އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން މިއަދު ބުނީ އިންޑިއާގެ އެ ފިރިހެން މީހާ މަރުވި ހާދިސާ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އިތުރަށް ބަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ތިލަމާލް ބްރިޖު މަޝްރޫއުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހަކު މަރުވެފައިވާތީ އެކަން ބަލަމުންދާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
ބްރިޖުގައި މަސައްކަތުގައި އުޅުނި ބިދޭސީއަކު އަނބުރައިގަނެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ މި މަހުގެ 17 ވަނަ ދުވަހުރޭގެ ވަގުގެއްގައެވެ. އެއީ އިންޑިއާގެ ރައްޔިތެކެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން މިއަދު ބުނީ އިންޑިއާގެ އެ ފިރިހެން މީހާ މަރުވި ހާދިސާ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އިތުރަށް ބަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މާލެއާއި ވިލިމާލެ އަދި ގުޅިފަޅު ގުޅުވައިލުމަށް ހިންގަމުން އަންނަ ތިލަމާލޭ ބުރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އެ މަޝްރޫއަށް ވަރަށް ގިނަ އަދަދެއްގެ ލޭބަރުން އެ ގައުމުން ގެނެސްފައިވެ އެވެ. ތާވަލުން ވަރަށް ބޮޑަށް ކައްސާލާފައި އޮތް އެ މަޝްރޫއުގެ ފުރަތަމަ ބައި މުޅީން ނިންމާލެވޭނެ ކަމަށް މިހާރު ބެލެވެނީ އަންނަ އަހަރުގެ ނިޔަލަށެވެ. ކުރީން އޮތް ގޮތުން މާލެ-ވިލިމާލެ މިދިޔަ އަހަރުގެ އޮގަސްޓް 15 ގެ ނިޔަލަށް ގުޅާލާ އާންމުންނަށް ހުޅުވާލަން ޖެހެ އެވެ.
ރާއްޖޭގައި ލޯނު ނަގައިގެން މިވަގުތު ހިންގަމުންދާ އެންމެ ބޮޑު އެއް މަޝްރޫއުއަކީ މިއީ އެވެ.