އެސްއޯއީ އިސްލާހުތައް މި އަހަރު ތަންފީޒުކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ: އޮޑިޓު އޮފީސް

އެސްއޯއީތައް އިސްލާހު ކުރަން އަޅާ ފިޔަވަޅުތައް ލަސްވެއްޖެނަމަ، އެ ފިޔަވަޅުތަކުގެ ސަބަބުން މި އަހަރު ސަލާމަތްވާނެކަމަށް އަންދާޒާކުރާ 1.1 ބިލިއަން ރުފިޔާ ސަލާމަތް ނުކުރެވޭނެ ކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

ސަރުކާރުގެ މާލީ ސިޔާސަތުގެ ދަށުން ދައުލަަތުގެ ކުންފުނިތަކުގެ ހިންގުން އިސްލާހުކޮށް ޚަރަދު ކުޑަކުރަން ތަންފީޒުކުރަން ކަނޑައަޅާފައިވާ ސިޔާސަތުތައް މި އަހަރު ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. 

މެދު ރާސްތާގައި ސަރުކާރުން ހާސިލުކުރަން ކަނޑައަޅާ މާލީ އަމާޒުތައް ބަޔާންކުރާ "މިޑް-ޓާމް ފިސްކަލް ސްޓްރެޓެޖީ- 2024-2026" ރިވީއުކޮށް އެ ސްޓްރެޓެޖީގައި ހިމެނޭ ކަންކަން ހާސިލުވާނެ މިންވަރާ ގުޅޭ ގޮތުން އޮޑިޓު އޮފީހުން ނެރުނު ރިޕޯޓުގައި ފާހަަގަކުރި ގޮތުގައި އެސްއޯއީ އިސްލާހުކުރުމަށް 4 ކަމެއް ސަރުކާރުން ކުރަންޖެހެ އެވެ. 

އޭގެ ތެރެއިން ހަކަތަ/ ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތް ދޭ ކުންފުނިތައް ކަމަށްވާ ސްޓެލްކޯއާއި ފެނަކަގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، ކުރަންޖެހޭ ކަންކަން ހިމެނެ އެވެ. 

އެގޮތުން އެ ކުންފޔނިތަކުގެ އޮނިގަނޑާއި މާލީ އަދި ހިންގުމުގެ ނިޒާމު ވަރަށް ރަނގަޅަށް ބަލައި ދިރަސާކޮށް އެ ހޯދުންތަކުގެ މައްޗަށް އިސްލާހީ ޕްލޭނެއް އެކުލަވައިލަަންޖެހޭކަން ފިނޭންސް މިނިސްޓްރީންވެސް ގަބޫލުކުރާކަމަށް އޮޑިޓު އޮފީހުގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ މަސައްކަތް ހިނގާ ދުވަސްވަރު މި ކުންފުނިތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ހިދުމަތަށް ބުރޫނާރާނެ އަގުތަކުގެ އޮނިގަނޑެއް އެކުލަވައިލންޖެހެއެވެ. ނިމުނު އަހަރުގެ އޮކްޓޯބަރާ ހަމައަށްވެސް އޭޑީބީގެ ކޮންސަލްޓެންޓުންނާއެކު އަގުގެ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ފިނޭންސްއިން ކުރަމުން އައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

އިތުރު ކަމެއްގެ ގޮތުގައި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތެޔޮ ރަނގަޅު އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޑީސަަލުގެ އަގުތައް ހެޖުކޮށްގެން ހެޔޮ އަގެއް ލިބޭނެ ނިޒާމެއް ރޭވުމަށް ވޯލްޑް ބޭންކާއެކު މަސައްކަތްތަކެއް ކުރެވެމުންދާކަން ރިޕޯޓުގައި ފާހަގަކުރި އެވެ. 

ނަމަވެސް މި ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރެވި އެއިން ނަތީޖާއެއް ނެރެވޭނީ އެ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރިއާލައި ހާސިލުކުރަންޖެހޭ ކަންކަން ހާސިލުވެގެންކަން އޮޑިޓު އޮފީހުން ފާހަގަކޮށްފައިވެ އެވެ. އަދި އެއިން ގިނަ ކަންކަން ހުރީ ޕްލޭނުކުރުމާއި ވަސީލަތްތައް ހަމަޖެއްސުމުގެ މަރުހަލާގައި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. 

އެހެންކަމުން އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ހޭދަވާނެކަން ފާހަގަކޮށް، އޮޑިޓު އޮފީހުން ބުނެފައިވަނީ އެ ފިޔަވަޅުތައް މި އަހަރު ތެރޭ ތަންފީޒުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. 

އެސްއޯއީތައް އިސްލާހު ކުރަން އަޅާ ފިޔަވަޅުތައް ލަސްވެއްޖެނަމަ، އެ ފިޔަވަޅުތަކުގެ ސަބަބުން މި އަހަރު ސަލާމަތްވާނެކަމަށް އަންދާޒާކުރާ 1.1 ބިލިއަން ރުފިޔާ ސަލާމަތް ނުކުރެވޭނެ ކަމަށާއި، އަދި މެދު ރާސްތާގައި ސަލާމަތް ކުރެވޭނެ ކަމަށް ފިސްކަަލް ސްޓްރެޓެޖީގައި ބަޔާންކުރާ 5.9 ބިލިއަން ރުފިޔާ ސަލާމަތް ނުކުރެވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. 

މާލީ އިސްލާހީ ފިޔަވަޅުތައް ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރަން ފިޔަވަޅުތަކެއް ސަރުކާރުންވަނީ އިއުލާނުކޮށްފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި އެސްއޯއީތައް އިސްލާހުކުރުމުގެ އިތުރަށް އާސަންދައާއި ސަބްސިޑީގެ ނިޒާމަށް ބަދަލުތަކެއް ގެނައުން ހިމެނެ އެވެ. އެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވިއްޖެނަމަ މި އަހަރު ދައުލަތުގެ ބަޖެޓުން 2.7 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ޝޯޓް ޓާމް ފިސްކަލް ސްޓްރެޓެޖީގައި އަންދާޒާކުރެ އެވެ. އަދި މެދު ރާސްތާއި 12 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.