދައުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ހައްލުވާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައެއް ނުއޮތީހެވެ." ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ކުށްކުރާ ކުދިންގެ މާހައުލު ބަދަލުކުރުމުގެ ބާރު ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް މާހައުލު ބަދަލުކުރުމާއި، އެބަދަލާއެކު ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމަކީ "ސްވިޗަކަށް" ފިތާލުން ކަހަލަ ކަމެއް ނޫން ކަމަށާއި އެއީ ވަގުތު ނަގާ ކަމެއް ކަމަށެވެ. އެކަމަށް ދައުލަތުގެ ވަސީލަތްތައް ވެސް ހޭދަކޮށްގެން އެކުއްޖާއާއި އެކުއްޖާގެ ވަށައިގެންވާ މާހައުލު އެއްކޮށް ބަދަލުކުރެވޭތޯ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. މިކަމުގައި މައިންބަފައިގެ ޒިންމާ ބޮޑު ކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

"މީހުން ޖަލުގައި ބަންދުކުރުމުގެ ފަލްސަފާ ނިޔާކުރަނީ، ޖަލުގައި މީހުން ފަރުވާދީ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖްތަމައަށް ގެނައުން ކަމަށްވީ ނަމަވެސް، އެފަދަ ފުރިހަމަ ހިދުމަތެއް އަދި ދިވެހިރާއްޖެއަކު ނުދެވެއެވެ." ޝަމީމް ފާހަގަކުރައްވާފައިވެ އެވެ.

ރާއްޖޭގައި ކުށުގެ ވެށީގައި 200 އެއްހާ ކުޑަކުދިން އުޅޭއިރު، އެ ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެނަމަ، މިއީ ގައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އަދި އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެ ކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލި ކުރުވުމަށްޓަކައި ކުރަން އެންމެ ރައްކާތެރިކަމެއް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ، ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެކެވެ،" ޝަމީމް ވިދާޅުވި އެވެ.

ކުޑަކުދިން ކުށަށް ޒިންމާވާ އުމުރު ދަށް ކުރަން ސަރުކާރުން ނިންމާފައިވާއިރު، އެފަދަ ކުދިން އިސްލާހު ކުރުމަށް ގާނޫނުން ލާޒިމް ކުރާ ލޯންގް ޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީ ވަކިން ރަށެއްގައި ގާއިމް ކުރަން ވަނީ ނިންމާފަ އެވެ. އެ ރަށަށް ކިޔާނީ "ހޯޕް އައިލެންޑް" ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. އެކުދިން އަނބުރާ މުޖުތަމައުއަށް ނެރޭނީ ރިހެބިލިޓޭޓް ފުރިހަމަކުރުމަށްފަހު އެވެ.

ކޮމެންޓް

1
450
ބިންގޯ
2 months ago

ހައްލަކީ ތަންފީޒުކުރުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.