މި ދެމަފިރިންނަކީ ބެންގަލޫރުގައި މަސައްކަތް ކުރާ ދެ ސޮފްޓްވެއާރ އިންޖިނިއަރުން.
ބެންގަލޫރުގައި ދިރިއުޅޭ ދެމަފިރިއަކަށް މަހެއްގެ މައްޗަށް އާންމުދަނީގެ ގޮތުގައި ލިބޭ ހަތް ލައްކަ ރުޕީސް ހަރަދުކުރާނެ ގޮތެއް ބުނެދިނުމަށް އާއްމުންގެ ހިޔާލަށް އެދެފިއެވެ.
ފިރިހެން މީހާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދެމީހުނަށް ލިބޭ ބޮޑު އާންމުދަނީ ހޭދަކުރާނެ ގޮތް ނޭނގޭކަމަށާއި އެކަމަށް އާއްމުންގެ ހިޔާލު ބޭނުންކަމަށެވެ. އޭނާ މިވާހަކަ ލިޔެފައިވަނީ ގްރޭޕްވައިން ކިޔާ އިންޑިއާގެ ޕްރޮފެޝަނަލުންނަށް ހާއްސަ އެޕްލިކޭޝަނެއްގަ އެވެ. ފަހުން މިކަން ވައިރަލް ވެފައިވަނީ ގްރޭޕްވައިންގެ ސީއީއޯ އެ ފިރިހެންމީހާގެ ޕޯސްޓްގެ ސްކްރީންޝޮޓެއް އެކްސް ގައި ހިއްސާކުރުމުންނެވެ.
ގްރޭޕްވައިންގެ ސީއީއޯ ތުރިޕަތި މި ޕޯސްޓް ޝެއާރ ކުރަމުން ބުނެފައިވަނީ މީ ވަރަށް އުފާވެރިކަމެއް ކަމަށާއި ކުރިން މުޅިންވެސް ލިބޭ އާއްމުދަނީ ގިނަވާނީ ބޮޑެތި ވިޔަފާރި ވެރިންނަށްކަމަށާއި ނަމަވެސް މިހާރު އާދައިގެ 30 އަހަރުގެ މީހަކަށްވެސް މުއްސަނދިންނަށް ދިމާވާފަދަ މައްސަލައެއް ދިމާވެއްޖެ ކަމަށެވެ.
30 އަހަރުގެ މި ދެމަފިރިންނަކީ ބެންގަލޫރުގައި މަސައްކަތް ކުރާ ދެ ސޮފްޓްވެއަރ އިންޖިނިއަރުން ކަމަށާއި އެމީހުނަށް މަހަކު 7 ލައްކަ ލިބޭއިރު 2 ލައްކަ މިއުޗުއަލް ފަންޑަށް އިންވެސްޓް ކޮށްފައި ދިރިއުޅުމުގެ ހަރަދަށް 1.5 ލައްކަ ހަރަދުކުރާކަމަށް ބުނެފައިވެ އެވެ. މި ދެމަފިރިން ބެންގަލޫރުގެ ރަނގަޅު ސަރަހައްދެގައި ދިރިއުޅެމުންދާއިރު އަމިއްލަ ކާރެއް އޮންނަ ކަމަށާއި ހަރަދުކުރާއިރު މާ ބޮޑަށް ނުބަލާކަމަށްވެސް ބުނެފައިވެ އެވެ. ދެމަފިރިންގެ އަދި ދަރިއަކު ނުހުރެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެދެމަފިރިން މާ ގިނަ ފެންސީ ކަންކަން ކުރަން ޝައުގުވެރި ނުވާކަމަށާއި ހުރިހާ ކަމެއް ކޮށްފައި ކޮންމެ މަހަކު ބާކީ 3 ލައްކަ އެކައުންޓުގައި ހުންނަކަމަށެވެ. އެހެންކަމުން މި ފައިސާ ހަރަދު ކުރާނެ ގޮތުގެ ލަފައަކަށް އެދުނީ ކަމަށްވެސް ފިރިމީހާ ބުންޏެވެ.
މި ވާހަކައާއި ގުޅިގެން ވަރަށް ގިނަ މީހުން ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނީ ދެމަފިރިން ރަނގަޅު ވެކޭޝަންއަކަށް ދިއުމަށާއި އަދި ގެއެއް ގަތުމަށެވެ. އަދި ބައެއް މީހުން ވަނީ އެ ފައިސާ ވިޔަފާރިއަކަށް އިންވެސްޓްކުރުމަށް ލަފާދީފައެވެ. އަދި ޔަތީމުކުދިން ބަލަހައްޓާ ތަނަކަށް ނުވަތަ ޖަނަވާރު ވެލްފެއާ ތަނަކަށް ހަދިޔާ ކުރުމަށްވެސް މީހުން ބުނެފައިވެ އެވެ. އަދި ބައެއް މީހުން މަޖަލަކަށް ހަދާފައި އޭގެން އެއްބައި އެމީހުނަށް ދިނުމަށް އެދިފައިވެ އެވެ.