ޖަޕާނުގައި ނުރައްކާތެރި އިންފެކްޝަނެއް ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ޖަޕާނުގައި ނުރައްކާތެރި ބެކްޓީރިއަލް އިންފެކްޝަންގެ ކޭސްތައް ރެކޯޑް މިންވަރަކަށް އަރާފައިވާއިރު، މި ބަލި އިތުރުވާން މެދުވެރިވި ސަބަބެއް މިހާތަނަށް ތަޖުރިބާކާރުންނަށް ދެނެގަނެވިފައެއް ނުވެއެވެ.

ޖަޕާނުގައި ނުރައްކާތެރި ބެކްޓީރިއަލް އިންފެކްޝަނެއް ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ. ޖޫން މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ސްޓްރެޕްޓޮކޮކަލް ޓޮކްސިކް ޝޮކް ސިންޑްރޯމް (އެސްޓީއެސްއެސް) ގެ 977 ކޭސް ރެކޯޑްކޮށްފަ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް މި ބަލީގައި 77 މީހަކު މަރުވެފައިވާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޖަޕާނުގައި މިހާރު ފެތުރެމުންދާ އިންފެކްޝަން ވަނީ މިދިޔަ އަހަރުގެ 941 ޕްރިލިމިނަރީ އިންފެކްޝަންގެ ރެކޯޑް ފަހަނައަޅައި ގޮސްފަ އެވެ. ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީޒްއިން ރިޕޯޓްކޮށްފައި ވާގޮތުން މިދިޔަ އަހަރު އެސްޓީއެސްއެސް ޖެހިގެން 97 މީހުން މަރުވެފައިވާއިރު، މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވި އަހަރެވެ.

އެސްޓީއެސްއެސް އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ނުރައްކާތެރި ބެކްޓީރިއަލް އިންފެކްޝަނެއް ކަމަށާއި ބެކްޓީރިއާ ތައް ހަށިގަނޑުގެ ޑީޕް ޓިޝޫތަކަށާއި ލޭގެ ތެރެއަށް ފެތުރި އިންފެކްޝަން އުފެދޭ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. ބަލި މީހުންނަށް އެންމެ ފުރަތަމަ ހުން އައުމާއި، މަސްތަކުގައި ރިއްސުމާއި، ބަނޑުގައި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވާ އިރު، ފުރާނައަށް ނުރައްކާވާފަދަ އަލާމާތްތައްވެސް ފެނެ އެވެ.

އެސްޓީއެސްއެސްގެ ގިނަ ކޭސްތައް ދިމާވަނީ ގްރޫޕް އޭ ސްޓްރެޕްޓޮކޮކަސް (ޖީއޭއެސް) ބެކްޓީރިއާގެ ސަބަބުންނެވެ. އަދި އޭގެ ސަބަބުން މައިގަނޑު ގޮތެއްގައި ކުޑަކުދިންނަށް ހުން އައުމާއި ކަރުގައި އިންފެކްޝަން އުފެދުން ފަދަަ ކަންކަަން ކުރިމަވިެ އެވެ. ވަރަށް މަދު ހާލަތްތަކުގައި ސްޓްރެޕް އޭ އިންވޭސިވް ވެގެންދަނީ ބެކްޓީރިއާއިން ވިހައެއް އުފައްދައި، ލޭގެ ތެރެއަށް ވަނުމަށް މަގުފަހިކޮށްދީ، ވިހަ ޝޮކް ފަދަ ބޮޑެތި ބަލިތަކަށް މަގުފަހިވުމުންނެވެ.

އިންވޭސިވް ގްރޫޕް އޭ ސްޓްރެޕް އިންފެކްޝަންތައް ކޮވިޑް-19 ގެ ކޮންޓްރޯލްތަކުގެ ތެރެއިން މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމުން ވަރަށް ބޮޑަށް ހުއްޓުވި ނަމަވެސް އެ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ގިނަ ގައުމުތަކުގައި ކޭސްތައް އިތުރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އިނގިރޭސިވިލާތުގައި ގްރޫޕް އޭ ސްޓްރެޕްޓޮކޮކަސް އިންފެކްޝަން އިތުރުވަމުންދާއިރު، މިހާތަނަށް 10 އަހަރުން ދަށުގެ 6 ކުއްޖަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ރިޕޯޓްކުރި ގޮތުގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫރަޕްގެ ފަސް ގައުމަކުން މި އިންފެކްޝަން ފެނިފައިވާއިރު އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.

މިދިޔަ މާޗް މަހު ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެސްޓީއެސްއެސްގެ ކޭސްތައް އިތުރުވާނެ ކަމުގެ އިންޒާރު ދީފަ އެވެ. ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީޒް އިން ނެރުނު ރިސްކް އެސެސްމަންޓެއްގައި ބުނެފައި ވަނީ އައިޖީއޭއެސްގެ ސަބަބުން އެސްޓީއެސްއެސް ޖެހޭ މީހުންގެ އަދަދު ޖުލައި 2023 އިން ފެށިގެން އިތުރުވެފައިވާ ކަމަށާއި ހާއްސަކޮށް 50 އަހަރުން ދަށުގެ މީހުންގެ ތެރޭގައި ކަމަށެވެ.

ސީޑީސީން ބުނީ އުމުރުން ދުވަސްވީ މީހުންނަށް އެސްޓީއެސްއެސް ޖެހުމުގެ ފުރުސަތު ބޮޑު ވާނީ ގައިގެ ހަލާކުވެފައިވާ ފާރުކޮޅެއް ހުރުން ނުވަތަ ދާދި ފަހުން ސާޖަރީ ހަދާފައިވާ މީހުންނަށް ކަމަށެވެ.

ޖަޕާނުގައި އެސްޓީއެސްއެސްގެ ކޭސްތައް މިއަހަރު އިތުރުވި ސަބަބެއް އަދި ނޭނގޭ ކަމަށް ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ރިޕޯޓްކޮށްފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.